ހޯޑެއްދޫން 40 މީހަކު ކަރަންޓީންކޮށްފި
ހޯޑެއްދޫން 40 މީހަކު ކަރަންޓީންކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންނާ ޑައިރެކްޓް ކޮންޓެކްޓްކަން ކަށަވަރުވާ 40 މީހަކު ގދ. ހޯޑެއްދޫގައި ކަރަންޓީންކޮށްފި އެވެ.

ހޯޑެއްދޫގައި ހޯމް ކަރަންޓީންގައި ތިބި ހަތަރު މީހަކާއި އެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓު ނެތް ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ރަށް މިދިޔަ ހުކުރު ދުވަހު ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފަ އެވެ. މިހާރު އެ ރަށަށް އަރައިފޭބުން މަނަ އެވެ.

ކަރަންޓީންގައި ތިބި މީހުންނާ ގުޅުމެއް ނެތް ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ރަށުގެ ހާލަތު ސީރިއަސް ވެދާނެ ކަމަށް އެޗުޕީއޭއަށް ގަބޫލުކުރެވޭތީ، އެކަން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

ފަހުން ފެނުނު ބަލި ދެ މީހުންނާ ގުޅުން ހުރި 30 އަށް ވުރެ ގިނަ މީހުން/ކުދިން ޓެސްޓްކުރި އިރު އޭގެ ތެރެއިން 19 މީހުން/ކުދިން ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ. އެހެންކަމުން މިއީ މާލެ ފިޔަވައި ކޮވިޑް ބަލީގެ އެންމެ ގިނަ މީހުން މިހާތަނަށް ފެނުނު ރަށެވެ.

ކޯޒްވޭއަކުން ހޯޑެއްދުއާ ގުޅާލާފައިވާ އެ އަތޮޅު މަޑަވެއްޔަށް ވެސް އެ ބަލި ފެތުރިފައިވެދާނެ ކަމަށް ބެލެވޭތީ، މަޑަވެއްޔަށް އަރައިފޭބުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރަން ގދ. ތިނަދޫގެ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހޯޑެއްދުއަށް ދަތުރުކުރި ޓީމްގެ ހެޑް، ފަތާތު ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ، މަޑަވެލިން ވެސް ދެ މީހަކު ކަރަންޓީންކޮށްފައި ވާ ކަމަށެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ދެ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ދެ ރަށުން ޖުމްލަ 167 މީހެއްގެ ސާމްޕަލް އިއްޔެ ނެގި އެވެ. އޭގެ ތެރޭގައި ހޯޑެއްދޫން 106 ސާމްޕަލް އަދި މަޑަވެލިން 61 ސާމްޕަލް ހިމެނޭ އިރު ބަލި ފެތުރިިފައި އޮވެދާނެ މިންވަރު ދެނެގަންނަން ރެންޑަމް ސާމްޕަލް އާއި ރޯގާގެ އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް ވެސް ނަގަމުން އަންނަ ކަމަށް ފަތާތު ވިދާޅުވި އެވެ.

އެ ހުރިހާ ސާމްޕަލްތަކެއް ޓެސްޓުކުރުމުގެ ފެންވަރު އެ އަތޮޅުގައި ނެތުމުން ސާމްޕަލްތައް މިއަދު މާލެ ފޮނުވާނެ އެވެ. ސާމްޕަލްތަކުގެ ނަތީޖާ ލިބެން އާންމުކޮށް ދެ ދުވަސް ނަގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޯޑެއްދޫން ނެގި 13 ސާމްޕަލެއްގެ ނަތީޖާ މިއަދު ލިބުން އެކަށީގެންވެ އެވެ.

ހޯޑެއްދޫ ރައްޔިތުންގެ ކިބައިން ފަތާތު އެދިވަޑައިގަތީ މި ހާލަތުގައި ކަމާ ބެހޭ ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް ކަންތައް ކުރުމަށެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށާއި ގެއިން ބޭރަަށް ދާ ނަމަ މާސްކު އަޅާ، ގައިދުރުކަން ބަހައްޓަން އިލްތިމާސްކުރެއްވި އެވެ.

"ރޯގާގެ އަލާމާތްތައް ހުރި ނަމަ އަދި ޕޮޒިޓިވްވި މީހަކާ ދިމާވެފައިވާ ނަމަ އަޅުގަނޑުމެންނަށް ތެދު މައުލޫމާތު ހިއްސާކުރަން އެދެން،" ފަތާތު ވިދާޅުވި އެވެ.