ވޮލްމާޓުން ޑެލިވަރީ ޑްރޯން ޓެސްޓްކުރަން ފަށައިފި
ވޮލްމާޓުން ޑެލިވަރީ ޑްރޯން ޓެސްޓްކުރަން ފަށައިފި

ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އެމެރިކާގެ މަޝްހޫރު ރިޓައިލް ކުންފުނި ވޮލްމާޓުން ޑެލިވަރީ ޑްރޯން ޓެސްޓްކުރަން ފަށައިފި އެވެ.

ނޯތު ކެރޮލައިނާގައި މިކަން ކުރިއަށް ގެންދަނީ އިޒްރޭލްގެ ކުންފުންޏެއް ކަމަށްވާ ފްލައިޓްރެކްސްއާ ގުޅިގެންނެވެ. އެކަން ކުރުމުގެ ހުއްދަ އެ ކުންފުންޏަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ދިނީ މިދިޔަ އަހަރު އެވެ.

ވޮލްމާޓުން ބުނި ގޮތުގައި ޕައިލެޓް ޕްރޮޖެކްޓަކުގެ ދަށުން މި ވަގުތު ވަކި ސަރަހައްދުތަކަށް ޑްރޯން ބޭނުންކޮށްގެން ޑެލިވަރީކުރާނީ ކާބޯތަކެތީގެ ބާވަތްތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ މުދަލެވެ.

ވޮލްމާޓްގެ ޑެލިވަރީތަކަށް ބޭނުންކުރާ ފްލައިޓްރެކްސްގެ ޑްރޯންތަކަކީ ގަޑިއަކު 32 މޭލަށް ދަތުރުކުރާ އަދި 6.2 މޭލަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯނެވެ. ޕައިލެޓް ޕްރޮޖެކްޓް ކުރިއަށް ގެންދާ އިރު މީގެ ޑެމޯއެއް ވީޑިއޯއަކުން ވެސް ދައްކާލާފައިވެ އެވެ. އޭގައި ފެންނަނީ 80 ފޫޓު މަތިން ޑްރޯން ދަތުރުކުރާ ތަނެވެ.

ޑްރޯންގައި ޑެލީވަރީގެ ހިދުމަތް ޓެސްޓްކުރަން ފެށި ނަމަވެސް މިކަމާ ބެހާ މާ ބޮޑު ތަފުސީލުތަކެއް އަދި ވޮލްމާޓުން އަދި ހާމައެއް ނުކުރެ އެވެ. އެގޮތުން ޑްރޯން ބޭނުންކުރާނެ އަދަދާއި މި ހިދުމަތާ އެކު، މުދަލަށް އޯޑަރުކުރާ ކަސްޓަމަރުން އަމަލުކުރަން ޖެހޭ ގޮތް ފަދަ ތަފުސީލުތަކެއް ނުދެ އެވެ.

އެކަމަކު ވޮލްމާޓުން ބުނީ ޑްރޯން ޑެލިވަރީގެ ހިދުމަތް ވެގެން ދާނީ މުސްތަގުބަލަށް ކަމަށެވެ.

"އަދިވެސް ބައެއް މީހުންނަށް މިކަން ގަބޫލުކުރަން ދަތިވެ މިއީ ސައިންސް ފިކްޝަން ކަމެއްގެ ގޮތުގައި އިހުސާސްކުރެވިދާނެ. އެކަމަކު ޑްރޯން ޑެލިވަރީ އަކީ އަހަރެމެންގެ ވިޔަފާރި ބައްޓަންކުރުމުގައި ވަރަށް މުހިއްމު ދާއިރާއަކަށްވާނެ،" ވޮލްމާޓްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ޓޮމް ވާޑް ވިދާޅުވި އެވެ. "އަހަރެމެންގެ ހިދުމަތުން ކަސްޓަމަރުންނަށް ވީހާ ވެސް ބޮޑަށް ލުއިކޮށް ފަސޭހަކޮށް ދިނުން އެންމެ މުހިއްމު ކަމަކީ."

ޑްރޯން ބޭނުންކޮށްގެން ޑެލިވަރީގެ ހިދުމަތް ދިނުމަކީ ވޮލްމާޓުން މީގެ އަހަރުތަކެއް ކުރިން ފެށިގެން ވިސްނަމުން އައި ކަމެކެވެ. އެގޮތުން އެންމެ ފުރަތަމަ މިކަމާ ގުޅޭ ޓެސްޓްތަކެއް ހަދާފައި ވަނީ 2015 ގަ އެވެ.

އެކަމަކު އަދިވެސް ރަސްމީކޮށް ޑްރޯން ޑެލިވަރީގެ ހިދުމަތް ފަށާނެ އިރެއް ހާމައެއްނުކުރެ އެވެ.

މި މަހުގެ ކުރީކޮޅު އެފްއޭއޭ އިން ވަނީ އޮންލައިން ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ އެމެޒޯނަށް ވެސް ޑްރޯން ޑެލިވަރީގެ ހިދުމަތް ދޭން ހުއްދަ ދީފަ އެވެ. އެއާއެކު އެފްއޭއޭ އިން ވަނީ ޑްރޯން ޑެލިވަރީއާ ގުޅޭ ހާއްސަ އުސޫލުތަކެއް މި އަހަރު ނިމުމުގެ ކުރިން އާންމުކުރަން ވެސް ނިންމައިފަ އެވެ.