11 ސެޕްޓެމްބަރ 2020 - 06:09

މިދިޔަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިނުގަތުމުން ޝަކުވާކުރެއްވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަން އަލުން އިނާމަށް ހުށަޅައިފި އެވެ.
އެމެރިކާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ޓްރަމްޕްގެ ނަން ނޯބެލް ސުލްހައިގެ އިނާމުގެ ކޮމިޓީ އަށް ހުށަހެޅުއްވީ ނޯވޭގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ކްރިސްޓިއަން ޓައިބްރިންގް-ޖެޑީ އެވެ. އޭނާ އަކީ ނޭޓޯ ޕާލިމަންޓްރީ އެސެމްބްލީގައި ހިމެނޭ ނޯވޭގެ ވަފުދުގެ ޗެއާމަން ވެސް މެ އެވެ.
ޓްރަމްޕްގެ ނަން ސުލްހައިގެ އިނާމަށް ހުށަހަޅަން ނޯބެލް ކޮމެޓީ އަށް ކްރިސްޓިއަން ފޮނުއްވި ސިޓީގައި ވިދާޅުވީ އެމެރިކާގެ މިހާރުގެ ރައީސަށް އިނާމު ހައްގުވާ ކަމަށާއި ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ) އާއި އިރުޒޭލާ ދެމެދު މިދިޔަ މަހު ގުޅުން ގާއިމުކުރުމުގައި ޓްރަމްޕްގެ ސަރުކާރުން ވަރަށް މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ.
"އަދި އެ ނިންމުމަކީ މެދުއިރުމަތީގެ އެހެން ގައުމުކުގެ މެދުގައި ވެސް ސުލްހަ އާއި އެކުވެރިކަން އާލާވުމަށް މަގުފަހިވި ކަމެއް. އެހެންވީމާ ޔޫއޭއީ އާއި އިރުޒޭލް ގުޅުމަށް ޓްރަމްޕްގެ ސަރުކާރުން ވެދިން އެހީތެރިކަމަކީ ޓްރަމްޕަށް ސުލްހައިގެ އިނާމު ހައްގުވާ ވަރުގެ ކަމެއް." ސިޓީގައިވެ އެވެ. "އަދި މެދުއިރުމަތިން އެމެރިކާގެ ގިނަ އަދަދެއްގެ ސިފައިން އަނބުރާ ގެންދިއުމަކީ ވެސް ޓްރަމްޕްގެ އިސްކޮށް ހުންނަވައިގެން ސުލްހަ ކުރެއްވި ވަރަށް މުހިއްމު މަސައްކަތެއް."
ކްރިސްޓިއަން ވިދާޅުވެފައިވާ ގޮތުގައި ޓްރަމްޕް ވަނީ ގުޅުން ގޯސްވެފައިވާ ސިޔާސީ ޕާޓީތަކާއި ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ އަދި އިންޑިއާ އާއި ޕާކިސްތާން ފަދަ ދޭދޭ ގައުމުތަކުގެ މެދުގައި ހުރި މައްސަލަތަކަށް ހައްލު ހޯދަން މަޝްވަރާތައް ކުރުމަށް މަފުފަހިކޮށް ދެއްވަން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ޓްރަމްޕްގެ ނަން ސުލްހައިގެ އިނާމަށް އަލުން ކްރިސްޓިއަން ހުށަހެޅުއްވި އިރު 2018 ގައި ވެސް އޭނާ އާއި ނޯވޭގެ އިތުރު އޮފިޝަލުންތަކެއް ގުޅިގެން ޓްރަމްޕްގެ ނަން ހުށަހެޅުއްވި އެވެ. އެ ފަހަރު އެންމެ ބޮޑަށް ފާހަގަކުރި ކަމަކީ އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންއާ އެކު ސިންގަޕޫރްފައި ޓްރަމްޕް ބޭއްވި ސަމިޓުން ނުކުތް ނަތީޖާތަކުގެ ވާހަކަ އެވެ.
މިދިޔަ އަހަރު ނޯބެލް ސުލްހައިގެ އިމާނު ލިބިވަޑައިނުގަތުމުން ޓްރަމްޕް ޝަކުވާކުރެއްވީ އޭނާ އަށް ލިބެން ޖެހޭ ކަމަށް ދައުވާކުރެއްވި އިނާމު އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދަށް ލިބިވަޑައިގަތުމުންނެވެ.
ޓްރަމްޕްގެ ނަން އަލުން އިނާމަށް ހުށަހެޅުމުން ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމަށް ފާޑުކިޔަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓްރަމްޕަކީ މިހާތަނަށް އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވި އެންމެ ފީކަޅާ ރައީސެވެ. އަދި އޭނާގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ އަގު ވެސް ވަރަށް ބޮށަށް ވެއްޓިފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ޚުދު އެމެރިކާގެ ރައްޔިތުންގެ މެދުގައި ވެސް މިހާރު ޓްރަމްޕްގެ މަގުބޫލުކަން ވަރަށް ކުޑަ އެވެ.
އެހެންވެ ދެވަނަ ދައުރަކަށް ނޮވެމްބަރު 3 ގައި ބާއްވާ އިންތިހާބުން ވެސް އޭނާ ފެއިލްވާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.