ބަތަލާ ސްރޭޚާ ސިކްރީ ސްޓްރޯކެއް ޖެހި އައިސީޔޫގައި
ބަތަލާ ސްރޭޚާ ސިކްރީ ސްޓްރޯކެއް ޖެހި އައިސީޔޫގައި

ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދާފައިވާ ބޮލީވުޑްގެ ދުވަސްވީ ބަތަލާ ސުރޭޚާ ސިކްރީ އަށް ސްޓްރޯކެއް ޖެހިގެން އައިސީގައި ފަރުވާދޭން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 75 އަހަރުގެ ހުނަރުވެރި ބަތަލާ އަށް ފަރުވާ ދެމުން އަންނަނީ މުމްބާއީ ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ. ސުރޭޚާ އެޑްމިޓްކުރީ އަންގާރަ ދުވަހު އެވެ. މީގެ ދެ އަހަރު ކުރިން ވެސް ސްޓްރޯކެއް ޖެހިގެން އޭނާ ފަރުވާ ހޯދި އެވެ.

އިންޑިއާގެ އެންމެ މޮޅެތި ބަތަލާއިންގެ ތެރޭގައި ގުނައިލެވޭ ސުރާޚާ އެޑްމިޓްކުރި ޚަބަރާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަވަސް ޝިފާއަކަށް އެދި ޓްވީޓްކޮށްފައިވެ އެވެ. އޭނާގެ އޭޖެންޓް ވިވެކް ސިދްވާނީ ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކަށް ބުނީ ސުރޭޚާގެ ހާލު ސީރިއަސް ނަމަވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ.

ގިނަ އަދަދެއްގެ ފިލްމުތަކުގެ އިތުރުން ސުރޭޚާ ވަނީ ވަރަށް ކާމިޔާބު ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފަ އެވެ. އޭގެ ތެރޭގައި "ބަލިކާ ވަދޫ" އާއި "ސާތު ޕޭރޭ" އާއި "ޕަރްދޭސް ހެ މޭރާ ދިލް" އަދި "ކޭސަރު" ހިމެނެ އެވެ.

ސުރޭޚާ މި ފަހުން ކުޅުނު ފިލްމުތަކުގެ ތެރެއިން އޭނާ އަށް އާންމުންގެ ސަމާލުކަން ހުއްޓުނު ފިލްމަކީ 2018 ގައި ރިލީޒްކުރި "ބަދާއީ ހޯ" އެވެ. އެ ފިލްމުން އޭނާ އެންމެ މޮޅު ސަޕޯޓިން ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ލިބުނެވެ.

ސުރޭޚާ ކުޅުނު ފާހަގަކޮށްލޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޒުބޭދާ" އާއި "ދިއްލަގީ" އާއި "މައްމޯ" އަދި "ސަރުދާރީ ބޭގަމް" ހިމެނެ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ސްޓްރީމްކުރި "ގޯސްޓް ސްޓޯރީޒް" އިންނެވެ.