10 ސެޕްޓެމްބަރ 2020 - 06:27

ސްރީ ލަންކާ ބޭރުން އަލިފާން ރޯވި، ދެ މިލިއަން ފީފާގެ ތެޔޮ ހުރި ނިއު ޑަޔަމަންޑް ޓޭންކަރުގައި މިހާރު އަލިފާން ނެތް ކަމަށާއި ކަނޑަށް ތެޔޮ އެޅިފައި ހުއްޓަސް އެއީ ސްޓޮރޭޖުން ލީކުވި ތެޔޮ ނޫންކަން ޔަގީންވެފައިވާ ކަމަށް ސްރީ ލަންކާގެ ކަނޑުގެ ސިފައިން ބުނެފި އެވެ.
ބުރާސްފަތި ދުވަހު ރޯވި ޓޭންކަރުން އަލިފާން ނިއްވާލި ފަހުން އަލުން ރޯވި ނަމަވެސް މިހާރު ވަނީ އެ އަލިފާން ވެސް ނިއްވާލައިފަ އެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ޓޭންކަރާ ކިލޯމީޓަރެއްހާ ދުރުން ދެ ދިމާލަކުން ވަނީ ތެޔޮ އެޅިފައި ހުއްޓާ ފެނިފަ އެވެ.
ކަނޑުގެ ސިފައިންގެ ތަރުޖަމާނު ކެޕްޓަން އިންދިކާ ޑި ސިލްވާ ވިދާޅުވީ ލީކުވެފައިވާ ތެލަކީ ޓޭންކަރުގައި ރޯވާން މެދުވެރިވި ގޮވުމާއި އަލިފާން ނިއްވަން ފެން ޖެހުމުން ޓޭންކަރު އަރިއަޅާލުމާއި ޓޭންކަރުގެ އިންޖީނުގެ ތެޔޮ ޓޭންކުން ލީކުވެފައިވާ ތެޔޮ ކަމަށް މިހާތަނަށް ކުރި ތަހުލީލުތަކުން އެނގިފައިވާ ކަމަށެވެ.
އަލިފާން ނިއްވުމުގައި ސްރީ ލަންކާ ސިފައިންނާއި ބައިވެރިވާ އިންޑިއާ ސިފައިންގެ ކޯސްޓް ގާޑުގެ ޑޯނިއާ މަތިންދާބޯޓުތަކުން ވަނީ ކަނޑަށް އެޅޭ ތެލުން ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޑީސަލް ޑިސްޕާސަންޓް ވެސް ކަނޑަށް އަޅައިފަ އެވެ.
ތަރުޖަމާނު ވިދާޅުވީ ޓޭންކަރުގެ ސްޓޮރޭޖުން ލީކު ނުވާ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި ލަންކާ އާއި އިންޑިއާގެ ޑައިވަރުން ފީނައިގެން ވެސް އިތުރަށް ބަލަން ނިންމާފައިވާ ކަމަށެވެ.
ޓޭންކަރު އޮތީ ފެން ޖެހުމުގެ ސަބަބުން އަރިއަޅާލާފައި ކަމަށާއި އެކަމަކު ޓޭންކަރު އަޑިއަށް ނުދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލަންކާ ސަރުކާރުން މިހާރު ނިންމާފައި ވަނީ ދިގުމިނުގައި 1،080 ފޫޓު ހުރި، ލައިބީރިއާގެ ޕޯޓޯ އެމްޕޯރިއޯސް ޝިޕިން ކުންފުނީގެ މި ޓޭންކަރު ލަންކާ އަށް ނުގެންގޮސް، އުޅަނދުގެ ވެރިފަރާތާ ހަވާލުކޮށް އެ ކުންފުނިން ބޭނުންވާ ތަނަކަށް ގެންދަން ޒިންމާކުރުވާށެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ޓޭންކަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިލިޕިންސް ފަޅުވެރިޔަކު ވަނީ މަރުވެފަ އެވެ. ދެން ތިބި 22 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރީކް މީހުންގެ އިތުރުން ފިލިޕިންސް 17 މީހެކެވެ.