07 ސެޕްޓެމްބަރ 2020 - 12:22

މޯލްޑިވް ގޭސްގެ ޑެލިވަރީ ޓީމަށް ގިނަ އަދަދަކަށް ދިވެހި މުވައްޒަފުން ހޯދަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނި ގޮތުގައި ޑެލިވަރީ ކުރުމުގައި މިހާރު ގާތްގަނޑަކަށް 100އެއްހާ ބިދޭސީން މަސައްކަތް ކުރެ އެވެ، ނަމަވެސް ބިދޭސީންގެ އަދަދު މަދުކޮށް ދިވެހިންނަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވް ގޭސްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލީ ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހިންގެ ވަޒީފާ ގެއްލިފައިވާތީ އާމްދަނީ ލިބޭނެ މަގުފަހު ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އެހެންކަމުން ވީހާ ވެސް ގިނަ ދިވެހިން މި ފުރުސަތުގެ ބޭނުން ހިފައި ވަޒީފާ އަށް ކުރިމަތިލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ބިދޭސީން ވީހާ ވެސް މަދުކޮށް، ދިވެހިންނަށް ގިނަ ފުރުސަތު ދޭން. އަޅުގަނޑުމެން ބޭނުންވަނީ މިހާރު ބިދޭސީން ތިބި ވަރު 30 އަށް މަދުކޮށްލަން. މީގެ ސަބަބުން ވަޒީފާ ނެތިފަ ތިބި އެތައް ޒުވާނުންނަށް ވަޒީފާ ލިބިގެންދާނެ ކަމަށް އުއްމީދު ކުރަން،" އަލީ އިކްރާމް ވިދާޅުވި އެވެ.
މި ވަޒީފާ އަށް ކުރިމަތިލާ މީހުންނަށް މޯލްޑިވް ގޭސް އިން ވަނީ އެންމެ ކުޑަ މުސާރައެއްގެ ގޮތުގައި 9،000ރ. ކަނޑައަޅައިފަ އެވެ.
ވަޒީފާތަކާ ބެހޭ މައުލޫމާތު މޯލްޑިވް ގޭސްގެ ސޯޝަލް މީީޑިއާ ޕްލެޓްފޯމުތަކުންނާއި ގެޒެޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.