މަޑަވެލިން ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގަނީ
މަޑަވެލިން ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނަގަނީ

ގދ. މަޑަވެލިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ރެންޑަމް ސާމްޕަލް ނަގަން ފަށައިފި އެވެ.

އެ ރަށާ ކޯޒްވޭއަކުން ގުޅާލާފައިވާ ހޯނޑެއްދޫއިން 19 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ މީހުންނާ މަޑަވެލިން ކޮންޓެކްޓްވެފައި ވެދާނެ ކަމަށް ބަލައި ދެރަށް ވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

މަޑަވެލީ ކައުންސިލްގެ ރައީސް ހަމީޒް އަހުމަދު "މިހާރު" އަށް ވިދާޅުވީ މަޑަވެލީގައި ރެންޑަމް ސާމްޕަލް ނަގަން ފެށީ އެ އަތޮޅު ވެރިރަށް ތިނަދޫ ހޮސްޕިޓަލުގެ ޓީމެއް ގޮސް މިއަދު ކަމަށެވެ. އޭނާ ވިދާޅުވީ ފަންސާހަކަށް މީހުންގެ ސާމްޕަލް ނަގަން ހަމަޖައްސާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބަލީގެ އަލާމާތެއް ހުރި މީހަކު ވެސް އަދި ޕޮޒިޓިވް ކޭސްއަކާ ގުޅުމެއް ހުރި މީހަކު ވެސް މިހާތަނަށް ރަށުން ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ. އަދި ރަށުގެ ހާލަތު ވެސް އަދި ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ހޯނޑެއްދޫން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލެ އިން އެ ރަށަށް ގޮސް ކަރަންޓީންގެ މުއްދަތު ހަމަކުރުމަށް ފަހު ޓެސްޓް ކުރި ބައެކެވެ. އެ މީހުން ކަރަންޓީންވެފައި ތިބި ގެއިން ފޮއްޓެއް ގެންދިޔަ އެހެން ގެއެއްގެ ބަޔަކު ވެސް ވަނީ ޕޮޒިޓިވްވެފަ ވެވެ.

އޭގެ ފަހުން ނެގި 36 ރެންޑަމް ސާމްޕަލްގެ ތެރެއިން 19 މީހަކު އެ ރަށުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ އެއް އަހަރުން ދަށުގެ ދެ ކުދިންނާއި އެއް އަހަރާއި 18 އަހަރާ ދެމެދުގެ އަށް ކުއްޖަކާއި 18-50 ދެމެދުގެ ހަތް މީހަކާއި 50 އަހަރުން މަތީގެ ދެ މީހެކެވެ.

މިއީ މާލެ ފިޔަވައި އެހެން ރަށަކުން މިހާ ގިނަ މީހުން ޕޮޒިޓިވްވި ފުރަތަމަ ރަށެވެ.

ހޯނޑެއްދޫގައި ބަލި ފެތުރުނު ގޮތް އެޗްޕީއޭ އިން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.