ޗައިނާގެ އެންމެ ބޮޑު ޗިޕް ކުންފުނި އެމެރިކާގެ ބްލެކްލިސްޓަށް
ޗައިނާގެ އެންމެ ބޮޑު ޗިޕް ކުންފުނި އެމެރިކާގެ ބްލެކްލިސްޓަށް

އެމެރިކާ އިން ޗައިނާ އަށް ކުރިމަތި ކުރަމުންދާ ފިއްތުންތަކުގެ ތެރެއިން އެ ގައުމުގެ އެންމެ ބޮޑު ޗިޕް ކުންފުނި ސެމީކޮންޑަކްޓާ މެނުފެކްޗަރިން އިންޓަނެޝަނަލް ކޯޕަރޭޝަން (ސްމިކް) އެމެރިކާގައި ބްލެކްލިސްޓްކުރަން ނިންމައިފި އެވެ.

ޗައިނާގެ އެންމެ ބޮޑު ޗިޕް ކުންފުނި އެމެރިކާގެ ބްލެކްލިސްޓަށް
ޗައިނާގެ އެންމެ ބޮޑު ޗިޕް ކުންފުނި އެމެރިކާގެ ބްލެކްލިސްޓަށް

މި ނިންމުމާ ބެހޭ ގޮތުން ބެއިޖިންގެ ކުންފުނިން ބުނީ ޕެންޓަގަންގެ އެ ނިންމުމަކީ ބޮޑު ޝޮކެއް ކަމަށާއި އެމެރިކާ އިން އަމަލުކުރަމުން ދަނީ ވާނުވާ ވެސް ނޭނގޭ ގޮތަށް ކަމަށެވެ. ސްމިކް އެމެރިކާގައި ބްލެކްލިސްޓްކުރުމުން އެ ކުންފުނީގެ އުފެއްދުންތަކުގެ މުއާމަލާތްތައް ވަކި ހާއްސަ ހުއްދައެއް ހޯދައިގެން ނޫނީ ދެން އެމެރިކާގައި ނުހިންގޭނެ އެވެ.

ޕެންޓަގަންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ސްމިކް ބްލެކްލިސްޓްކުރަން ނިންމާފައިވާތީ ޑިޕާޓްމަންޓް އޮފް ކޮމާޒް އެންޓިޓީ ލިސްޓުން ސްމިކުން އެމެރިކާ އަށް އެތެރެކުރާ ހުރިހާ އުފެއްދުންތަކާ ގުޅޭ ރިވިއުއެއް ހަދާނެ އެވެ.

ޗައިނާ ސަރުކާރުގެ ހިއްސާ ވެސް އޮންނަ ސްމިކް ބްލެކްލިސްޓްކުރަން ނިންމުމާ ގުޅިގެން ޗައިނާގެ ސަރުކާރުން ބުނީ އެމެރިކާ އިން ދަނީ ޗައިނާއާ ހެދި ގައުމީ ސަލާމަތަށް ނުރައްކާވާކަމުގެ ބަހަނާތައް ދައްކައި، ބައިނަލްއަގްވމީ ވިޔަފާރީގެ އުސޫލުތަކާ ވެސް ހިލާފުވަމުން ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ ވަރަށް ފާޅުގައި ޗައިނާ "ބުލީ" ކުރަމުންނެވެ. އަދި އެފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށާއި ކަންކަން ކުރިއަށް ގެންދަން ވާނީ ހަމަ އާއި އުސޫލުތަކުގެ މަތިން ކަމަށް ވިދާޅުވި އެވެ.

އެމެރިކާ އިން ޗައިނާގެ ސްމިކާ ދިމާކުރުމުގެ ކުރިން އެ ގައުމުގެ ވާވޭ އަކީ ވެސް އެމެރިކާ އިން ބްލެކްލިސްޓްކޮށްފައި އޮތް ކުންފުންޏެކެވެ. އަދި އެމެރިކާ އިން މިހާރު ދަނީ ޗައިނާގެ މަޝްހޫރު ޓިކްޓޮކް އެ ގައުމަށް ވިއްކައިނުލާ ނަމަ އެ އެޕް އެމެރިކާގައި މަނާކުރާނެކަމުގެ ބިރު ދައްކަމުންނެވެ.

މި މައްސަލައާ ގުޅިގެން ޓިކްޓިކް ހިންގާ ބައިޓްޑާންސުން މިހާރު ދަނީ ޓިކްޓިކް ވިއްކުމާ ގުޅޭ ގޮތުން އެމެރިކާގެ ކުންފުނިތަކަކާ އެކު މަޝްވަރާ ވެސް ކުރަމުންނެވެ. އަދި ޓިކްޓޮކް ވިއްކަން މަޖުބޫރުކުރާ މައްސަލާގައި އެމެރިކާ ސަރުކާރަށް މިހާރު ވަނީ ދައުވާ ވެސްކޮށްފަ އެވެ.