އާމްދަނީގެ ގޮތުގައި ނަޝީދަށް 3.1 މިލިޔަން ރުފިޔާ
އާމްދަނީގެ ގޮތުގައި ނަޝީދަށް 3.1 މިލިޔަން ރުފިޔާ

މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް 3.1 މިލިޔަން ރުފިޔާ ލިބިވަޑައިގެންފައިވާކަން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އާއްމުކޮށްފައިވާ އެ މަނިކުފާނުގެ މާލީ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ 28އިން ފެށިގެން މި އަހަރުގެ މެއި 27ގެ ނިޔަލަށް އެ ފައިސާ ލިބިވަޑައިގަތީ މަޖިލީހުގެ ރައީސްގެ މަގާމާއި ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދެއްވާ އިނާޔަތުގެ ގޮތުގަ އެވެ. އެ ނޫން އިތުރު އާމްދަނީއެއް ލިބޭ ކަމަށް، މާލީ ބަޔާނުގައި ނެތެވެ.

ނަޝީދުގެ މިލްކިއްޔާތުގައި ދެން ހުރީ ބޭންކްތަކުގައި ރައްކާކޮށްފައިވާ 1.6 މިލިޔަން ރުފިޔާ އެވެ. އެގޮތުން ސްޓޭޓްް ބޭންކް އޮފް އިންޑިއާގައި 1.5 މިލިޔަން ރުފިޔާ ރައްކާކޮށްފައިވާއިރު އިސްލާމިކް ބޭންކުގައި 76،000 އަށް ވުރެ ގިނަ ރުފިޔާ، އަދި ބޭންކް އޮފް މޯލްޑިވްސްގައި 41،000އަށް ވުރެ ގިނަ ރުފިޔާ ވަނީ ރައްކާކުރައްވާފަ އެވެ. ދެން އެ މަނިކުފާނުގެ ނަން މަތީގައި އޮތީ. ލ. ގަމުން ވަރަށް ކުރިން ލިބިވަޑައިގެންފައިވާ ބިމެކެވެ.

މަޖިލީހަށް ކުރިމަތިލެއްވުމުގެ ކުރިން، ނަޝީދުގެ މިލްކިއްޔާތުގައި ހުރި ފައިސާ މިއަށް ވުރެ ގިނަ އެވެ. އެގޮތުން މިދިޔަ އަހަރު މަޖިލިސް އިންތިހާބަށް ވާދަކުރެއްވި އިރު ހުށަހެޅުއްވި މާލީ ބަޔާނުގައިވާ ގޮތުން އެ މަނިކުފާނުގެ ހަތަރު ބޭންކް އެކައުންޓެއްގައި 5.4 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހުއްޓެވެ. އޭރު ވެސް، ކުރީގެ ރައީސުންނަށް ދޭ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ އެއް ލައްކަ ރުފިޔާ ފިޔަވައި އިތުރު މަންފާއެއް ލިބިވަޑައި ނުގަންނަވާ ކަމަށް އޭގައި ބުނެފައި ވެ އެވެ. އަދި ގަމުގައި އޮތް 4،700 އަކަފޫޓުގެ ގޯތީގެ އިތުރުން ކ. ތުލުސްދޫގައި 2،000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޭރު އޮވެ އެވެ.