27 އޮކްޓޯބަރ 2016 - 12:25

ވޮޝިންޓަން (އޮކްޓޯބަރު 27) - އެމެރިކާގައި އަންނަ މަހު 8 ވަނަ ދުވަހު ބާއްވާ އިންތިޚާބުގެ އާލީ ވޯޓިން (ވޯޓުލާ ދުވަހު އެކި ސަބަބާ ހުރެ ވޯޓުނުލެވޭ މީހުންގެ ވޯޓުލުން) ގައި ސްވިން ސްޓޭޓުތަކުގައި (ދެ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑު ސްޓޭޓްތަކުގައި) ހިލަރީ ކްލިންޓަން ކުރި ހޯއްދަވަމުން ގެންދަވާ ކަމަށް އެކަމަނާގެ ކެމްޕޭން ޓީމުން ބުނެފި އެވެ.

އާލީ ވޯޓިންގައި މިހާތަނަށް ވަނީ 7.3 މިލިއަން މީހުން ވޯޓުދީފަ އެވެ. އާލީ ވޯޓިންގައި ޑިމޮކްރެޓިކުން ވަނީ ނޯތު ކެރޮލީނާ، ނެވާޑާ އަދި އެރިޒޯނާގައި 2012 ވަނަ އަހަރާ އަޅާބަލާއިރު މަގާމު ވަރުގަދަކޮށްފައިވާ ކަމަށް ސީއެންއެންގެ ހޯދުންތަކުން ދައްކާ ކަމަށް ވަނީ ބުނެފަ އެވެ. ރިޕަބްލިކަން ޕާޓީން ވަނީ އަޔޯވާގައި 2012 ވަނަ އަހަރަށް ވުރެ ރަނގަޅަށް ކުރިއެރުން ހޯދައިފަ އެވެ.

ވާދަވެރިކަން ބޮޑުވާނެ ކަމަށް ބެލެވޭ 12 ސްޓޭޓުގައި މިހާތަނަށް ވަނީ އާލީ ވޯޓިންގައި 4.6 މިލިއަން މީހުން ވޯޓުލައިފަ އެވެ. އެރިޒޯނާގައި ޑިމޮކްރެޓިކުންގެ 164،000 މީހުން ވޯޓުދީފައިވާ އިރު ރިޕަބްލިކަނުންގެ ތެރޭން ވޯޓުދީފައި ވަނީ 160،000 މީހުންނެވެ. ވޯޓުލާ މީހުންގެ އަދަދަށް ބަލާއިރު ކޮލޮރާޑޯގައި ވެސް ރިޕަބްލިކަނުންނަށް ވުރެ ގިނައިން ޑިމޮކްރެޓިކުން ވަނީ ވޯޓުދީފަ އެވެ. ޖޯޖިއާގައި ވަނީ 583،000 މީހުން މިހާތަނަށް ވޯޓުދީފަ އެވެ. މިއީ 2012 ވަނަ އަހަރާ ބަލާއިރު 40 ޕަސެންޓް އިތުރު އަދަދެކެވެ.
ފްލޮރިޑާގައި ރިޕަބްލިކަނުން އުޅެނީ 18،120 ވޯޓުން ކުރީގަ އެވެ. އެކަމަކު 2008 ވަނަ އަހަރުގެ އިންތިޚާބުގެ މި ދުވަސްވަރު ރިޕަބްލިކަން ޕާޓީން ވަނީ 113،222 ވޯޓުން ފްލޮރިޑާގައި ކުރި ހޯދައިފަ އެވެ. އަޔޯވާގައި ޑިމޮކްރެޓިކުންގެ 123،000 މީހުން ވޯޓުދީފައިވާ އިރު ރިޕަބްލިކަން ޕާޓީން ވޯޓުދީފައި ވަނީ 84،500 މީހުންނެވެ. އަޔޯވާގައި 2012 ވަނަ އަހަރު 43 ޕަސެންޓް މީހުން ވޯޓުލާފައި ވަނީ އާލީ ވޯޓިންގަ އެވެ.
ނެވާޑާގައި މިހާތަނަށް 42،000 ޑިމޮކްރެޓުން ވޯޓުދީފައިވާ އިރު ރިޕަބްލިކަނުންގެ ތެރޭން ވޯޓުދިނީ 27،700 މީހުންނެވެ. ނެވާޑާގައި ޑިމޮކްރެޓިކުން 2012 ވަނަ އަހަރު ވަނީ 15،000 ވޯޓުން ކުރި ހޯދައިފަ އެވެ. އާލީ ވޯޓިންގައި ނެވާޑާ އަކީ މުހިންމު ސްޓޭޓެކެވެ. އެންމެ ފަހުގެ އިންތިކާބުގެ އެ ސްޓޭޓުގެ 69 ޕަސެންޓް މީހުން ވޯޓުދިނީ އާލީ ވޯޓިންގަ އެވެ. އެންމެ ހައިރާން ކުރުވަނިވި ސްޓޭޓެއްގެ ގޮތުގައި ބެލެވޭ ޔޫޓާގައި 2012 ވަނަ އަހަރުގެ މި ދުވަސްވަރު ރިޕަބްލިކަން ޕާޓީ އުޅުނީ 31،000 ވޯޓުން ކުރީގަ އެވެ. އެކަމަކު މިފަހަރުގެ އިންތިޚާބުގެ މި ދުވަސްވަރު އެ ޕާޓީ އަށް ލިބިފައި ވަނީ 15،800 ވޯޓުގެ ކުރިއެރުމެކެވެ.