10 ސެޕްޓެމްބަރ 2020 - 22:21

ރާއްޖޭގެ ރީތިކަން ދައްކުވައިދީ، ޓޫރިޒަމް ޕްރޮމޯޓުކުރުމުގެ ގޮތުން އުރީދޫ އިން "ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި ބައިނަލްއަގުވާމީ ކެމްޕޭނެއް ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ އިތުރުން އޯކާ މީޑިއާ ގްރޫޕާ ގުޅިގެން ކުރިއަށްގެންދާ މި ކެމްޕޭން އުރީދޫ އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލިއަން މީހުންނާ ހަމަ އަށް ފޯރުކޮށްދެވޭނެ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން އުރީދޫގެ ބައިނަލްއަގުވާމީ ނެޓްވޯކުގެ ކަސްޓަމަރުންނަށް، އުރީދޫގެ މީޑިއާ ޕާޓްނަރުންގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޕޯސްޓުތަކަށް ކޮމެންޓްކޮށް، ޝެއާކުރާ މީހުންގެ ތެރެއިން ހޮވޭ މީހުންނަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުގެ އިތުރުން ތަފާތު ހަދިޔާތައް ވަނީ ހުށަހަޅައިފަ އެވެ. މި ކެމްޕޭން ކުރިއަށްދާނީ މި މަހުން ފެށިގެން އަންނަ އަހަރުގެ ކުރީ ކޮޅާ ހަމައަށް ކަމަށް އުރީދޫން ބުންޏެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ މި ކެމްޕޭން ކާމިޔާބުކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޮރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިކަމުގެ ސަބަބުން، އެ ގައުމުުތަކުގައި ތިބޭ މީހުން ރާއްޖެ އަންނަން ބޭނުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ ސަބަބުން ގިނަ ޓޫރިސްޓުންތަކެއް ރާއްޖެ އައުމަށް ހިތް ޖެހިގެންދާނެ. ރާއްޖެއަކީ ދުނިޔެ މި އޮތް ހާލަތުގައި ފަތުރުވެރިން ޒިޔާރަތްކުރަން ރައްކާތެރި މާހައުލެއް، ފަތުރުވެރިންގެ ރައްކާތެރިކަން ގާއިމް ކުރުމަށް އަޅުގަނޑުމެން ވަނީ އެތަކެއް ފިޔަވަޅުތަކެއް އަޅާފައި،" ތޮއްޔިބު ވިދާޅުވި އެވެ.
އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ޚާން ވިދާޅުވިގޮތުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ހީނަރުކަން އައިސް، ގިނަ އާއިލާތަކަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާއިރު އެ ދާއިރާ އަލުން ކުރިއެރުވުމަށް މިކެމްޕޭނުން އެހީވާނެ އެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ބައިނަލްއަގުވާމީ ނެޓްވޯކުތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ ކުރިއެރުން ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ލޮޅުމާއި ގުޅިގެން އެތަކެއް އާއިލާއަކަށް ވަނީ ދަތިތަކާ ކުރިމަތިވެފަ. އެހެންކަމުން މިދަތިތަކުން އަރައިގަތުމަށް ގައުމީ އެއްބާރުލުމަކާއެކު އަޅުގަނޑުމެން "ވިސިޓް މޯލްޑިވްސް ނައު" ޑެސްޓިނޭޝަން ކެންޕެއިން މި ފަށައިގަންނަނީ ރާއްޖޭގެ ރީތިކަން ޕްރޮމޯޓްކޮށް، ފަތުރުވެރިކަމުގެ ދާއިރާއަށާއި އެތަކެއް އާއިލާއަކަށް ފާގަތިކަން ގެނުވައިދިނުމުގެ އުއްމީދުގަ" ނަޖީބް ހާން ވިދާޅުވި އެވެ.