28 އޮކްޓޯބަރ 2016 - 17:31

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ބިޒްނަސް ސްކޫލުގައި މެލޭޝިޔާ ޔުނިވާސިޓީގެ ޕީއެޗްޑީ ކޯސްތައް ފެށުމުގެ އެއްބަސްވުމެއް މިއަދު ގާއިމްކޮށްފި އެވެ.

މެލޭޝިޔާގެ މެނޭޖްމަންޓަންޓް އެންޑް ސައިންސް ޔުނިވާސިޓީ (އެމްއެސްޔޫ)ގެ ކޯސްތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެލޭޝިޔާ ޔުނިވާސިޓީގެ ޑީން ޑރ. އަލީ ހަތިބީ އަދި އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒު ޝަރީފެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން އެމްއެންޔޫ ބިޒްނަސް ސްކޫލުގެ ޑީން ޝަތީފް އަލީ ވިދާޅުވީ ކުރިއަށް އޮތް ދެތިން ހަފުތާ ތެރޭގައި ޕީއެޗްޑީއަށް ކިޔެވުމަށް ހުޅުވާލާނެ ކަމަށެވެ. އެ ދަރިވަރުން ރަޖިސްޓްރީވާނީ ވެސް މެލޭޝިޔާގެ ޔުނިވާސިޓީއަށް ކަމަށް ޝަތީފް ވިދާޅުވި އެވެ.
"ދަރިވަރުން ރަޖިސްޓްރީ ވާނީ ވެސް ޔުނިވާސިޓީގެ ދަރިވަރުންގެ ގޮތުގައި. ކޯސް ފީ ވެސް ދައްކާނީ އެ ޔުނިވާސިޓީއަށް،" ޝަތީފް ވިދާޅުވި އެވެ.
ޝަތީފް ވިދާޅުވީ ޕީއެޗްޑީ ފުރަތަމަ ފަށާނީ ބިޒްނަސްއާގުޅޭ ދާއިރާތަކުން ކަމަށާއި ކުރިއަށް އޮތް ތަނުގައި ޕީއެޗްޑީއަށް ކިޔެވުމުގެ ދާއިރާތައް އިތުރުކުރާނެ ކަމަށެވެ. ދަރިވަރުންގެ ރިސާޗުތައް ހެދުމަށް މެލޭޝިޔާގެ ލައިބްރަރީއަށާއި އެމްއެންޔޫގެ ލައިބްރަރީއަށް އެ ދަރިވަރުންނަށް އެކްސެސް ވެވޭނެ ކަމަށް ވެސް ޝަތީފް ވިދާޅުވި އެވެ.
މި ޕީއެޗްޑީގެ މުއްދަތަކީ ތިން އަހަރެވެ. ކޯސް ފީއަކީ 13،000 ޑޮލަރެވެ.
ފައުންޑޭޝަން އިން ފެށިގެން މާސްޓާޒްއާ ހަމައަށް ކިޔަވައިދޭ އެމްއެންޔޫ ބިޒްނަސް ސްކޫލުގައި މިހާރު ވެސް 600 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމް ހާސިލްކުރަމުންނެވެ،