09 ސެޕްޓެމްބަރ 2020 - 13:10

މާލޭގައި މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ތަހުލީލުކުރުމަށް ފޮރެންސިކް ލެބޯޓްރީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭ ވިދާޅުވީ ހެންވޭރުކޮޅުގައި ހިނގި އަލިފާނުގެ ހާދިސާގެ ތަހުގީގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެކަމަށް ބޭނުންވާ ފޮރެންސިކް އެނަލިސިސް ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެންމެ ފުރަތަމަ އަލިފާން ރޯވީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭ ޓިއޯލޯގަ އެވެ. ޖެހިގެން ހުރި ގަދަގޭ މުހައްމަދުފުޅު ބިލްޑިންގަށް އަލިފާންގަނޑު ފެތުރުނީ އެތަނުގެ ބޭރުގައި ޖަހާފައި ހުރި ކްލެޑިންގައި އަލިފާން ހިފުމުގެ ސަބަބުންނެވެ.
މި ހާދިސާގައި ކެފޭ ޓިއޯލޯ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.
އެ ކެފޭ ހިންގާ ހަސަން ދީދީ "މިހާރު" އަށް ކުރިން ބުނީ އަލިފާން ރޯވީ ފުރަތަމަ ބުރީގައި ކަމަށާއި އެ ތަނުގައި އަލިފާން ހިފާނެ ޒާތުގެ އެއްޗެއް ނެތުމުން، ބަޔަކު ގަސްދުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ.
އަލިފާން ރޯވިއިރު، ކެފޭ ހުރީ އެ ރޭ ވިޔަފާރި ނިންމުމަށް ފަހު ބަންދުކޮށް، އެތެރެއިން ތަޅުލައިފަ އެވެ. އެތެރޭގައި އެ ވަގުތު ހުރީ ކޮންމެ ރެއަކު ވެސް ޑިއުޓީ އަށް ހުންނަ ބިދޭސީ މުވައްޒަފު އެކަންޏެވެ. އަލިފާން ރޯވެފައި ހުރިކަން އޭނާއަށް ވެސް އެނގުނީ، ބޭރުން ގޮސް ބަޔަކު ދޮރުގައި ތަޅައި އެކަން އެންގުމުންނެވެ.
މި ހާދިސާގައި ލިބުނު ގެއްލުން 1.5 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ހަސަން ލަފާކުރެ އެވެ.
"ބަދިގެ ނަމަ ބުނެވިދާނެ ގޭސް ލީކުވެގެންނޭ، ކަރަންޓު ޝޯޓެކޭ. މަތީގައި ނުހުންނާނެ ކަރަންޓު ހުރި އެއްވެސް އެއްޗެއް. ފަންކާ އާއި ލައިޓް ހުންނާނީ އޮފް ކޮށްފައި. ކަރަންޓު ޝޯޓުވާނެ އެއްވެސް ގޮތެއް ނުހުންނާނެ،" މުޅިއެކު 13 ބިދޭސީން މަސައްކަތްކުރާ ކެފޭގައި އެ ރޭ 9:45 ހާއިރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ހަސަން ބުންޏެވެ.
ގަދަގޭ މުހައްމަދުފުޅު ބިލްޑިންގަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި އުރީދޫ މޯލްޑިވްސްގެ އޮފީސް ވެސް ހިންގާ އިމާރާތުގައި މީހުން ދިރިއުޅެނީ 10 ވަނަ ބުރީގައި ހަދާފައިވާ ޕެންޓް ހައުސްގައި، އިމާރާތުގެ ވެރިފަރާތުގެ އާއިލާ އެކަންޏެވެ. އެކަމަކު އަލިފާން ރޯވިއިރު އެމީހުން ތިބީ ރާއްޖެއިން ބޭރުގަ އެވެ.
އަލިފާންގަނޑު އެންމެ ބޮޑަށް ހިފީ ވެސް، މަންޒަރުތަކުން ފެންނަ ގޮތުގައި، ޕެންޓް ހައުސްގެ ބައިތަކުގަ އެވެ.