ކަލައިދޫ ގެއަކުން 352،000ރ. ވަގަށް ނަގައިފި
ކަލައިދޫ ގެއަކުން 352،000ރ. ވަގަށް ނަގައިފި

ލ. ކަލައިދޫ ގެއަކުން ވަގަށް ނެގި 352،000 އަށްވުރެ ގިނަ ރުފިޔާ ރޭ ހޯދައިފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ، ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން އިއްޔެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ އަތޮޅު ގަމާއި އިސްދޫ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ފައިސާތައް ހޯދާފައި ވަނީ ރަށުގެ ވަލުތެރޭގައި ވަޅުލާފައި ހުއްޓަ އެވެ.

އެ ސަރަހައްދު ބަލައި ފާސްކުރިއިރު 352،500ރ. ފެނިފައި އެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 29 އަހަރާއި 38 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި، އެ ފައިސާތައް ރައްކާކޮށްފައި ހުރީ އުމުރުން ދުވަސްވީ ފިރިހެނަކު ދިރިއުޅޭ ކޮޓަރިއެއްގަ އެވެ. އެ ގޯތީގައި ހުރި އެހެން އިމާރާތެއްގައި، އެ ފިރިހެން މީހާގެ ދަރިއަކު އުޅެ އެވެ.

ފައިސާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރީ ކުށުގެ ރިކޯޑު އޮންނަ ބައެއް ކަމަށް ވެ އެވެ.