އަތޮޅުތަކުގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ އިތުރަށް ބަލަނީ
އަތޮޅުތަކުގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ އިތުރަށް ބަލަނީ

ގދ. ހޯޑެއްދޫން ކޮވިޑް-19 ގެ ކޭސްތަކެއް ފެނިފައި ވާތީ، އަތޮޅުތަކުގައި އާއްމުންގެ ތެރޭގައި އެ ބަލި ފެތުރިފައިވޭތޯ ބަލަން މިހާރަށް ވުރެ ބޮޑަށް ޓެސްޓު ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ބުނެފި އެވެ.

އަތޮޅުތަކުގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ އިތުރަށް ބަލަނީ
އަތޮޅުތަކުގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ އިތުރަށް ބަލަނީ

އެ އިދާރާ އިން ބޭއްވި މީޑިއާ ބްރީފިންގައި، ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ހޯޑެއްދޫގެ ކޭސްތައް ފެނުމުގެ ކުރިން ވެސް އަތޮޅުތަކުން ރެންޑަމް ސާމްޕަލްތައް ނަގަމުން އަންނަ ކަމަށެވެ. އެއްވެސް ކަހަލަ މައްސަލައެއް ފެންނަ ރަށްރަށުން އެކްޓިވް ސާމްޕަލް ވެސް ނަގަމުން އަންނަ ކަމަށާއި ފްލޫ ކްލިނިކްތަކަށް ދާ މީހުންގެ ތެރެއިން، ކޮވިޑުގެ އަލާމާތްތައް ހުންނަ މީހުން ވެސް ޓެސްޓްކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ރާއްޖޭގެ ހުރިހާ ހިސާބެއް ކަވަރު ވާ ގޮތަށް ތަންކޮޅެއް ސިސްޓަމެޓިކް ކޮށް، މުޅި ރާއްްޖެ ވަކި މުއްދަތެއްގެ ތެރޭގައި ކަވަރު ކުރެވޭ ގޮތަށް ސާމްޕަލް ނަގައިގެން ޓެސްޓު ކުރެވޭ ގޮތަށް މިހާރު އެރޭންޖް ވަމުން އެބަދޭ،" ނަޒްލާ ވިދާޅުވި އެވެ.

އަތޮޅުތަކުގައި އާއްމުންގެ ތެރޭގައި ކޮވިޑު ފެތުރޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމަށް ތައްޔާރުވެފައި އޮތީ ކިހާވަރަކަށްތޯ "މިހާރު" ން ސުވާލު ކުރުމުން ނަޒްލާ ވިދާޅުވީ ޓާސްކްފޯސްތައް ހަރުދަނާ ކުރުމަށާއި އިތުރަށް އިރުޝާދުތައް ދިނުމަށް ގަވަައިދުން ހަފުތާއަކު ދެ ފަހަރު ކޮންފަރެންސްތައް ބާއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ކޮވިޑްގެ ކޭސްތައް ފެނިފައިވާ ރަށްރަށުގެ ޓާސްކުފޯސްތަކަށް އެ އަށް ވުރެ އަވަސް އަވަހަށް ވެސް އިރުޝާދު ދޭނެ އެވެ.

"ހާއްސަކޮށް ހޯޑެއްދޫގައި މި ދިމާވި ކަހަލަ ހާލަތެއް ދިމާވާ ރަށްރަށުގައި އަޅުގަނޑުމެން ވަރަށް ގާތުން މޮނިޓާ ކުރަމުން މި ގެންދަނީ،" ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ގިނަ ދުވަސްތަކެއް ވެފައި ވާތީ އަތޮޅުތަކުގެ ޓާސްކުފޯސްތަކަށް ތާޒާކުރުމުގެ ޕްރޮގްރާމްތައް ވެސް އިންތިޒާމްކޮށް، މިހާރު ވެސް އޭގެ ތެރެއިން ބައެއް މަސައްކަތްތައް ފަށާފައިވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުނުތާ މިއަދަށް މިވީ ހަ މަސް ދުވަހެވެ.

ރާއްޖޭން އެ ބަލި ޖެހުނު މީހުން އަދަދަކީ މިހާތަނަށް 8،667 އެވެ. އަދި 6،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް ބަލީގައި ރާއްޖެ އިން މިހާތަނަށް މަރުވީ 29 މީހެކެވެ.