ޖިންސީ ގޯނާ ކުރީ ކާއެއްޗެހި ހިފައިގެން އަންނަ ބޭރު މީހާ: ވިކްޓިމް
ޖިންސީ ގޯނާ ކުރީ ކާއެއްޗެހި ހިފައިގެން އަންނަ ބޭރު މީހާ: ވިކްޓިމް

މާލޭގެ ކަރަންޓީނު ފެސިލިޓީއެއްގައި ހުއްޓާ ޖިންސީ ގޯނާ ކުރީ، އެތަނަށް ކާއެއްޗެހި ހިފައިގެންދާ ބިދޭސީ ފިރިހެނެއް ކަމަށް ވިކްޓިމް ބުނެފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ކަރަންޓީނު ކޮށްފައި ހުރި އުމުރުން 26 އަހަރުގެ އަންހެންމީހާ "މިހާރު" އަށް މިއަދު ބުނީ، އޭނާ އަށް ޖިންސީގޯނާކުރީ، ކޮޓަރި އަށް އާންމުކޮށް ކާއެއްޗެހި ހިފައިގެން ދާ ބިދޭސީމީހާ ކަމަށެވެ.

އޭނާ ބުނީ، އެ ބިދޭސީމީހާ އެ ދުވަހު ކޮޓަރި އަށް ދިޔައީ ގެއިން ހޮޓަލަށް ފޮނުވި ފޮށިގަނޑެއް ހިފައިގެން ކަމަށެވެ. އެ ފޮށިގަނޑުގައި ހުރީ ކޮން އެއްޗެހިތަކެއްތޯ ބަލައި ސުވާލުކުރި ކަމަށް ވެސް އަންހެންމީހާ ބުންޏެވެ.

"އަހަރެން ބުނިން [ފޮށިގަނޑުގައި ހުރީ ގެއިން ފޮނުވައިދޭން އެދުނު އެއްޗެހި] ހަމަ ބުނި އެއްޗިއްސޭ،" އޭނާ ކިޔައިދިނެވެ.

"ފޮށިގަނޑު ބަހައްޓަން އަހަރެން [ކޮޓަރި އަށް] ވަނީމާ އޭނަ ފަހަތުން ވަދެ ދޮރު ލެއްޕީ. އަޅުގަނޑު ވަގުތުން ބުނިން ތީ މަނާ ކަމެކޭ ނުކުންނާށޭ. ކޮވިޑް ޖެހިދާނެތީ ބިރެއް ނުގަނޭހޭ."

އެހެން އެދުމުން ވެސް އެ ބިދޭސީމީހާ ކޮޓަރިން ނުނިކުތް ކަމަށް އަންހެންމީހާ ބުންޏެެވެ. އަދި މާސްކު ވެސް ނަގައި، ބިރު ނުގަންނަ ކަމަށް ބުނެ ގޮސް އެނދުމަތީ އިށީނދެ އަނެއްކާ ވާހަކަ ދައްކަން ފެށީ ކަމަށް އަންހެންމީހާ ބުނެ އެވެ.

ދެން އެ ހިސާބުން، އެ ބިދޭސީމީހާގެ އަމަލު ހުރި ގޮތަށް ބަލައި، ބިރު ދެއްކުމަށްޓަކައި އަންހެންމީހާގެ ކޮއްކޮ އަށް އަންހެން މީހާ ވީޑިއޯ ކޯލެއް ކުރި އެވެ. އެކަމަކު، ވީޑިއޯ ކޯލްގައި ވާހަކަ ދައްކަން ހުއްޓައި އެ ބިދޭސީމީހާ ބޭއަދަބީ ވާހަކަ ދައްކަން ފެށުމާ އެކު އެ ކޯލް ވަގުތު ކަނޑައިލި އެވެ.

"ދެން ބުނީ އަހަރެން ވަރަށް ލައިކްވެއޭ. ދިވެހި ކުއްޖަކާ ޝާދީ ކުރަން ބޭނުން ވަނީއޭ. އަހަރެން ވަގުތުން ބުނިން ހަމަ މިހާރު ނުކުންނާށޭ މި ތަނުން،" އަންހެންމީހާ ބުންޏެވެ.

"ދެން ވަރަށް އެއްޗެހި ކިޔައިގެން އެންމެ ފަހުން ތެދުވެ އަހަރެން ކޮނޑުގަ އަތްލީމާ ފޮޅާލީ. ދޮރާ ދިމާލަށް ގޮސް ބުނީ (ކަނޑާލާފައި) ދީބަލާށޭ."

ބިދޭސީމީހާ ބުނި އެއްޗެއް އަޑުނީވޭ ކަމަށް ހެދުމުން، ސަލާން ކުރުމަށާއި ފޯނު ނަމްބަރަށް ވެސް ބިދޭސީ މީހާ އެދުނެވެ. އެ ބިދޭސީމީހާ އެނބުރި ދިޔައީ ފޯނު ނަމްބަރު ދިނުމުން ކަމަށް އަންހެންމީހާ ބުންޏެވެ.

"ވަގުތުން މިތާ ނަމްބަރަށް ގުޅައިފަ ބުނިން ދެން އޭނާ ނުފޮނުވާށޭ މި ކޮޓަރި އަށް. އެކަމަކު އޭގެ އަނެއް ދުވަހު ވެސް ފޮނުވީ ހަމަ އޭނާ. އެ ދުވަހު ދެވަނަ ފަހަރު އައިސް ހަމަ ދޮރުގައި ހިފަހައްޓައިގެން ހުރެ މޫނުގަ ވެސް އަތްލި،" އަންހެންމީހާ ކިޔައިދިނެވެ.

އެ ބިދޭސީމީހާ އޭގެ އަނެއް ދުވަހު ވެސް ކޮޓަރީގެ ދޮރުގައި ތަޅަން ފެށުމުން، ފެސިލިޓީއާ ހަވާލުވެ ތިބޭ ޓީމަށް ގުޅި އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓުކުރީ އެ ހިސާބުންނެވެ.

މި މައްސަލައިގައި އެ މީހާ މިހާރު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށާއި ފުލުހުން މައްސަލަ ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކަރަންޓީން ފެސިލިޓީތަކުގައި އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރާ މައްސަލަައް މީގެ ކުރިން ވެސް ފެންމަތިވެފައި ވެ އެވެ.