10 ސެޕްޓެމްބަރ 2020 - 14:30

ކޮވިޑް-19އާ ގުޅިގެން ގދ. މަޑަވެލި މޮނިޓަރިންއަށް ލާފައި ވަނިކޮށް، ހުއްދަ ނުހޯދައި އެ ރަށުން ފުރައިގެން ބ. ދޮންފަނާ ހަމައަށް ދިޔަ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
މަޑަވެއްޔާ ކޯޒްވޭއަކުން ގުޅިފައި އޮންނަ ހޯޑެއްދޫން ކޮވިޑް-19 ފެނުމުން މަޑަވެލި ވެސް ވަނީ މޮނިޓަރިން އަށް ލައިފަ އެވެ. އަދި އެ ރަށުން ރެންޑަމް ސާމްޕަލް ވަނީ ނަގައިފަ އެވެ.
ފުލުހުން ބުނީ ރޭ ހަތެއް ޖަހާކަންހާއިރު މަޑަވެލިން ފުރައިގެން ދޮންފަނަށް ދިޔަ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ ފިރިހެނެއް ކަމަށެވެ. މަޑަވެލިން އެ މީހާ ފުރަތަމަ ދިޔައީ އެ އަތޮޅު ކާޑެއްދުއަށެވެ. އެ ރަށުން ފްލައިޓުގައި މާލެ އައިސް ފްލައިޓުގައި ދިޔައީ ބ. ދަރަވަންދު އަށެވެ. އެ އަތޮޅު ދޮންފަނަށް ދިޔައީ ލޯންޗެއްގަ އެވެ.
ހޯޑެއްދޫން މިހާތަނަށް 36 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފަ އެވެ. އެ މީހުންނާ ކޮންޓެކްޓްވެފައިވާ 100އަށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ ފާހަގަވެފަ އެވެ. އެ ރަށުގައި ލޯކަލް ޓްރާންސްމިޝަންއެއް އޮތް ކަމަށް ވެސް އެޗްޕީއޭއިން މިހާރު ވަނީ ކަނޑައަޅައިފަ އެވެ.
މަޑަވެއްޔާއި ހޯޑެއްދޫއަކީ ކޯޒްވޭއަކުން ގުޅާފައި އޮންނަ ދެ ރަށް ކަމުން އެކި ބޭނުންތަކަށް ދެ ރަށު މީހުން ވެސް ދެ ރަށަށް ގޮސް އުޅެ އެވެ. އެހެންވީމާ މަޑަވެލިން ވެސް ބަލި ފެނުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުންޏެވެ.