08 ސެޕްޓެމްބަރ 2020 - 13:42

ރާއްޖޭގައި ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތުމަށް ފަހު ޖުލައި މަހު ބޮޑެތި ލުއިތަކެއް ދިނުމާ އެކު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ޕޮޒިޓިވް ކޭސްތަކާ ގުޅުމެއް ނުފެންނަ ކޭސްތައް ވެސް އިތުރުވެގެން ދިއުމަށް ފަހު އެ އަދަދު ދަށްވަމުން އަންނަތާ މަސް ދުވަސް ވެފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.
ޕޮޒިޓިވް ކޭސްއަކާ ގުޅުމެއް އޮތްކަން ނޭނގި ބައްޔަށް ޕޮޒިޓިވް ވެއްޖެ ނަމަ ބަލަމުން އަންނަނީ "އަންލިކްޑް ކޭސް" އެއް ކަމަށެވެ. މިއީ ޑަބްލިޔު.އެޗް.އޯ އިން ކޮމިއުނިޓީ ޓްރާންސްމިޝަން ކޭސްއެއްގެ ގޮތުގައި ވެސް ބަލާ މިންގަނޑެވެ. ކޮމިއުނިޓީ ޓްރާންސްމިޝަންގެ އާންމު މާނަ އަކީ ބަލި ޖެހޭ މީހަކަށް އެ ބަލި އެރީ ކާކުގެ ފަރާތުންކަން ނޭނގި އަދި އެ މީހަކީ ބަލި އުޅޭ ގައުމަކަށް ދަތުރު ވެސް ކޮށްފައިވާ މީހަކަށް ނުވުމެވެ.
މި މާނަ އަށް ބަލާ ނަމަ، ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މި ފަހުން ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ނަމަވެސް އޭގެ ތެރޭގައި ގިނައީ ޕޮޒިޓިވް މީހަކާ ކޮންޓެކްޓްވެގެން ކަރަންޓީނުކުރި މީހުންނާއި ކޮމިއުނިޓީ ސްޕްރެޑް އޮތް މާލެ އިން ރަށްރަށަށް ގޮސް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހުން ކަމަށް ބެލެވެ އެވެ.
ކޮމިއުނިޓީ ޓްރާންސްމިޝަން ކޭސްތަކާއި އަންލިންކްޑް ކޭސްތައް އެޗްޕީއޭ އިން ދުވަހު ހިސާބުތަކުގައި ވަކިން ހާމައެއް ނުކުރެ އެވެ.
އެޗްޕީއޭ އިން ހާމަކުރާ ކޭސްތަކުގައި، ކޮވިޑް ކޮންޓްރޯލް ކުރުމަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ހުޅުވާލުމުން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން ޕޮޒިޓިވްވި މީހުންނާއި ކަރަންޓީނު ކޮށްފައިވާ ގެތަކުން ޕޮޒިޓިވްވި މީހުން އަދި ކޮމިއުނިޓީ ޓްރާންސްމިޝަން ވަކިން ހާމަނުކޮށް، ދެނީ ޖުމްލަ ނަންބަރެކެވެ.
މާލެ ސަރަހައްދުގެ ލޮކްޑައުން އަށް ލުއި ދީ ފިހާރަތަކާއި ކެފޭތަކާއި އޮފީސްތައް ހުޅުވުމާ އެކު ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މައްޗަށް އަރައިގެން ދިޔަ އެވެ. އެއާ އެކު އަންލިންކްޑް ކޭސްތައް ވެސް އިތުރުވެގެން ދިއުމުން ކަންބޮޑުވުން އިތުރުވި އެވެ. ޖުލައި 1 ގައި ދިން ލުއިތަކަށް ހަފުތާއެއް ފަހުން، ކޮންމެ ހަފުތާއަކު ވެސް ކޮމިއުނިޓީ ޓްރާންސްމިޝަން ކޭސްތައް ދިޔައީ އިތުރުވަމުން ކަމަށް އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކަ އެވެ.
ފިޔަވަޅުތަކަށް ލުއި ދީފައިވަނީ ރާއްޖޭން މާޗް 21 ގައި ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުނުތާ 12 ވަނަ ހަފުތާގަ އެވެ. އެ ހަފުތާގައި އަންލިކްޑް ކޭސްތަކުގެ އަދަދަކީ 38 އެވެ. ޖެހިގެން އައި ހަފުތާގައި މި އަދަދު 28 އަށް ވެއްޓުމަށް ފަހު 16 ވަނަ ހަފުތާއާ ހަމަ އަށް ކޮންމެ ހަފުތާއަކު ވެސް ދިޔައީ އަންލިކްޑް ކޭސްތައް އިތުރުވަމުންނެވެ. އޯގަސްޓް 8 އަށް ނިމުނު ހަފުތާގައި 50 ކޭސް ފެނިފައިވެ އެވެ.
މީގެ ފަހުން ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް ހުރީ ކޮންމެ ދުވަހަކުހެން 100 އިން މަތީގަ އެވެ. މިހާތަނަށް އެއް ދުވަހަކަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ވެސް މީގެ ފަހުންނެވެ. އެއީ އޯގަސްޓް 20 ވަނަ ދުވަހު 278 ކޭސް އެވެ. އެކަމަކު އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކާ ގޮތުން މި މުއްދަތުގައި ދިޔައީ އަންލިކްޑް ކޭސްތައް ކޮންމެ ހަފުތާއަކު ވެސް މަދުވަމުންނެވެ. އަންލިކްޑް ކޭސްތައް 16 ވަނަ ހަފުތާގައި 50 ގައި ހުރުމަށް ފަހު 45، 41، އަދި އެންމެ ފަހުން 19 ވަނަ ހަފުތާގައި 25 އަށް ވަނީ ދަށްވެފަ އެވެ. އެއީ މިދިޔަ މަހުގެ 25 އާ ހިސާބަށެވެ.
އެހެން ބައެއް ގައުމުތަކުގައި ކޮވިޑް ކޭސްތައް ހާމަކުރާ އިރު ކޮމިއުނިޓީ ޓްރާންސްމިޝަން ކޭސްތަކާއި އިމްޕޯޓެޑް ކޭސްތަކާއި ކަރަންޓީނުން ޕޮޒިޓިވްވާ ކޭސްތައް ވަކި ހާމަކުރެ އެވެ. އެހެންވެ އާންމުންގެ ތެރޭގައި ބަލި ފެތުރިފައި އޮތް މިންވަރު ބޮޑަށް ސާފުވެ އެވެ.
ރާއްޖޭން ކޮވިޑް-19 ގެ ފުރަތަމަ ކޭސް ފެނުނުތާ ހަ މަސް ވެފައި ވާއިރު މިހާތަނަށް 8,667 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރެއިން 6,049 މީހަކު ރަނގަޅުވެފައި ވާއިރު މަރުވެފައި ވަނީ 29 މީހުންނެވެ. ބަލީގައި މިހާރު ތިބި މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދަކީ 2,589 އެވެ.