ޗާޓަޑް އެކައުންޓެންޓުންގެ ބިލް ތަސްދީގު ކުރައްވައިފި
ޗާޓަޑް އެކައުންޓެންޓުންގެ ބިލް ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޗާޓަޑް އެކައުންޓެންޓުންގެ ބިލް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރާއްޖޭގައި އެކައުންޓިން ދާއިރާ ކުރިއެރުވުމާއި އެ ދާއިރާއާ ގުުޅޭ އުސޫލުތައް ކަނޑައެޅުމަށާއި ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތަށް އެކައުންޓިން މިންގަނޑުތައް ކަނޑައެޅުމަށް ޗާޓަޑް އެކައުންޓެންޓުންގެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ މަހު އެވެ.

ރައީސް މިއަދު އެ ބިލް ތަސްދީގު ކުރެއްވުމުން ގާނޫނަކަށް ވުމާ އެކު، އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ނަމުގައި ވަކި މިނިވަން މުއައްސަސާއެއް އުފެދުނީ އެވެ. އަދި އޮޑިޓް ކުރުމާއި އެޝޫރެންސް ޚިދުމަތް ދިނުމުގެ ހުއްދަ ދިނުން އެ އިންސްޓިޓިއުޓްގެ ދަށަށް ބަދަލުވީ އެވެ. އަދި ކުރިއަށް އޮތް ތިން މަސް ތެރޭގައި އެކަމަށް އާ ހުއްދަ ދޫކުރުމުގެ އިންތިޒާމްތައް އެ އިންސްޓިޓިއުޓުން ހަމަޖައްސަން ޖެހޭއިރު، ކުރިން ދޫކޮށްފައި ހުރި ހުއްދަތައް ހަ މަސް ފަހުން ބާތިލްވާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

އެ ގާނޫނުގައިވާ ގޮތުން އެ އިންސްޓިޓިއުޓް ހިންގާނީ ތިން އަހަރަށް އިންތިޚާބުކުރާ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލަކުންނެވެ. އެއީ އޮޑިޓާ ޖެނެރަލާއި ފައިނޭޝަލް ކޮންޓްރޯލާ އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން އެ އިންސްޓިޓިއުޓްގެ މެމްބަރުންގެ ތެރެއިން އިންތިޚާބު ކުރާ ރައީސާއި ނައިބު ރައީސްގެ އިތުރުން ހަތަރު މެމްބަރެއްގެ މައްޗަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ހަތަރު އަހަރު ވަންދެން އެ އިންސްޓިޓިއުޓް ހިންގަމުންދާނީ އިންތިގާލީ ކައުންސިލަކުންނެވެ. އެއީ އޮޑިޓާ ޖެނެރަލާއި ފައިނޭޝަލް ކޮންޓްރޯލާ އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ އިތުރުން އޮޑިޓް އޮފީހުން އައްޔަންކުރާ ދެ މެމްބަރުންނާއި އެކައުންޓިން ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ތެރެއިން އޮޑިޓާ ޖެނެރަލް އައްޔަންކުރާ ހަތަރު މެމްބަރަކު ހިމެނޭ ގޮތަށެވެ. އިންތިގާލީ ކައުންސިލްގެ ރައީސަކީ އޮޑިޓާ ޖެނެރަލެވެ.