07 ސެޕްޓެމްބަރ 2020 - 11:30

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ދަރަނި 73.9 (ގާތްގަނޑަކަށް 74) ބިލިއަން ރުފިޔާ އަށް އަރައިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސުން މިދިޔަ ބުރާސްފަތު ދުވަހު އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 108 ޕަސެންޓުގަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ހަ ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ ދަރަނި ހުރީ 69.4 ބިލިއަން ރުފިޔާގަ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓާ ނިމުނު އިރު ރާއްޖޭގެ އެތެރޭގެ ދަރަނި ހުރީ 36.1 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 53 ޕަސެންޓެވެ. އަދި ބޭރުގެ ދަރަނި ހުރީ 37.7 ބިލިއަން ރުފިޔާގަ އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 55 ޕަސެންޓެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޖުލައި މަހުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީ ހުރީ 68.3 ބިލިއަން ރުފިޔާގަ އެވެ.
ރާއްޖޭގެ ދަރަނި ދެވަނަ ކުއާޓާގައި އިތުރުވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން އިގްތިސާދު ދަށްވެ އާމްދަނީ އަށް ކުރި އަސަރުގެ ސަބަބުން ބޭރު ގައުމުތަކުން ލޯނު ނަގަން ޖެހުމުން ކަމަށް ބެލެވެ އެވެ. އެގޮތުން މިހާތަނަށް ކޮވިޑް-19އާ ގުޅިގެން އެކި ގޮތްގޮތުން 222 މިލިއަަން ޑޮލަރު (ގާތްގަނޑަކަށް 3.4 ބިލިއަން ރުފިޔާ) ދައުލަތަށް ވަނީ ލިބިފަ އެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރު ސަރުކާރުން ވަނީ 12 ލޯނެއް ނަގައިފަ އެވެ. މީގެ ތެރޭގައި އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޯފިޑް) އާއި އިސްލާމިކް ޑިވްލޮޕްމަންޓް ބޭންކް (އައިޑީޕީ) އާއި އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓް އާއި އޭޝިއަން އިންފްރާސްޓަކްޗާ އިންވެސްޓްމަންޓް ބޭންކް (އައިއައިއައިބީ) އިން ނަގާފައިވާ ލޯނުތައް ހިމެނެ އެވެ. މީގެ ތެރެއިން ބައެއް ތަންތަނުން ދެ ފަހަރަށް ވެސް ލޯނު ނަގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފިނޭންސް މިނިސްޓްރީ އަށް ދައުލަތުގެ ދަރަނި މެނޭޖު ނުކުރެވޭ ކަމަށް ބުނެ މިދިޔަ މަހު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރާއި އެ މަގާމުގައި ކުރިން ތިއްބެވި ބައެއް ވަޒީރުން ވަނީ ހާޒިރުކޮށްފަ އެވެ. ނަމަވެސް ހުރިހާ ވަޒީރުން ވެސް ވަނީ ރާއްޖޭގެ ދަރަނި މެނޭޖު ކުރުމުގެ ގާބިލުކަން ފިނޭންސް މިނިސްޓްރީގައި ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.