27 އޮކްޓޯބަރ 2016 - 12:35

ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގައި، ދެ ފަރާތުން ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތައް ވާދަކުރާތީ އާއްމުންނާއި ކުޅިވަރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި އެހެންކަމުން ފަހަތަށް ޖެހި މުޅި ކުޅިވަރުން ސިޔާސީ ބޭފުޅުން އެއް ފަރާތްކުރުމަށް ދޫދޭން ތައްޔާރަށް ތިބި ކަމަށް ރައީސްގެ މަގާމަށް ވާދަކުރައްވާ ބައްސާމް އަދީލް ޖަލީލުގެ ޓީމުން ބުނެފި އެވެ.

ރާއްޖޭގެ މެޖޯރިޓީ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްވެރިންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީގެ ގިނަ މެމްބަރުންތަކެއްގެ ހާޒިރުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބައްސާމުގެ ޓީމުގައި ތިއްބެވި ސިޔާސީ ބޭފުޅުން ފަހަތަށް ޖެހެން ނުސީދާކޮށް ކުރެއްވި ޝަރުތަކީ ދެން ވާދަކުރައްވާ ކެންޑިޑޭޓް އަހުމަދު ތޯރިގް (ޓޮމް) އަކީ ވެސް ސިޔާސީ ބޭފުޅަކަށްވާތީ ޓޮމް ވެސް ފަހަތަށް ޖެހުމެވެ.

ތޯރިގް ހުށައަޅުއްވާފައިވާ އެކްސްކޯގައި ތޯރިގާއި ވައިސް ޕްރެޒިޑެންޓް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފިޔަވައި ދެން ތިއްބެވީ ކްލަބްތަކުގެ ހިންގުންތެރިންނެވެ. ބައްސާމުގެ ޓީމުގައި ބައްސާމާއި ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ނޮމިނޭޓްކުރެެއްވި އައިޝަތު ނާޒިމާ އާއި މެމްބަރަކަށް ނޮމިނޭޓްކުރެއްވި އަހުމަދު ޝިފާއު ފިޔަވައި ދެން ތިއްބެވީ ހުސް މަޖިލިސް މެމްބަރުންނެވެ.
ބައްސާމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ކުރިމަތިލައްވާފައިވާ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުން ހުސެއިން މުހައްމަދު ލަތީފް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެފްއޭއެމްގެ އިންތިހާބުގެ އިތުރުން މުޅި ކުޅިވަރުން ސިޔާސީ ބޭފުޅުން ދުރުވާން ތައްޔާރު ކަމަށެވެ.
"މި އިންތިހާބުގައި މަޖިލީސް މެމްބަރުންތަކެއް ދެ ފަރާތުގައި ވާދަކުރާތީ ކަންބޮޑުވުން ކުރިމަތިކޮށްފި ރައްޔިތުންގެ ފަރާތުން. ޖުމްލަކޮށް މުޅި ކުޅިވަރުގެ މީހުންގެ ޝަކުވާ އާއި ކަންބޮޑުވުން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފި. އެހެންކަމުން ފަހަތުން މި ފެންނަ އެސޯސިއޭޝަންތަކާ މަޝްވަރާކުރުމަށް ފަހު އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އަޅުގަނޑުމެން މިކަމުން ނުކުތުމަށް. ކުޅިވަރުގެ ފަރާތްތަކަށް އެކަން ދޫކޮށްލަައި މިކަން ސިޔާސީ ނުކުރަން ތައްޔާރު،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މަޖިލިސް މެމްބަރެއް ވެއްޖެއްޔާ ހުންނާނީ ކޮންމެވެސް ކުލައެއް ޖެހިފައި ކަމަށާއި ކޮންމެ ޕާޓީއެއްގެ މެމްބަރަކަށް ވިޔަސް ރައްޔިތުން ބަލައިގަންނަ ގޮތް ތަފާތު ކަމަށެވެ.
"ކިތަންމެ ކުޅިވަރެއް ކުޅެފައި ހުރިކަމުގައިވީ ނަމަވެސް ސިޔާސީ ވުމުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމަށް ވުމުން އެ މީހަކު ވާނީ ސިޔާސީ މީހަކަށް،" ތޯރިގަށް އިޝާރާތްކޮށް ހުސެއިން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ ފަހަތަށް ޖެހެން ތައްޔާރަށް. އަޅުގަނޑުމެން މިކަމާ ކުރެވުނު މަޝްވަރާތަކުގައި އިއްޒަތްތެރި މެމްބަރު އަހުމަދު ތޯރިގާ ވަރަށް ގިނަ ގޮތްގޮތުން ވާހަކަ ދެއްކިއްޖެ. އަޅުގަނޑުމެން އެދުނިން އަޅުގަނޑުމެން ހިގާށޭ ފަހަތަށް ޖެހެމާ. އެކަމަކު އެބޭފުޅާގެ އެދުމަކަށްވީ އަޅުގަނޑުމެން ފަހަތަށް ޖެހުން."
ހުސެއިން ވިދާޅުވީ އެ ޓީމުން ފަހަތަށް ޖެހެން ތައްޔާރު ކަމަށާއި އެކަމަކު އެ ޓީމުގެ ފަރާތުން ކުރިމަތިލައްވާފައިވާ ބައްސާމް އަދީލް ޖަލީލަކީ ސިޔާސީ ބޭފުޅަކަށް ނުވާތީ ފަހަތަށް ޖެހެވޭނީ އެބޭފުޅާގެ ހައްގު ހިމާޔަތްކުރުމަށް ކަމަށެވެ.
ހުސެއިން ވިދާޅުވީ އެކަމަށްޓަކައި އަލުން އިންތިހާބަކަށް ހުޅުވާލަން ތޯރިގަށް ހުށައަޅުއްވާފައިވާ ކަމަށާއި އޭރުން ސިޔާސީ ބޭފުޅުން ދުރަށް ޖެހި އަލުން އެކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެކަމަކު އެކަމަށް ތޯރިގް ސީދާ ޖަވާބެއް ނުދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޅިވަރުން އަޅުގަނޑުމެން ނުކުމެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމުގައި މެމްބަރުން ނޫން މީހުންނަށް ފުރުސަތު ދޭން ތައްޔާރު. މިއަދުގެ ސަރުކާރަށް ވެސް އަޅުގަނޑު ދަންނަވާލަން މި ކަންބޮޑުވުން ހުރުމާ އެކު، އަޅުގަނޑުމެންނާ މަޝްވަރާކޮށް އަދި ކުޅިވަރު އެސޯސިއޭޝަންތަކާ މަޝްވަރާކޮށްގެން މިކަމަށް ހައްލެއް ހޯދައިދޭން،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ އެފްއޭއެމަށް ހޮވުނަސް، ހޮވޭ ހިސާބުން މަޑުމަޑުން އެފްއޭއެމްގެ ހުރިހާ މަގާމްތަކުން ސިޔާސީ ބޭފުޅުން ދުރަށް ޖެހި، ފުޓްބޯޅައިގެ ގާބިލް ފަރާތްތަކަށް ފުރުސަތު ދޭނެ ކަމަށެވެ.
"އެފްއޭއެމަށް ހޮވިއްޖެއްޔާ އަޅުގަނޑުމެންގެ ޕްލޭނަކީ އެއީ،" ހުސެއިން ވިދާޅުވި އެވެ.
ބައްސާމުގެ އެކްސްކޯ އަށް ކުރިމަތިލައްވާފައިވާ މަޑަވެލި ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ސިޔާސީ މީހުންނަށްވެ ތިބެ ކުރިމަތިލީ ބައްސާމް ފަދަ ފުޓްބޯޅައަށް ހިދުމަތްކުރައްވާފައިވާ ޒުވާނުންނަށް ފުރުސަތު ހޯދައިދޭން ކަމަށެވެ.
"މިއަދުގެ ސިޔާސީ ހަގީގަތަކީ ސިޔާސީ މީހުން ކުޅިވަރުގައި ހަރަކާތްތެރިވާން ބޭނުންވުން. އެގޮތަށް ނޫނީ ފުރުސަތު ލިބެން ނެތް އެހެން ބަޔަކަށް. އެކަމަކު އަޅުގަނޑުމެން މިތިބީ ފަހަތަށް ޖެހެން. އެކަމަކު އެއާ އެކު، އެސޯސިއޭޝަންތަކުގެ ތެރެއިން ސިޔާސީ ނުފޫޒް ދުރަށް ދާން ޖެހޭ،" މުއާޒް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި އޮލިމްޕިކް ކޮމިޓީގެ މުހައްމަދު ޝަވީދާއި ޖެނެރަލް ސެކްރެޓަރީ އަހުމަދު މަޒުރޫގާއި ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފާއި ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ނައިބް ރައީސް ހަސަން އިސްމާއިލް ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން ކްރިކެޓާއި ބެޑްމިންޓަނާއި ސްވިމިން އާއި ހޭންޑްބޯޅަ އެސޯސިއޭޝަނުގެ އިސްވެރިން ބައިވެރިވި އެވެ.