ހޯޑެއްދޫގައި ކަރަންޓީންވި ބައެއް މީހުން ބޭރަށް ނުކުމެ އުޅުނުކަމުގެ ތުހުމަތު
ހޯޑެއްދޫގައި ކަރަންޓީންވި ބައެއް މީހުން ބޭރަށް ނުކުމެ އުޅުނުކަމުގެ ތުހުމަތު

ގދ. ހޯޑެއްދޫގައި ކޮވިޑް-19 ފެތުރުނީ އެރަށު ހޯމް ކަރަންޓީނުގައި ތިބި ބައެއް މީހުން ބޭރަށް ގޮސް އެކި މީހުންނާ ބައްދަލުވެފައިވާތީ ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ތުހުމަތުކޮށްފި އެވެ.

މައުލޫމާތު ހުރި މީހަކު، ނޫހުގައި ނަން ނުޖަހާ ގޮތަށް، "މިހާރު"އަށް ބުނީ ހޯމް ކަރަންޓީންގައި ތިބި ބައެއް މީހުން ބޭރަށް ނުކުމެ އެހެން މީހުންނާ ބައްދަލުކޮށް ހަދާފައިވާ ކަމަށެވެ. ނަމަވެސް ރަށު ކައުންސިލުން އެ ވާހަކަ ދޮގުކުރެ އެވެ.

މިދިޔަ ހަފްތާގައި ހޯޑެއްދޫން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލެއިން ރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން އެމީހުންނާ އާއިލީ ގުޅުން އޮންނަ ބައެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނުމުން ހެދި ޓެސްޓްތަކުން އެމީހުން ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ރަށު ހޮސްޕިޓަލާއި އެޗްޕީއޭއިން ލަފާކުރާ ގޮތުގައި އާއިލީ މީހުންގެ ގަޔަށް ބަލި އެރީ ކަރަންޓީނުގައި ތިބި މީހުން އުޅުނު ގެއިން ގެންދިޔަ ފޮއްޓެއްގެ ސަބަބުންނެވެ. އެ ފޮށި ނޫނީ، ގެއިން ބޭރު ބަޔަކާ، ކަރަންޓީންގައި ތިބި މީހުންނާ އެއްވެސް ގޮތަކަށް ބައްދަލުވެފައި ނުވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނެ އެވެ.

ހަފްތާއެއްގެ ތެރޭގައި އެރަށުން މިހާރު ވަނީ ޖުމްލަ 35 މީހުން/ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހުންނާ ގުޅުން ހުރި ކޮންޓެކްޓުންގެ އަދަދު 111 އަށް އަރަ އެވެ.

ހޯޑެއްދޫގެ އިތުރުން އެރަށާ ކޯޒްވޭއަކުން ގުޅިފައި އޮންނަ މަޑަވެލި ވެސް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.

ރަށްރަށުގައި ކަރަންޓީންކޮށްފައި ތިބޭ ބައެއް މީހުން ރަށުތެރެއަށް ނުކުތުމަކީ އާ ކަމެއް ނޫނެވެ. މާލެއިން ޗުއްޓީ ހަދާލަން ވެސް ބައެއް މީހުން އެކި ރަށްރަށަށް ގޮސް، ކަރަންޓީގައި ތިއްބަސް، ބޭރަށް ނުކުމެ އުޅޭ ކަމަށް، ބައެއް މީހުން ބުނެ އެވެ.

ހޯޑެއްދޫގެ ކޭސްތަކުގެ މައުލޫމާތު ހުރި މީހާ ބުނީ ބަލި ފެތުރުމުގެ ހަމައެކަނި ސަބަބަކަށް ފޮށި ނުވެދާނެ އެވެ. ބައެއް މީހުން ބޭރަށް ނުކުމެ އުޅެފައިވާތީ އެހެން ބައެއްގެ ތެރެއަށް ކޮރޯނާވައިރަސް އެރުމުގެ ފުރުސަތު ވަކި ކުޑަ ނޫން ކަމަށް، އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކަރަންޓީންގައި ތިބި އިރު ވެސް އޭގެ ތެރެއިން ބައެއް މީހުން ގޭތެރޭގައި އުޅުނީ އުސޫލުތަކާ އެއްގޮތަކަށް ނޫނެވެ.

"އެ ގޭގައި އެމީހުން އުޅޭ ގޭތެރޭގައި ނިކުމެ. އެގޭގެ އެހެން މީހުން ވެސް ބޭރު ތެރެއަށް ގޮސް މީހުންނާ އެބަ ބައްދަލުކުރޭ. ދެން އެހެންވީމަ ބަލި ފެތުރުނު ގޮތް ސާފެއް ނޫންތޯ؟" އެރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި މިހާތަނަށް ޕޮޒިޓްވި 35 މީހުން/ކުދިންނަކީ ވެސް ފުރަތަމަ ޕޮޒިޓިވްވި މީހުންނާ ގުޅުން އޮތް ބައެކެވެ.

ކަރަންޓީންގައި ތިބޭ މީހުން އަމަލްކުރަން ޖެހޭ އުސޫލުތަކާ ހިލާފު ވާ ނަމަ، ތަޖުރިބާކާރުން ބުނާ ގޮތުގައި، ހޯޑެއްދޫގައި މިހާރު ދިމާވެގެން އުޅޭ މައްސަލަ އެހެން ރަށްރަށުން ފެނުން ވެސް އެކަށީގެންވެ އެވެ. އޭގެ މާނައަކީ ރަށްރަށުގައި ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވުމެވެ.

ހޯޑެއްދޫގެ އިތުރުން ގއ. ވިލިނގިއްޔާއި ގދ. ފަރެސްމާތޮޑާގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެކަމަކު ނަތީޖާ ލިބުމުގެ ކުރިން އެ މީހުން ވެސް ގެއިން ބޭރަށް ނުކުމެ އުޅުނުކަމުގެ ޝަކުވާ ރަށުގެ ބައެއް މހުން ކުރެ އެވެ.

"އެ ގޭގައި ތިބި ކުދިން ދަންވަރު ވަގަށް ދުއްވާލަން ވެސް ނުކުމެ އުޅޭތަން ފެނޭ،" ފަރެސްމާތޮޑާއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

މާލެއިން ރަށްރަށަށް ދާ މީހުން 14 ދުވަހު ހޯމް ކަރަންޓީންގައި ތިބެން ޖެހެ އެވެ. އެމީހުންނަށް ބޭރަށް ނުކުމެވޭނީ 14 ދުވަސް ހަމަވުމުން ޓެސްޓް ހަދައި، ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ.