ކޮވިޑަށް ޕޮޒިޓިވްވި 271 މީހަކު ރަނގަޅުވެ، އަލަށް 66 ޕޮޒިޓިވް
ކޮވިޑަށް ޕޮޒިޓިވްވި 271 މީހަކު ރަނގަޅުވެ، އަލަށް 66 ޕޮޒިޓިވް

އިއްޔެގެ ހަވީރު ހަޔަކުން ފެށިގެން 24 ގަޑިއިރު ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 66 މީހުން ކަމަށާއި ކުރިން ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން އިތުރު 271 މީހަކު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ހާމަކޮށްފި އެވެ.

މި 24 ގަޑިއިރު ތެރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 16 ބިދޭސީންނެވެ.

މި އަދަދުތަކާ އެކު، މިހާތަނަށް ރާއްޖޭން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8،900 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 6،559 އަށް އިތުރުވެފަ އެވެ. ބަލީގައި މިހާތަނަށް 31 މީހަކު ވަނީ މަރުވެފަ އެވެ. އެހެންވެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،304 އެވެ.

ޕޮޒިޓިވް މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު އިއްޔެ 127 ގައި ހުރުމަށް ފަހު މިއަދު ވަނީ 134 އަށް އިތުރުވެފަ އެވެ. ޕޮޒިޓިވްވާ ހައި ރިސްކް މީހުން ގިނަކަމުން، އެޑްމިޓްކޮށް ގާތުން ބަލަންޖެހޭ މީހުންގެ އަދަދު މި ދޭތެރެއަކުން ވަރަށް ބޮޑަށް އިތުރުވި ނަމަވެސް މިދިޔަ ހަފުތާއެއްހާ ދުވަހު އެ އަދަދު މަޑުމަޑުން ދަށްވި ކަމަށް ދެއްކި އެވެ.

އެޗްޕީއޭ އިން މިހާރު އަންނަނީ ރަށްރަށުގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އޮތްތޯ ބެލުމަށް ސާމްޕަލް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުންނެވެ. މާލެ ފިޔަވައި އެހެން އެއްވެސް ރަށަކުން އަދި ކޮމިއުނިޓީ ސްޕްރެޑެއް ފާހަގަވެފައެއް ނެތެވެ. ރަށްރަށުން ފެނުނު ހުރިހާ ކޭސްތަކަކީ ވެސް މާލެއިން ގޮސް ރަށުގައި ކަރަންޓީނުވެގެން ތިއްބާ ޕޮޒިޓިވްވި ކޭސްތަކާއި އެ މީހުންނާ ކޮންޓެކްޓް ވެގެން ޕޮޒިޓިވްވި މީހުންނެވެ.