09 ސެޕްޓެމްބަރ 2020 - 13:09

ނ. އަތޮޅު ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް އިއްޔެ ކަށީގެ ހާއްސަ ދެ އޮޕަރޭޝަން ކޮށްފި އެވެ.
ނ. އަތޮޅު ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ގުޅިގެން އާދިއްތަ އިން ތިން ދުވަހަށް ކުރިއަށް ގެންދިޔަ ކަށީގެ ހާއްސަ ކޭމްޕެއް އިއްޔެ ވަނީ ނިންމާލައިފަ އެވެ.
ނ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަން އޮފިސަރު އަލީ ޝިފާޒު "މިހާރު" އަށް ވިދާޅުވީ އެ ދެ އޮޕަރޭޝަނަކީ ވެސް އާދައިގެ އޮޕަރޭޝަންތަކެއް ކަމަށެވެ. ނަމަވެސް ކަށީގެ ޑޮކްޓަރަކު ވެސް އަދި ސާޖަނެއް ވެސް އެ ރަށު ހޮސްޕިޓަލްގައި މަސައްކަތްނުކުރާތީ، މިއީ އެފަދަ އޮޕަރޭޝަންތަކެއް ކުރި ފުރަތަމަ ފަހަރު ކަމަށް ވިދާޅުވި އެވެ.
މަނަދޫގައި ކުރިއަށް ދިޔަ އެ ކޭމްޕުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ މިސްރުގެ އޯތޯސާޖަން ޑރ. ގޫދާ މުސްތޮފާ 50 އަށް ވުރެ ގިނަ ބަލި މީހުން ބެއްލެވި އެވެ. އަދި އެ ދެ އޮޕަރޭޝަން ކުރީ ބަލިމީހުން ބެލުމަށް ފަހު ލިބުނު އިތުރު ވަގުތުކޮޅެއްގައި ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"ވަގުތުން ވަގުތަށް އޮޕަރޭޝަން ކުރެވޭ ކަހަލަ މައްސަލަ ހުރި އެހެން ޕޭޝަންޓުން ވެސް ތިބި. އެކަމަކު ވަގުތު ނެތީމަ ދެ އޮޕަރޭޝަނަށް ލިމިޓް ކުރަން ޖެހުނީ،" ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ އެ ދެ އޮޕަރޭޝަނަކީ ވެސް އަތު ހުޅުގެ ދެ އޮޕަރޭޝަން ކަމަށެވެ. އުމުރުން 56 އަހަރުގެ މަނަދޫ ފިރިހެނަކު ކުރީ ކާޕާ ޓަނަލް ރިލީޒް ސާޖަރީއެކެވެ. އެ އަތޮޅު ލަންދޫން ދިޔަ 52 އަހަރުގެ އަންހެނަކު ކުރީ ގޭންގްލިއަން ސިސްޓް ރިމޫވަލް ސާޖަރީ އެވެ. ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށާއި އަދި އިއްޔެ ދޫކޮށްލައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހޮސްޕިޓަލުގައި ހުރި ވަސީލަތްތަކާއި ވަގުތުގެ ދަތިކަމަށް ވެސް ބަލާފައި ދެ އޮޕަރޭޝަނަށް ލިމިޓް ކުރީ. އޮޕަރޭޝަން ކުރަން ބޭނުންވާ އެހެން ޕޭޝަންޓުން ހަޔާ ފެސިލިޓީއަކަށް ދާން އެންގިން،" އޭނާ ވިދާޅުވި އެވެ.
މި ކޭމްޕުގައި ބައިވެރިވާން ނަންނޯޓުކުރަން ހުޅުވާލީ މިދިޔަ ހަފްތާގަ އެވެ. މި ކޭމްޕުގައި ބައިވެރިވާން އެ އަތޮޅުގެ ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް މީހުން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ށ. އަތޮޅުން އެކަކު ދިޔަ ކަމަށް ވެސް ވެ އެވެ.
"ނަން ނޯޓު ކުރި މީހުންގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި މީހުން އަސްލު މި ބެލުނީ،" ޝިފާޒު ވިދާޅުވި އެވެ.