08 ސެޕްޓެމްބަރ 2020 - 23:06

އިމުގެ މައްސަލާގައި އިންޑިއާ އާއި ޗައިނާ އިން އަރާރުންވާ ހިމާލަޔަން ބޯޑަރު ސަރަހައްދުގައި ބަޑިޖަހައި އިންޒާރު ދިން ކަމަށް އެއް ގައުމުން އަނެއް ގައުމަށް ތުހުމަތުކޮށް މަސްރަހު އިތުރަށް ހޫނުވެއްޖެ އެވެ.
އޭޝިއާގެ ބޮޑު ދެ ބާރުގެ މެދުގައި އަލުން މައްސަލަ ހޫނުވާން ފެށީ މިދިޔަ ޖޫން މަހު، ލަދަކް ސަރަހައްދުގައި ދެ ގައުމުގެ ސިފައިން ހިންގި ތަޅާފޮޅުމެއްގައި އިންޑިއާ ސިފައިންގެ 20 މީހަކު މަރާލި ހާދިސާ އަށް ފަހުގަ އެވެ.
ތަޖުރިބާކާރުން ލަފާކުރައްވަނީ ހޫނުވެފައިވާ މަސްރަހު، ފަހުން ހިނގި މި ހާދިސާ އަށް ފަހު ސީރިއަސްވުން އެކަށީގެންވާ ކަމަށެވެ.
ޗައިނާގެ ޑިފެންސް މިނިސްޓްރީން ބުނީ ދެ ގައުމުން އިން ވަކިކޮށް، ސިފައިން ވަނުން މަނާކޮށްފައިވާ ސަރަހައްދު ނުވަތަ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ) އިން އިންޑިއާ ސިފައިން ވަރަށް ބޮޑަށް އެތެރެއަށް ހޯމަ ދުވަހު ވަދެފައިވާ ކަމަށެވެ. އަދި އިންޑިއާ ސިފައިން ވަނީ ޗައިނާގެ ބޯޑަރު ބަލަހައްޓާ އޮފިޝަލުންނަށް ބަޑިން ބިރު ދައްކާފައި ކަމަށް ވެސް ބުންޏެވެ.
"ޗައިނާ އިން ބުނަނީ އެ ގައުމުގެ ސިފައިން އިންޑިއާގެ ފަޅި އަށް ދިޔައީ މަޝްވަރާކުރަން ކަމަށް. އަދި ދާން ފެށުމާ އެކު އިންޑިއާ ސިފައިންގެ ބައެއް މީހުން ބަޑިން ހަމަލާދީ އިންޒާރު ދިން ކަމަށް،" ހިނގި ހާދިސާއާ ބެހޭ އަލްޖަޒީރާގެ ނޫސްވެރިޔާ ކެޓްރީނާ ޔޫ ބުނެފައިވެ އެވެ. އޭނާ ބުނީ ޗައިނާ އިން ކުރި ކަމެއް ކުރީ އިންޑިއާ ސިފައިން ކަންތައް ކުރި ގޮތުން ދިފާއުގައި ކަމަށް ބުނާ ކަމަށެވެ.
ނަމަވެސް މި ވާހަކަ ދޮގުކޮށް އިންޑިއާ އިން ބުނީ މަސްރަހު ފިނިކުރުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމާ ހިލާފުވީ ޗައިނާ އިން ކަމަށާއި ޗައިނާ ސިފައިން ވައިގެ ތެރެއަށް ބަޑިޖަހައި އިންޑިއާ ސިފައިން ރުޅިއަރުވައި ގޯސް ހަދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"އެއްބަސްވުމާ ހިލާފުވި ބަޔަކީ ޗައިނާ ސިފައިން. އެކަމަކު ޗައިނާ ސިފައިންގެ ހަރުކަށި އަމަލުތަކާ އެކު ވެސް އިންޑިއާ ސިފައިން އަމަލުކުރީ ޒިންމާދާރުކަމާ އެކު،" އިންޑިއާގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ޗައިނާ އިން ބުނަނީ އެލްއޭސީ އަށް، އެއްބަސްވުމާ ހިލާފަށް ވަނީ އިންޑިއާ ސިފައިން ކަމަށާއި މިކަން އިންޑިއާ އިން ތަހުގީގުކުރަން ޖެހޭނެ ކަމަށެވެ.
ބޯޑަރު ބެހުމުގައި އިންޑިއާ އާއި ޗައިނާއާ ދެމެދު އެއްބަސްނުވެވޭ ލަދަކް ސަރަހައްދުގެ މައްސަލާގައި އެ ދެ ގައުމުން 1962 އަހަރު ކުރު ހަނގުރާމައެއް ވެސް ކުރި އެވެ. ނަމަވެސް 1975 ވަނަ އަހަރު ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ ހަތަރު މީހަކު މަރާލި ފަހުން ބަޑީގެ ހަމަލާއެއް މިފަދަ ގޮތަކަށް ބަދަލުކޮށްފައެއް ނުވެ އެވެ.