ނާޑުން ނުވަ އައިސީޔޫ ވެންޓިލޭޓަރު ގެނެސްފި
ނާޑުން ނުވަ އައިސީޔޫ ވެންޓިލޭޓަރު ގެނެސްފި

ކޮވިޑްގެ ފަރުވާ އަށް ހޯދަން ނާޑު ކުންފުންޏާ ހަވާކުރި 20 ވެންޓިލޭޓަރުގެ ތެރެއިން ނުވަ އައިސީޔޫ ވެންޓިލޭޓަރު މިއަދު ރާއްޖެ ގެނެސްފި އެވެ.

ނާޑް ޕްރައިވެޓް ލިމިޓެޑާ، 24 ވެންޓިލޭޓަރު ހޯދަން ހަވާލުކުރީ ދެ އެއްބަސްވުމަކުންނެވެ. މާޗް 8 ގައި ފުރަތަމަ އެއްބަސްވީ 14 ދުވަހުގެ ތެރޭގައި ހަތަރު ވެންޓިލޭޓަރު ގެންނާށެވެ. އެ ތަކެތި ހަވާލުކުރުމުން، 20 ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ މާޗް 19، ގަ އެވެ.

ހަތް މިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކުރީ ދެ ހަފުތާ ތެރޭގައި ވެންޓިލޭޓަރުތައް ގެންނާށެވެ.

މި މުއްދަތުގައި ވެންޓިލޭޓަރު ނުގެނެވުމުން މުއްދަތު އިތުރުކުރި އެވެ. އެ މުއްދަތަށް ނުގެނެވުނީ، ނާޑުން ބުނިގޮތުގައި، ދުނިޔޭގެ މާކެޓުގައި ވެންޓިލޭޓަރު ހޯދަން ހުރި ދަތިތަކާއި އެ ތަކެތި ރާއްޖެ އާ ހަމައަށް ގެނައުމުގައި ހުރި ދަތިތަކާ ހެދި އެވެ.

ނާޑުން މިއަދު ބުނީ ވެންޓިލޭޓަރުތައް ގެނައީ މިނިސްޓްރީ އާ އެކު އެއްބަސްވެފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް ޖަރުމަނުގެ އެ ތަކެތި އުފައްދާ މެނުފެކްޗަރުގެ އަތުން ކަމަށެވެ. ނާޑަކީ ޖަޕާނާއި ސައުތު ކޮރެއާ އާއި ޗައިނާގެ އިތުރުން ޔޫރަޕުގެ މެޑިކަލް އިކުއިޕްމަންޓް އެންޑް ކޮންޒިއުމަބަލްސް އުފައްދާ ޑަބްލިއުއެޗްއޯ އަދި މުޅި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ގިނަ ކުންފުނިތަކެއްގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރެވެ. ބާކީ ނުގެނެވި ހުރި ހުރިހާ ވެނެޓިލޭޓަރެއް އަންނަ ހަފުތާގައި ގެންނާނެ ކަމަށް ނާޑުން ބުންޏެވެ.

ނާޑުން ބުނީ ވެންޓިލޭޓަރު ގެންނަން ސަރުކާރުން މިހާތަނަށް އެއްވެސް ފައިސާއެއް އެ ކުންފުންޏަށް ދީފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ 2017 އިން ފެށިގެން ސަރުކާރުގެ އެކި ބީލަންތަކުގައި ބައިވެރިވެ މި ކުންފުންޏަށް އެވޯޑު ކުރި ބިޑްތައް ވަރަށް ފުރިހަމަ ކަމާ އެކު ވާނީ ނިންމައިފައި. މިފަހަރު އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވީ ކޮވިޑާ ގުޅިގެން މުޅި ދުނިޔެ އަށް ދިމާވި ދަތިތަކާއި ވެންޓިލޭޓަރުތަކަށް އޮތް ޑިމާންޑް ވެސް ބޮޑުވުމާ ގުޅިގެން،" ނާޑުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ. "މި ދަނޑިވަޅު ވެސް އަޅުގަނޑުމެން މި ބެލީ ހަމަ ދުނިޔޭގެ އެންމެ ރަނގަޅު ވެންޓިލޭޓަރު ގެންނަން. މުޅިން އާ ވެންޓިލޭޓަރު މިއަދު މި ގެނައީ."

އެޑްވާންސަށް ފައިސާ ދޫކުރީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް އެކަންޏެވެ. އެ ކުންފުންޏާ އެކު އެއްބަސްވީ 34 މިލިއަން ރުފިޔާ އަށް 75 ވެންޓިލޭޓަރު ހޯދާށެވެ. އެޑްވާންސް ފައިސާގެ ގޮތުގައި، އެއްބަސްވުމުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެކަމަކު އެ ފައިސާ ދޫކުރީ މާލިއްޔަތު ގަވާއިދާ ޚިލާފަށެވެ.

އޮޑިޓް އޮފީހުން މި މައްސަލަ ތަހުގީގު ކުރަން ލަފާ ދިނުމާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ.