08 ސެޕްޓެމްބަރ 2020 - 06:43

ކޮރޯނާވައިރަހުން ރައްކާތެރިކަން ހޯދަން މާސްކް އެޅުމަކީ މިހާރު ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެކަމަކު މާސްކާ ދޭތެރޭ އަމަލުކުރެވެނީ އެންމެ ރަނގަޅަށް ހެއްޔެވެ؟ އެއް މާސްކެއް ތަކުރާރުކޮށް އެޅިދާނެ ހެއްޔެވެ؟ ސާޖިކަލް މާސްކް ނުވަތަ އެން95 ފަދަ މާސްކް އަލުން ބޭނުންކުރުން ރައްކާތެރި ހެއްޔެވެ؟
މި ސުވާލަށް ސިއްހީ ތަޖުރިބާކާރުން ކުރުކޮށް ދެއްވާ ޖަވާބަކީ އާއެކޭ އެވެ. އެކަމަކު އެއީ މާސްކް ބޭނުންކުރަން ޖެހޭ ގޮތަށް އެއާ ދޭތެރޭ އަމަލުކުރެވޭ ނަމަ އެވެ. އެންމެ މުހިއްމު ކަމަކީ މާސްކްގައި އަތް ނުލުމެވެ. މާސްކްގެ އެންމެ މުހިއްމު ބަޔަކީ އަނގަމައްޗާއި ނޭފަތް ނިވާވެފައި ހުންނަ ބައެވެ. ބަލަންވީ އެ ބައިގައި އަތްނުލައި ވޭތޯ އެވެ. މާސްކް އަޅާއިރު ހިފަން ވާނީ އޭގެ ދެ ފަރާތުގައި އިންނަ ފަށުގައި އެކަންޏެވެ. އޭގެ ކުރިން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒް ކުރުމަކީ ވެސް ރައްކާތެރި ގޮތެކެވެ.
"އެހެން ނޫން ކަމަށްވާ އަތުގައި ހުންނަ ޖަރާސީމާއި ވައިރަސްތައްއް މާސްކަށް ދިއުމުގެ ފުރުސަތު ބޮޑު. މާސްކް އަޅާ އިރާއި ނަގާ އިރު މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ވާނެ. އަދި މާސްކް އަޅައިގެން ހުންނަ އިރު އޭގައި އަތް ލެވޭ ނަމަ ވަގުތުން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮންނަން ވާނެ،" އެމެރިކާގެ ޔޭލް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ އެޕިޑަމޮލޮޖިސްޓް ޑރ. ލޫޝިއަން ޑޭވިސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާސްކްގައި އަތްނުލައި ރައްކާތެރިކޮށް މާސްކް ގެންގުޅެވޭ ނަމަ ޑިސްޕޯސަބަލް މާސްކް ތަކުރާރުކޮށް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި މާސްކް ނަގާއިރު ސަމާލުކަންދޭ ވަރަށް، މާސްކް ބާއްވާ ތަނަކާ ދޭތެރޭ ވެސް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ. އެގޮތުން އެހެން މީހުންނާ ވީހާ ވެސް ދުރުގައި ނުވަތަ އެހެން މީހަކަށް އަތްނުލެވޭ ހިސާބެއްގައި މާސްކް ބޭއްވުން މުހިއްމެވެ.
ޖޯން ހޮޕްކިންސް މެޑިސިންގެ ބައޯކޮންޓައިންމަންޓް ޔުނިޓްގެ ނާސް އެޑިއުކޭޓާ ޖޭޑް ފްލިން ވިދާޅުވި ގޮތުގައި ބޭނުންކޮށްފައި މާސްކް ދެވަނަ ފަހަރަށް ބޭނުންކުރާ ނަމަ އެ ބާއްވަން ކަރުދާސް ކޮތަޅެއް ކަހަލަ އެއްޗެއް ބޭނުންކުރެވިދާނެ އެވެ.
"އެފަދަ އެއްޗެއްގެ ތެރެއަށް މާސްކް ލީމާ ވެންޓިލޭޝަން ލިބި [ވައި] ސާފުވުމަށް މަގުފަހިވާނެ،" އޭނާ ވިދާޅުވި އެވެ. "ނޫނީ ޕްލާސްޓިކް ތައްޓެއް ނުވަތަ ޒިޕް އެޅި ކޮތަޅެއް ކަހަލަ އެއްޗެއްހެ ތެރޭގައި ވެސް މާސްކް ބޭއްވިދާނެ."
އެކަމަކު މިހެން ކަންތައް ކުރިޔަސް މާސްކް ބާއްވާ ތަނަކާއި އެ މާހައުލެއްގެ ސާފު ތާހިރު ކަމަށް ވެސް ވަރަށް ބޮޑަށް ވިސްނަން ވާނެ އެވެ. އަދި މާސްކްގައި ގިނައިން އަތްލެވި ބޭރުފުށުން ވެސް މާސްކް ހަޑިކޮށް ފެންނަ ނަމަ މާސްކް އަލުން ބޭނުންކުރުން ރައްކާތެރި ނުވާނެ ކަމަށް ޑޭވިސް އާއި ފްލިން ވެސް ވިދާޅުވި އެވެ.
"އެފަދަ ހާލަތްތަކުގައި މާސްކް ޖެހޭނީ ރައްކާތެރި ގޮތުގައި ނައްތާލަން،" ޑޭވިސް ވިދާޅުވި އެވެ.
ވަރަށް ގިނަ ބަޔަކު މިހާރު ފޮތި މާސްކް ވެސް ބޭނުންކުރާތީ އެފަދަ މާސްކްތައް ވެސް ސައިބޯނި ލައިގެން ދޮވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި ފޮތި މާސްކް ބޭނުންކުރި ނަމަވެސް އެއް މާސްކަށް ވުރެ ގިނަ މާސްކް ގެންގުޅުމަކީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅަކަށް ވާނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑް-19 ފެތެރެން ފެށި ފަހުން މާސްކާ ބެހޭ ވަރަށް ގިނަ މައުލޫމާތުތައް މިހާތަނަށް ހިއްސާކޮށްފަ އެވެ. އެހެންވެ އެތަނުން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.