10 ސެޕްޓެމްބަރ 2020 - 22:45

ބޯހިޔާވަހިކަމުގެ މައްސަލަ އަށް މި ސަރުކާރުން ވަރަށް ބޮޑަށް އިހުމާލު ވަމުންދާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މުއިއްޒު ސޯޝަލް މީޑިއާ މެދުވެރިކޮށް ބޭއްވި "އާސްކް މުއިއްޒު" ޕްރޮގްރާމްގައި އޭނާ ވިދާޅުވީ މާލޭ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ ހާލަތު ރަނގަޅު ކުރަން އެންމެ ބޮޑަށް މަސައްކަަތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށާއި ހިޔާ މަޝްރޫއުގެ ދަށުން 9،000 ފްލެޓްގެ އަމަލީ މަސައްކަތް ކުރީގެ ސަރުކާރުގައި ފެށި ކަމަށް އޭނާ ވިދާޅުވި އެވެ. އޭރު އެތަންތަން ހަވާލު ކުރަން ނިންމީ ވަރަށް އިންސާފުވެރި އުސޫލަކުން ކަމަށާއި އެކަމަކު މި ސަރުކާރުން އޭގެ ތެރެއިން އެތައް ބަޔަކު މަގުމަތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް އުސޫލަކުން މިދިޔަ ސަރުކާރުން ފްލެޓް ދޭނެ ކަމުގެ ޔަގީންކަން ދީފައިވާ އެއްވެސް ރައްޔިތަކު މަގުމައްޗެއް ނުކުރެވޭނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާ މާލޭގެ މޭޔަރު ކަމަށް ހޮވިއްޖެ ނަމަ، ފްލެޓް ގެއްލުނު ފަރާތްތަކަށް ފްލެޓް އަނބުރާ ހޯދައި ދެއްވާނެ ކަމަށާއި އެކަން ކުރަންވީ ގޮތް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލާއި ސަރުކާރުގެ ތެރެއިން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރާ ގުޅިގެން ސަރުކާރުގެ ތެރެއިން ކުރަންޖެހޭ ކަންކަން ކުރާނެ ގޮތް އަޅުގަނޑަށް އެބަ އިނގޭ. އެހެންވީމަ މިކަންކަމަށް ފަންޑިން ހޯދާނެ ގޮތާއި މިކަންކަން އަޅުގަނޑަށް އެނގޭ." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ މާލެ ސަރަހައްދުން ގޯތި ދޫކުރުންކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުގައި ގިނަ މަސައްކަތްތަކެއް އެކަމަށް ކުރަން ރޭވި ކަމަށާއި އެގޮތުން ގުޅިފަޅާއި ފުށިދިއްގަރު ފަޅު ހިއްކައިގެން ގޯތި ދޫކުރަން ނިިންމި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ސަރުކާރުން އެ މަސައްކަަތް ނުކުރިޔަސް، މޭޔަރު ކަމަށް ހޮވި ވަޑައިގެންފި ނަމަ އެ ފުރުސަތު ހޯދައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ފުށިދިއްގަރު ފަޅު ހިއްކަން ޖެހޭނެ. އެތަނުގެ އޭރުގެ ޕްލޭނަކީ 600 އަށް ވުރެ ބޮޑު ހެކްޓަރުގެ ބިމެއްގައި 20،000 ގޯތި ކަނޑައަޅާފައި އޮންނާނީ. ގޯތި ދިނުމަކީ ކުރަންޖެހޭ ކަމެއް." މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހަދަން ނިންމުމަކީ ބޭކާރު ޚަރަދެއް ކުރުން ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާފާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އިގްތިސާދީ ގޮތުން އެއްވެސް ފައިދާ އެކަމުން ނުލިބޭނެ ކަމަށާއި މި ސަރުކާރުގެ ބޭނުމަކީ ކުރީގެ ސަރުކާރުގެ މަސައްކަތްތަކުގައި އަގެއް ނެތްކަމަށް ދެއްކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޯޓް އަޅައިފިއްޔާ ކުޑަ ދުވަސްކޮޅަކު ބޭނުން ކުރެވޭނީ. ބޮޑު ވޭސްޓެއް، ބޮޑު އިސްރާފެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒުު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން މި ސަރުކާރުގެ ސިޔާސަތެއް ނެތް ކަމަށް މި ސަރުކާރަށް ތާއީދުކުރި މީހުން ވެސް މިހާރު ގަބޫލުކުރާ ކަމަށެވެ.