10 ސެޕްޓެމްބަރ 2020 - 11:36

ގދ. ހޯޑެއްދޫއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން ހޯމް ކަރަންޓީނާ ހިލާފުވެފައިވާ ކަމަށް ކުރާ ތުހުމަތުތައް އެ މީހުން ދޮގުކޮށްފި އެވެ.
އެރަށުން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީނުގައި 14 ދުވަހު ތިބުމަށް ފަހު ދޫކޮށްލުމުގެ ކުރިން ސާމްޕަލް ނެގި އާއިލާއެކެވެ. ދެން ޕޮޒިޓިވްވެފައި ވަނީ އެ އާއިލާގެ އެހެން ގެއެއްގައި އުޅޭ ބައެކެވެ.
އެންމެ ފުރަތަމަ ޕޮޒިޓިވްވި ފަސް މީހުންގެ ތެރެއިން އެކަކު "މިހާރު" އަށް ބުނީ އެ މީހުން ކަރަންޓީނަށް ދިޔައީ މިދިޔަ މަހު 18 ގައި ކަމަށެވެ. އަދި އެ ދު ވަހުން ފެށިގެން ގެއަށް އެއްވެސް މީހަކު ވަދެ ނުކުމެ އުޅެފައި ނުވާނެ ކަމަށް ބުންޏެވެ.
"ގެއިން ބޭރަށް ނިކުތްތަން ފެނުނު ކަމަށް ބުނެ ދައްކަމުން އެ ދަނީ ދޮގު ވާހަކަތަކެއް، ސާމްޕަލް ނަގަން އައި މީހުން ނޫން ބަޔަކު މިގެއަކަށް ނުވަދޭ،" އޭނާ ބުންޏެވެ.
"މުޅި ގެ ހުންނަނީ ވަށާފާރު ރާނައި ބޭރަށް ދޮރެއް ލާފަ. ކާއެއްޗިއްސާއި އެހެނިހެން ތަކެތި ގެނެސް ބަހައްޓަން ބޭރުގައި ގޮނޑިއެއް ބަހައްޓައިގެން އުޅުނީ،" އޭނާ ކިޔާދިނެވެ.
ކަރަންޓީނުގައި ތިބި ފަސް މީހުން ޕޮޒިޓިވްވުމަށް ފަހު އެ މީހުންނާ އާއިލީ ގުޅުން އޮންނަ އެހެން ގެއެއްގެ ބައެއްގެ ގައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރި އިރު އެ މީހުން ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ. ރަސްމީ އިދާރާތަކުން މިހާތަނަށް ބުނެފައިވާ ގޮތުގައި ޕޮޒިޓިވް ކޭސްތަކާ އެ މީހުންނާ އޮތް ގުޅުމަކީ އެ ގެއިން ގެންދިޔަ ފޮށިގަނޑެކެވެ.
އެ މީހާ ކިޔައިދިން ގޮތުގައި އެ ފޮށީގެ ސަބަބުން ވެސް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ އެވެ.
"އެ ފޮށި ބޭލީ ޖެޓީ އަށް. އެތަނުން ވާނީ އެ ޑިސްއިންފެކްޓްކޮށްފައި. މި ގެއަކަށް އެ ނުވެސް ގެންނަން. އެ ނޫން އެހެން އެއްޗެއް ވެސް މިގެއިން ބޭރުކޮށްފައެއް ނުވާނެ،" އޭނާ ބުންޏެވެ.
އެ ރަށު ބައެއް މީހުން ކިޔައިދިން ގޮތުގައި ހޯމް ކަރަންޓީނުގައި ތިބި މީހުންގެ އިތުރުން ދެން ޕޮޒިޓިވްވީ ކަރަންޓީނުގައި ތިބި މީހުންނަށް ކާތަކެތި ގެންގޮސްދީ އުޅުނު މީހެކެވެ. ގެޔަށް އެއްޗެހި ގެންގޮސް ގެނެސް ހެދި މި މީހާ ޕޮޒިޓިވްވިކަން އެނގުމުގެ ކުރިން ރަށު ތެރޭ އުޅެފައިވާ ކަމަށް ރަށުގެ ބައެއް މީހުން ބުނެ އެވެ. އެހެންވެ، ކަރަންޓީނުކޮށްފައި ހުރި ގެޔަށް ގޮސް އުޅުމުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި އުޅުމުން ކޮންމެވެސް ގޮތަކުން ކޮންޓެކްޓް ވެގެން ބަލި ފެތުރުނީ ކަމަށް ވަނީ ބެލެވިފަ އެވެ.
އާބާދީގައި 1،300 އުޅޭ ހޯނޑެއްދޫން މިހާތަނަށް ވަނީ ކޮވިޑަށް ޕޮޒިޓިވް 36 ކޭސް ފެނިފަ އެވެ. މި މީހުންގެ ކޮންޓެކްޓުންގެ އަދަދު 100 އަށް ވުރެ ގިނަ އެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި މި ބަލި އެންމެ ބޮޑަށް ފެތުރުނު ރަށެވެ. ނަމަވެސް އެ ރަށުގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަކަށް އެޗްޕީއޭ އަކުން ނުނިންމަ އެވެ. އެއީ ޕޮޒިޓިވް ކޭސްތައް ގުޅިފައި ވާތީ އެވެ.
ކޮވިޑްގެ ކޭސްތަކާ ހެދި ހޯނޑެއްދޫގެ އިތުރުން އެރަށާ ކޯޒްވޭއަކުން ގުޅާލާފައިވާ މަޑަވެލި ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.