10 ސެޕްޓެމްބަރ 2020 - 12:43

ކޮވިޑް-19ގެ ބަލި މީހުން އިތުރުވެފައިވާ މި ދުވަސްވަރު ވައިރަލް ހުމެއް ވެސް އުޅޭތީ ހުން އައުމުން އެއީ އާދައިގެ ކަމެއް ކަމަށް ބަލައި ޑޮކްޓަރަށް ނުދައްކާ ނުތިބެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ އިލްތިމާސްކޮށްފި އެވެ.
އެޗްއީއޯސީން ބޭއްވި މީޑިއާ ބްރީފިންގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ދުވަސްވަރު ވައިރަލް ހުން ޖެހޭ މީހުންގެ އަދަދު އިތުރު ކަމަށެވެ.
އާންމު ވައިރަލް ހުމާއި ކޮވިޑް-19ގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާ ތަފާތެވެ. އެކަމަކު ކޮވިޑް ޖެހިގެން ވެސް ގިނަ މީހުން ހުން އާދެ އެވެ. އެހެންކަމުން އާންމު ވައިރަލް ހުމެއް އުޅޭ ދުވަސްވަރެއްގައި، މި ދެ ބަލި އެކައްޗަކަށް ހަދައިގެން ބައެއް މީހުން އުޅުމުގެ ފުރުސަތު އެބަ އޮތެވެ. ހުން އައުމުން އެއީ އާދައިގެ ކަމެއް ކަމަށް ނުބަލައި ކޮވިޑް-19 އަށް ޓެސްޓްކުރަން ޑރ. ނަޒްލާ އެދިވަޑައިގަތީ، އެ ސަބަބުތަކާ ހެދި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިން އާންމުކޮށް އުޅޭ ގައިންގަޔަށް އަރާ ބަލިތައް، ސާފުތާހިރުކަމަށް މި ދުވަސްވަރު ދެމުން އަންނަ ސަމާލުކަމުގެ ސަބަބުން ވަރަށް ބޮޑަށް ވަނީ މަދުވެފަ އެވެ. އެ ބަލިތަކުގެ ހާލަތު ވެސް މިދިއަ ހަ މަސް ދުވަހު މޮނިޓަކުރަމުން އައި ކަމަށް، އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ބޭރަށް ދިއުން މަދުވުމާއި އަތް ދޮވުން ކަހަލަ ކަންތައްތައް އިތުރަށް މީހުން ސަމާލުކަން ދިނުމާ މި ކަހަލަ ކަންކަމުގެ ސަބަބުން އަރިދަފުސް ރޯގާ އާއި ބޭރަށް ހިނގުން ކަހަލަ ބަލިތައް ވެސް ވަނީ މަދުވެފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
އެކަމަކު "މި ދުވަސްވަރު ކޮންމެވެސް ވަރަކަށް މާލޭގައި ވައިރަލް ފީވާ އިތުރުވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ."
"އެކަށީގެންވޭ ކޮންމެވެސް ވަރެއް މީގައި ކޮވިޑާ ރިލޭޓެޑް ވުން ވެސް އަދި އޭގެ އިތުރަށް ވިއްސާރަ ދުވަސްވަރެއް، ދޭތެރެދޭތެރެއިން ވާރޭ ވެހެމުން މި ދަނީ. އެހެންވީމާ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް، ޑެންގީ، ޗިކުންގުންޏާ ފަދަ ބަލިތައް ފެތުރުމުގެ ފުރުސަތު ހަމަ އޮންނާނެ،" އޭނާ ވިދާޅުވި އެވެ.
ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ބައްޔެއްގެ އަލާމާތްތައް ފެންނަ ނަމަ އާދައިގެ ހުމެއް ކަމަށް ބަލައި ބޮޑެތި މީހުން 2-3 ދުވަސް ވަންދެން ގޭގައި މަޑުކޮށްލަފާނެ އެވެ. އެކަމަކު ބައްޔެއްގެ ކިތައްމެ ކުޑަ އަލާމާތެއް ފެނުނަސް ފްލޫ ކްލިނިކަށް ގޮސް ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައި ޓެސްޓުކުރަން އޭނާ އެދިވަޑައިގަތެވެ.
ޑރ. ނަޒްލާ ވިދާޅުވީ އާއްމު އެހެން ބަލިތަކުން ރައްކާތެރިވާން އާއްމުކޮށް ދޭ އިރުޝާދުތަކަށް ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ހާއްސަކޮށް ބަލަން ޖެހޭނެ ކަމަށެވެ.
މިދިޔަ ހަފުތާއާ އަޅާބަލާއިރު މި ހަފުތާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މަދުވި ނަމަވެސް އަދިވެސް ބަލި ދަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ. އެހެންކަމުން ނިއު ނޯމަލްގައި އަދިވެސް ހިފަހައްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.