08 ސެޕްޓެމްބަރ 2020 - 23:05

ދެ މިލިއަން ފީފާ ތެޔޮ ހިފައިގެން ދަތުރުކުރަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ރޯވި ތެޔޮ ޓޭންކަރުން ކަނޑަށް ތެޔޮ ލީކުވެފައިވާ ކަމަށް ލަންކާގެ ކަނޑުގެ ސިފައިން މިއަދު ބުނެފި އެވެ.
ސްރީ ލަންކާ އާއި އިންޑިއާ ސިފައިން ގުޅިގެން، ބުރާސްފަތި ދުވަހުން ފެށިގެން ކުރި މަސައްކަތުން ނިއު ޑަޔަމަންޑް ޓޭންކަރުން ހޯމަ ދުވަހު އަލިފާން ނިއްވާލާފައި ވަނިކޮށް އަނެއްކާ ވެސް ވަނީ އަލިފާން ރޯވެފަ އެވެ.
"ޓޭންކަރުގައި އަލިފާން ރޯވި ދިމާލުން ކުޑަކޮށް މިހާރު އޮތީ އަރިއަޅާލާފައި. އެއީ އަލިފާން ނިއްވަން އެހާ ގިނައިން ފެން ޖެހީމާ ކަމަށް ބެލެވެނީ. އެހެންވެ ބެލެވެނީ އިންޖީނު ރޫމުން ކަނޑަށް ތެޔޮ ބޭރުގައި ހުރި ކަމަށް،" ލަންކާގެ ކަނޑުގެ ސިފައިން ނެރުނު ބަޔާނުގައިވެ އެވެ.
ލަންކާ އިން ބުނީ ކަނޑަށް އެޅުނު ތެޔޮ ޓޭންކަރާ ކިލޯމީޓަރެއްހާ ދުރުން ފެނިފައިވާ ކަމަށެވެ.
ޓޭންކަރުން ކަނޑަށް ތެޔޮ އެޅިގެން ނުރައްކާތެރި ހާދިސާއެއް ހިނގައި ތިމާވެއްޓަށް ލިބިދާގެ ގެއްލުމަކަށްޓަކައި އިންޑިއާ އާއި ލަންކާ އިން ވެސް ތައްޔާރަށް އޮތް ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
އިންޑިއާ އާއި ލަންކާ އިން ބުނެފައިވަނީ ރޯވި އަލިފާން، ޓޭންކަރުގައި ތެޔޮ ރައްކާކުރާ ހިސާބަށް ފެތުރިފައިނުވާ ކަމަށާއި އޭގައި ހުރި ތެޔޮ ކަނޑަށް އެޅުމުގެ ބިރެއް ވެސް ނެތް ކަމަށެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ މި ޓޭންކަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިލިޕިންސް ފަޅުވެރިޔަކު ވަނީ މަރުވެފަ އެވެ. ދެން ތިބި 22 މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރީކް މީހުންގެ އިތުރުން ފިލިޕިންސް 17 މީހެކެވެ.