11 ސެޕްޓެމްބަރ 2020 - 06:28

އިންޑިއާގެ ލޮކްޑައުނާ އެކު ޝޫޓިން ހުއްޓުމަކަށް އައި ސަލްމާން ޚާންގެ އާ ފިލްމު "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެ ބާކީ ހުރި ޝޫޓިންތައް ފުރިހަމަކުރުމުގެ މަސައްކަތް އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ފަށަން ނިންމައިފި އެވެ.
ފިލްމުގެ މަސައްކަތް މާޗް މަހުގެ ތެރޭގައި ހުއްޓުނު އިރު އިންޑިއާ އިން ބޭރުގެ ދެ ގައުމެއްގައި މަންޒަރުތަކެއް ނަގަން ޕްލޭންކޮށްފައި އޮތް ނަމަވެސް ލޮކްޑައުނާ އެކު ހުއްޓުނު ދަތުރުފަތުރާ އެކު އެކަން ވެސް ވާ ގޮތެއް ނުވީ އެވެ. ބާކީ ހުރި ޝޫޓިންތަކުގެ ތެރޭގައި ދެ ލަވައެއް ވެސް ހިމެނެ އެވެ.
މިދިޔަ އަހަރު ގެނެސްދިން ސަލްމާންގެ "ދަބަންގް 3" ގެ ޑައިރެކްޓަރު ޕްރަބޫދޭވާ ޑައިރެކްޓްކުރާ "ރާދޭ" އަކީ ކުރިން މި އަހަރުގެ ފިތުރު އީދާ ދިމާކޮށް މެއި މަހުގެ 22 ގައި ރިލީޒްކުރަން ނިންމި ފިލްމެކެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު އިންޑިއާގެ ސިނަމާތައް ބަންދުކުރުމުން އެ ފުރުސަތު ވެސް ގެއްލުނީ އެވެ.
"ރާދޭ" އަކީ މިދިޔަ އަހަރު ރިލީޒްކުރި "ބާރަތު" އަށް ފަހު ސަލްމާނާއި ޒުވާން ބަތަލާގެ ޑިޝާ ޕަޓްނީގެ ޖޯޑު އެކީގައި ފެންނާނެ ފިލްމެކެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރަންދީޕް ހޫޑާ އާއި ޖެކީ ޝްރޮފާއި ޒަރީނާ ވައްހާބް އަދި ގޯތަމް ގްލާޓީ ހިމެނެ އެވެ.
"ރާދޭ" ގެ ޝޫޓިން އަލުން އަންނަ މަހު ފަށާ އިރު، ރަންދީޕް މި ވަގުތު އޮތީ ފައިގެ ބޮޑު އޮޕަރޭޝަނެއް ކޮށްގެންނެވެ. އެއީ ފިލްމުގެ ޝޫޓިންގެ ތެރޭގައި މިދިޔަ އަހަރު ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.
"ރާދޭ" ސިނަމާތަކަށް އަންނާނެ އިރެއް މިހާރު ކަށަވަރުނުވާ އިރު، ޕްރަބޫދޭވާ ބުނީ ސިނަމާތައް އަލުން ހުޅުވިހާ އަވަހަކަށް ފިލްމު ގެނެސްދޭނެ ކަމަށެވެ. ބޮލީވުޑް މިހާރު އޮތީ ނޮވެމްބަރު މަހު ފާހަގަކުރާ ދިވާލިއާ ދިމާކޮށް ސިނަމާތައް ހުޅުވަން ސަރުކާރުން ހުއްދަ ދޭނެ ކަމަށް އުންމީދުކޮށްގެންނެވެ.
އެހެންވެ އަކްޝޭ ކުމާރުގެ ސޫރިޔާވަންޝީ" އާއި ރަންވީރު ސިންގްގެ "83" އަކީ އެންމެ ފުރަތަމަ ސިނަމާތަކުގައި އަޅުވާނެ ކަމަށް ބެލެވޭ ފިލްމުތަކެވެ. ސުވާލަކީ "ރާދޭ" ވެސް މި އަހަރު ފެންނާނެ ހެއްޔެވެ؟
އަންނަ މަހު "ރާދޭ" ގެ މަސައްކަތް ނިންމަން އަމާޒު ހިފާ އިރު، ސަލްމާން ހޯސްޓްކުރާ ކަލާޒް ޗެނެލްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 14 ވަނަ ސީޒަން ވެސް އަންނަ މަހު ދައްކަން ފަށާނެ އެވެ.
ސަލްމާން ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރޭގައި "ކަބީ އީދު ކަބީ ދިވާލީ" އާއި "ކިކް 2" އަދި "ޓައިގާ 3" ހިމެނެ އެވެ.