ކޮވިޑަށް ޕޮޒިޓިވްވި މީހުން ދެ ވަނަ އަށް މިހާރު އެންމެ ގިނައީ އިންޑިއާގައި
ކޮވިޑަށް ޕޮޒިޓިވްވި މީހުން ދެ ވަނަ އަށް މިހާރު އެންމެ ގިނައީ އިންޑިއާގައި

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް 24 ގަޑިއިރު ތެރޭގައި 90،000 އިތުރުވެ މުޅި ދުނިޔެއިން ވެސް ދެ ވަނަ އަށް އެންމެ ގިނައިން މި ބައްޔަށް ޕޮޒިޓިވްވި ގައުމަށް އިންޑިއާ ވެއްޖެ އެވެ. އެމެރިކާ އަށް ފަހު މީގެ ކުރިން ދެ ވަނަ އަށް އޮތީ ބްރެޒިލް އެވެ.

އިންޑިއާގައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4.2 މިލިއަނަށް އަރައިފަ އެވެ. މަރުވި މީހުންގެ އަދަދު ވެސް 71،000 އިން މައްޗަށް އަރާފައި ވާއިރު މިއީ ބަލީގައި ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ.

އިންޑިއާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑަށް އިތުރުވާން ފަށާފައި މި ވަނީ މާޗް މަހު ކޮވިޑް ފެތުރެން ފެށުމާ އެކު އިއުލާނުކުރި ލޮކްޑައުންގެ ސަބަބުން އިގްތިސާދީ މަސައްކަތްތައް ހުއްޓި އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލިފައި ވާތީ، ލޮކްޑައުން ލުއިކޮށް މަސައްކަތްތައް ފެށުމާ އެކުގަ އެވެ.

އިންޑިއާގައި މިދިޔަ ހަތް ދުވަހު، ކޮންމެ ދުވަހަކު 75،000 އަށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ. ގިނަ ގޭސްތައް ފެނިފައިވަނީ މައިގަނޑު ގޮތެއްގައި ފަސް ސްޓޭޓަކުންނެވެ.

އެކްޓިވް ކޭސްތަކުގެ 60 ޕަސެންޓަކީ އަންދްރަޕްރަދޭޝް، ޓެމިލް ނާޑޫ، ކަރްނާޓަކާ، މަހާރަޝްތުރާ އަދި އުއްތަރް ޕްރަދޭޝްގެ ކޭސްތަކެވެ. މީގެ އިތުރުން ވެރިތަށް ނިއު ދިއްލީގައި ވެސް ވަނީ ކޭސްތައް އިތުރުވާން ފަށައިފަ އެވެ.

އިންޑިއާގައި ކޮވިޑްގެ ކޭސްތައް ގިނަ ނަމަވެސް މި ނިސްބަތާ އަޅާބަލާއިރު މަރުވާ މީހުންގެ އަދަދު މަދެވެ. ނަމަވެސް މިދިޔަ ހަތް ދުވަހުގެ، ކޮންމެ ދުވަހަކު ވެސް 1،000 މީހުން މަރުވެފައިވެ އެވެ.

ލޮކްޑައުންގެ ސަބަބުން އިންޑިއާގެ އިގްތިސާދު ވަނީ، މިދިޔަ ޖޫން މަހަށް ނިމުނު ތިން މަހުގެ މުއްދަތުގައި 23.9 ޕަސެންޓަށް ދަށްވެފަ އެވެ. މިއީ 1996 ވަނަ އަހަރުން ފެށިގެން، އިގްތިސާދީ މައުލޫމާތު އަހަރަކު ހަތަރު ފަހަރު ނެރެން ފެށިފަހުން އިގްތިސާދު އެންމެ ދަށްވި ފަހަރެވެ.