27 އޮކްޓޯބަރ 2016 - 13:54

މެޑްރިޑް (އޮކްޓޯބަރު 27) - ސީޒަންގެ ހުރިހާ މުބާރާތެއްގެ ތަށި ހޯދުމަކީ ވެސް ޓާގެޓެއް ކަމަށާއި ވަކި މުބާރާތަކަށް އަމާޒުކޮށްގެން ކުޅުމުގެ ވިސްނުމެއް ނެތް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
ސްޕެނިޝް ކަޕުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ރެއާލް ވަނީ ރަށުން ބޭރުގައި ސްޕެއިނުގެ ތިން ވަނަ ޑިވިޝަންގެ ލިއޮނެސާ އަތުން 7-1 އިން މޮޅުވެފަ އެވެ. މެޗަށް ފަހު ޒިދާން ބުނީ މި މެޗުގައި ރެއާލުން ނުކުތީ ވަކި ކަމެއް ހާސިލްކުރަން ކަމަށެވެ.
"މި މެޗުގެ އެއް ޓާގެޓެއް އެކި މުބާރާތްތަކުގައި ބޭނުންކުރާނެ ޒުވާން ކުޅުންތެރިން ޓެސްްޓުކުރުމަކީ ވެސް. އެއްގޮތަކަށް ވެސް މި މުބާރާތް ފަސޭހަކޮށްލަނީއެއް ނޫން. އެއީ ވަކި މުބާރާތަކަށް ޓާގެޓް ކޮށްގެން އެ މުބާރާތެއް ނުލިބިއްޖެނަމަ ގިނަ ފަހަރަށް ސީޒަން ނިންމަންޖެހެނީ ހުސްއަތާ. އެ ގޮތަށް ވާކަށް ބޭނުމެއް ނޫން. ސީޒަންގެ ކޮންމެ ތަށްޓެއް ވެސް މުހިއްމު،" ޒިދާން ބުންޏެވެ.
ޒިދާން ބުނީ ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނުނީ އޭނާ ބޭނުންވި ކުޅުމެއް ކަަމަށާއި އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ގޭމް ޕްލޭނާ އެއްގޮތަށް އެ ކުޅުންތެރިން ދެއްކި ޑިސިޕްލިން ކަމަށެވެ.
ރެއާލުން ވަނީ މިހާތަނަށް 19 ފަހަރު ސްޕެނިޝް ކަޕް ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ސީޒަނުގެ މުބާރާތުން އެ ޓީމު ވަކިކުރީ ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗުގައި ސަސްޕެންޑް ކޮށްފައިހުރި ކުޅުންތެރިއަކު ޓީމުގައި ހިމެނުމުންނެވެ.