ހޯޑެއްދޫން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ހޯޑެއްދޫން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ. ހޯޑެއްދޫން 35 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ މީހުންނާ ގުޅުން ހުރި މީހުންގެ ތެރެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އެކަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްުތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހޯޑެއްދޫން ނެގި ސާމްޕަލެއް ޕޮޒިޓިވް ވުމުން އެރަށުގެ ކޭސްތަކުގެ ޖުމްލަ އަަދަދު މިހާރު ހުރީ 36 ގައި ކަމަށެވެ.

ހޯޑެއްދޫން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން 19 މީހަކު ޕޮޒިޓިވްވި އިރު އެޗްޕީއޭއިން ފުރަތަމަ ބުނީ އެ މީހުންނަށް ބަލި އައީ ކިހިނެއް ކަން އަދި ހޯދިފައި ނުވާ ކަމަށެވެ. އެކަމަކު އެ މީހުންނަށް ބަލި އެރީ ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހުން ތިބި ގެއިން ނެރުނު ފޮއްޓެއްގެ ޒަރިއްޔާއިން ކަމަށް ފަހުން ވަނީ ބެލެވިފަ އެވެ. އެކަމަކު ނަޒްލާ މިރޭ ވެސް ވިދާޅުވީ ހޯމް ކަރަންޓީނުގައި ތިބި މީހުން ފިޔަވައި ހޯޑެއްދޫން ފުރަތަމަ ޕޮޒިޓިވްވި ދެ މީހުންނާ އެހެން ބަޔަކާ ކޮންޓެކްޓް ވެފައިވާކަން އަދިވެސް އެނގިފައި ނުވާ ކަމަށެވެ.

ހޯޑެއްދޫގެ ކޮވިޑް ކޭސްތަކާ ގުޅުން ހުރި 111 މީހަކު މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ. މިއަދު ޕޮޒިޓިވްވީ އޭގެ ތެރެއިން މީހަކު ކަމެއް ނުވަތަ އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ކަމެއް އަދި ނޭނގެ އެވެ. ނަޒްލާ އަދި އެ ތަފްސީލެއް ނުދެއްވަ އެވެ.

ހޯޑެއްދޫގެ އިތުރުން އެ ރަށާ ކޯޒްވޭއަކުން ގުޅިފައި އޮންނަ މަޑަވެލި ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ. ހޯޑެއްދޫން ކޮވިޑްގެ ކޭސްތަކެއް ފެނުނު ނަމަވެސް އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަކަށް އެޗްޕީއޭއިން އަދި ނުނިންމަ އެވެ.

ހޯޑެއްދޫގައި ހޯމް ކަރަންޓީނުގައި ތިބި މީހުން ގެއިން ބޭރަށް ނުކުމެ އުޅުނު ކަމަށް ބައެއް މީހުން ތުހުމަތުކުރެ އެވެ. އެކަމަކު ނަޒްލާ މިރޭ ވިދާޅުވީ ހޯޑެއްދޫގައި ބަޔަކު ކަރަންޓީނު އުސޫލާ ހިލާފުވިކަމުގެ ކަށަވަރު މައުލޫމާތެއް ނުލިބޭ ކަމަށެވެ.