10 ސެޕްޓެމްބަރ 2020 - 12:22

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 46 ޕަސެންޓު ދަށްވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާއްމުކުރާ ވީކްލީ ފިސްކަލް ރިޕޯޓު ބުނާ ގޮތުން މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 8.8 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީ 16.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.
މި އަހަރު ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާގެ އަމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހުއްޓިފައި އޮތުމުން މިއަހަރުގެ މިހާތަނަށް ލިބުނީ އޭގެ ތެރެއިން އެންމެ 30 ޕަސެންޓް، ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
ރާއްޖޭގެ އިގުތިސާދުގެ މައި އިންޑަސްޓްރީ ކަމަށްވާ ޓޫރިޒަމް ހުއްޓުމަކަށް އައުމުން، އިގުތިސާދީ ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. ކޮވިޑާ ގުޅިގެން ހަތަރު މަހެއްހާ ދުވަހަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށް ފަހު ޖުލައި 15 ގައި ހުޅުވުމުން، ޓޫރިޒަމް ދާއިރާއަށް ކޮންމެވެސް ވަރެއްގެ ދިރުމެއް އަންނަނީ ލިބެމުންނެވެ. އެކަމަކު އެއީ މީގެ ކުރިއާ އަޅާބަލާއިރު ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ.
އާމްދަނީ ދަށްވިޔަސް ދައުލަތުގެ ހަރަދު ހުރީ މިދިއަ އަހަރާ ގާތްގަނޑަކަށް އެއްވަރެއްގަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 18.3 ބިލިއަން ރުފިޔާ ހަރަދުކުރި އިރު މިއަހަރުގެ ހޭދަ އުޅެނީ 17.7 ބިލިއަން ރުފިޔާގަ އެވެ.