ކޮވިޑްގެ ނުރައްކާތެރިކަން އެނގޭ، އެކަމަކު ޓްރަމްްޕް ހެއްދެވީ ދޮގު
ކޮވިޑްގެ ނުރައްކާތެރިކަން އެނގޭ، އެކަމަކު ޓްރަމްްޕް ހެއްދެވީ ދޮގު

ކޮރޯނާވައިރަސް އަކީ މަރުގެ އެތިފަހަރެއްކަން އެނގިވަޑައިގެން ހުންނަވައި ވެސް، އެމެރިކާގެ ރައްޔިތުންނަށް ރައީސް ޑޮނަލްޑް ޓްރަމްޕް ދޮގު ހެއްދެވިކަން، މަޝްހޫރު ލިއުންތެރިޔާ ބޮބް ވުޑްވާޑްގެ އާ ފޮތުން ހާމަވެއްޖެ އެވެ.

ވޮޝިންޓަން ޕޯސްޓްގެ ދުވަސް ވީ ލިއުންތެރިޔާގެ އާ ފޮތް "ރޭޖް"ގައި، އެކި ދުވަސް މަތިން ޓްރަމްޕް ދެއްވި އިންޓަވިއުތަކަށް ބިނާކޮށް ވުޑްވާޑް ލިއުނު ގޮތުގައި ފެބްރުއަރީ 7 ގައި އޭނާއަށް ދެއްވި އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ ވައިރަސްގެ ނުރައްކާތެރިކަން ބޮޑަސް، އާންމުން ބިރުނުގެންނެވުމުގެ ގޮތުން އެއީ މާ ބޮޑު އެއްޗަކަށް ނުވާ ގޮތަށް ވާހަކަ ދައްކަވަން ބޭނުންވާ ކަމަށެވެ.

މި ވާހަކައާ ގުޅިގެން އެމެރިކާގެ މީޑިއާތަކުން ގެންދަނީ ރައްޔިތުންނަށް ދޮގު ހެއްދެވި ކަމަށް ބުނެ، ޓްރަމްޕަށް ފާޑުކިއަމުންނެވެ. އަދި މިއީ ނޮވެމްބަރު މަހު އޮންނަ އިންތިހާބުގެ ކުރިން ޓްރަމްޕަށް ކުރިމަތިވެވަޑައިގަންނަވާނެ މައްސަލައެއް ކަމަށް ވެސް ބެލެވެ އެވެ.

ވުޑްވާޑަކީ މިހާތަނަށް އެމެރިކާގައި އިސްތިއުފާ ދެއްވި ހަމައެކަނި ރައީސް ރިޗަޑް ނިކްސަންގެ އިމްޕީޗްމަންޓަށް މަގު ކޮށައިދިން ވޯޓާގޭޓް މައްސަލަގަނޑު ފުރަތަމަ ފަޅާއަރުވާލި ދެ ނޫސްވެރިންގެ ތެރެއިން، މިހާރު ދުނިޔޭގައި ހުރި ހަމައެކަނި ނޫސްވެރިޔާ އެވެ. އޭނާގެ ފޮތްތަކަށް ގިނަ ބަޔަކު އިތުބާރުކުރެ އެވެ.

އަންނަ ހަފުތާގައި ބާޒާރަށް ނެރޭ "ރޭޖް"އަށް 18 އިންޓަވިއުއެއް، ޓްރަމްޕް ދެއްވި އެވެ. އެކަމަކު ފޮތުގައި ހުރި ބައެއް ވާހަކަތައް، ރައީސް މިހާރު ގެންދަވަނީ ދޮގުކުރައްވަމުންނެވެ. އަދި ވުޑްވާޑަކީ އެއްވެސް އިރެއްގައި އިތުބާރުކުރެވޭ ލިއުންތެރިއެއް ނޫން ކަމަށް ވެސް، ސިފަކުރެއްވި އެވެ.

ވުޑްވާޑް ލިއުނު ގޮތުގައި ޓްރަމްޕް އަބަދުވެސް ބޭނުންވީ ކޮރޯނާވައިރަސްއަކީ ނުރައްކާތެރި އެއްޗެއް ނޫންކަން، އާންމުންނަށް ވިސްނައިދެއްވާށެވެ.

"އަހަރެން އަބަދުވެސް ބޭނުންވީ އަސްލަށް ވުރެ ކުޑަކޮށް އޭގެ ވާހަކަ ދައްކަން،" މާޗު 7 ގައި ދެއްވި އިންޓަވިއުގައި، ޓްރަމްޕް ވިދާޅުވި ކަމަށް، ފޮތުގައިވެ އެވެ.

"މިހާރު ވެސް އެގޮތަށް ދައްކަން ބޭނުންވަނީ، އެއީ އާންމުންގެ ތެރޭގައި ބިރު އުފައްދަން ބޭނުންނުވާތީ."

ކޮރޯނާވައިރަސްގެ އެއްވެސް ނުރައްކަލެއް ކުޑަކުދިންނަށް ނެތް ކަމަށް، އާންމުންނަށް ޓްރަމްޕް ވިދާޅުވި އިރު އަނެއްކޮޅުން، ވުޑްވާޑްގެ އިންޓަވިތަކުގައި ވާހަކަތައް ހުރީ އެ ގޮތަކަށް ނޫނެވެ.

"މިއަދާއި އިއްޔެ އާ ހަގީގަތްތަކެއް އެނގިއްޖެ. މިއީ ހަމައެކަނި އުމުރުން ދުވަސް ވީ މީހުންނަށް އޮތް އެއްޗެއް ނޫން. ޒުވާނުންނަށް ވެސް އެބަ އޮތް، ވަރަށް ގިނަ ޒުވާނުން އޭގެ ތެރޭގައި ހިމެނޭ،" ޓްރަމްޕް ވިދާޅުވި ކަމަށް، ފޮތުގައި ލިއުނެވެ.

ލޮކްޑައުންއަށް ފަހު އަލުން ގައުމު ހުޅުވާލަން އޭނާ އެދިވަޑައިގަންނަވަމުން ގެންދެވި އިރު ކޮރޯނާވައިރަސް ފެތުރޭލެއް ހަލުއިކަން ވެސް އެނގިވަޑައިގަނެ އެވެ. ލިއުންތެރިޔާ ގާތު ޓްރަމްޕް ވިދާޅުވީ ގަބޫލުކުރަން ވެސް އުނދަގޫހާ އަވަހަށް ބަލި ފެތުރޭ ކަމަށެވެ.

ކޮވިޑް-19ގެ އިތުރުން ވެސް ޓްރަމްޕާ ގުޅޭ ގިނަ މައުލޫއުތަކެއް، އާ ފޮތުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ރަޝިޔާ އާއި ނޯތު ކޮރެޔާގެ ވެރިންނާ އެކު ބާއްވަވާ ގާތް ގުޅުމާއި އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިސަރުންނަށް އިތުބާރު ނުކުރެއްވުމާއި، ކަޅު މީހުންގެ ވޭންތަކާ ބެހޭ ގޮތުން ދެކެވަޑައިގަންނަވާ ގޮތް ވެސް ހިމެނެ އެވެ.

ޓްރަމްޕަކީ އެމެރިކާގެ ރައީސްކަމަށް އެކަށީގެންވާ ބޭފުޅެއް ނޫންކަން ދޭހަވާ ގިނަ މައުލޫމާތުތަކެއް، މި ފަހުން ނެރުނު ފޮތްތަކުން ދަނީ ހާމަވަމުންނެވެ. އޭގެ ތެރޭގައި އޭނާގެ ކުރީގެ ވަކީލު އަދި ސިއްރުވެރިޔާ މައިކަލް ކޯހެން މި ފަހުން ނެރުނު ފޮތް ވެސް ހިމެނެ އެވެ.