07 ސެޕްޓެމްބަރ 2020 - 15:10

ރާއްޖޭގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ލޮޓަސް އިން ހޭންޑް ސެނިޓައިޒާ ފުޅި ބަހަން ނިންމައިފަ އެވެ.
ލޮޓަސް ކުންފުނީގެ ވެރިޔާ އަހްމަދު އާރިފް (އާއްޓެ) އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 74،000 ކުދިންނަށް ހޭންޑް ސެނިޓައިޒާ ފުޅި ދޭން ނިންމާފައިވާ ކަމަށެވެ. އެ އެއްޗެހި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މި ހަފުތާގައި ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ލޮޓަސްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ. އެ ކުންފުނިން މީގެ ކުރިން ވަނީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)، އެމްއެންޑީއެފް، ޕޮލިސް އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ސެނިޓައިޒާ ދީފަ އެވެ.
"އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ކުޑަކުދިންނަށް އަމާޒުކޮށްގެން ކަމެއް ކުރިއަށްގެންދަން ބޭނުންވީ. އެހެންވެ، ހާލަތަށް ބަލާފައި މިއަހަރަށް މިކަން މި ގެންދަނީ،" އެ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން ގިނަގިނައިން އަތް ސާފުކުރުމަށް ސިއްހީ މާހިރުން ލަފާ ދެއްވާއިރު ސެނިޓައިޒާގެ ޑިމާންޑު ބޮޑެވެ. ސްކޫލުތަކަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ސެނިޓައިޒާ ފޮނުވާފައި ވެ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ސްކޫލުތައް ވަނީ މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ސްކޫލުތައް ބަންދުކޮށްފަ އެވެ. އެކަމަކު ރަށްރަށުގެ ސްކޫލުތަކުގައި ގްރޭޑު 1-12 ގެ ދަރިވަރުންނަށް ކިޔަވައިދެ އެވެ.