27 އޮކްޓޯބަރ 2016 - 14:24

ސަލާމަތީ ބާރުތަކާ މެދު ނަފްރަތު އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޝަމްއޫން ޖަލީލް (ލޫކަސް) އާ ދެކޮޅަށް ހެކި ނެތުމުން އޭނާގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ފުލުހުން ނިންމައިފި އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ހައްޔަރުކުރި ޝަމްއޫނާ ދެކޮޅަށް ހެކި ނެތުމުން އޭނާގެ އެ މައްސަލާގައި އިތުރު ފިޔަވަޅެއް ނާޅައި، މައްސަލަ ފައިލްކުރަން ފުލުހުން ނިންމީ އެ މައްސަލައިގެ ތުހުމަތުގައި އޭނާ 45 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު މި މަހުގެ 20 ވަނަ ދުވަހު އެވެ.
ޝަމްއޫން 45 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު، މިދިޔަ ސެޕްޓެމްބަރު މަހު ހައި ކޯޓުން އޭނާ މިނިވަންކުރީ ޝަރުތުތަކެއް ކުރުމަށް ފަހު އެވެ. ހައި ކޯޓުން ކަނޑައެޅި ޝަރުތުތަކުގެ ބާރު ހިނގާނީ އޭނާގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމަންދެން ކަމަށްވެފަައި ދައުވާ ނުކުރަން ނިންމައި، މައްސަލަ ފައިލް ކޮށްފައިވާތީ ހައި ކޯޓުން ކުރި ޝަރުތުތައް މިހާރު ނިމުމަކަށް އައީ އެވެ.
ޝަމްއޫންގެ މައްޗަށް ތުހުމަތުކުރި ކުށަކީ ގާނޫނުގައި ކުށެއް ނޫން ކަމަށާއި އެހެންވެ އޭނާ ބަންދު ކުރަން ނުޖެހޭނެ ކަމަށް ބުނެ ޝަމްއޫންގެ ވަކީލުން ކުރިން ދިޔައީ އެކަން ފާހަގަ ކުރަމުންނެވެ.