"4426" އަންނަ މަހު ސްރީ ލަންކާގައި އަޅުވަނީ
"4426" އަންނަ މަހު ސްރީ ލަންކާގައި އަޅުވަނީ

މި މަހުގެ 18 ގައި ރިލީޒް ކުރި ކްރިސްޓަލް އެންޓަޓައިންމަންޓްގެ ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) އަންނަ މަހު ސްރީ ލަންކާގައި އަޅުވަން ނިންމައިފި އެވެ.

ލަންކާގައި ފިލްމްގެ ދެ ޝޯ ދައްކަން ވަނީ ހަމަޖެހިފަ އެވެ. އެއީ އަންނަ މަހުގެ 4 އާއި 5 ގަ އެވެ. ޝޯތައް ދައްކާނީ ކޮލޮމްބޯގެ މައުންޓް ލަވީނިއާ އާއި ސިޓީ ސިނަމާގަ އެވެ.

ފާތުމަތު ނަހުލާ އާއި އަހުމަދު ޝިނާން ޑައިރެކްޓްކޮށްފައިވާ "4426"ގެ ހައުސްފުލް ޝޯތަކެއް އޮލިމްޕަހުގައި ދައްކަމުން އަންނަ އިރު، އަންނަ މަހުގެ 3 އާއި 4 ގައި ޝްވެކް ސިނަމާގައި ވެސް ފިލްމް އަޅުވަން ކްރިސްޓަލް އިން ވަނީ ނިންމައިފަ އެވެ.

މި މަހުގެ 18 ވަނަ ދުވަހުގެ ރޭ އޮޕިމްޕަހާ އެކު، ޝްވެކްގައި ވެސް ފިލްމުގެ ފުރަތަމަ ޝޯ ދެއްކި އެވެ.

ނަހުލާ ބުނީ އޮލިމްޕަހުގައި 29 ޝޯ ދައްކަން ލިބިފައިވާ ކަމަށާއި ޝޯތައް އަދިވެސް އިތުރު ވެދާނެ ކަމަށެވެ. އޭނާގެ އަމާޒަކީ އޮލިމްޕަހުގައި 50 އަށް ވުރެ ގިނަ ޝޯ ދެއްކުމެވެ.

މީގެ އިތުރުން އަންނަ މަހުގެ ކުރީކޮޅު ރިސޯޓްތަކާއި އަތޮޅުތެރޭގެ ރަށްރަށުގައި ވެސް "4426" ދައްކަން ފަށާނެ އެވެ.

ނަހުލާގެ ސްކްރިޕްޓަކަށް ހަދާފައިވާ ފިލްމުގެ ތަރިންގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، ޝީލާ ނަޖީބް، ޖުމައްޔިލް ނިމާލް (ޖުމަލް)، މަރިޔަމް އައްޒަ، އިބްރާހީމް ޖިހާދު (ޖިމީ) އަދި އިސްމާއީލް ޖުމައިހް (ޖުމާ) ހިމެނެ އެވެ.