06 ސެޕްޓެމްބަރ 2020 - 17:02

ބޮލީވުޑްގެ ޒުވާން އެކްޓަރު އަރުޖުން ކަޕޫރް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.
އުމުރުން 35 އަހަރުގެ އެކްޓަރު އިންސްޓަގްރާމްގައި އާންމުކުރި ބަޔާނެއްގައި ބުނީ އޭނާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން މި ވަގުތު ހުރީ ޑޮކްޓަރުންނާއި ކަމާބެހޭ އިދާރާތަކުގެ އިރުޝާދުގެ ދަށުން ހޯމް ކަރަންޓީނުގައި ކަމަށެވެ. އަދި އޭނާގެ ހާލަތާ ބެހޭ އިތުރު މައުލޫމާތު ފޭނުންނާ ހިއްސާކުރަމުން ގެންދާނެ ކަމަށް ބުންޏެވެ.
އަރުޖުން ކޮވިޑް-19 އަށް ޕޮޒިޓިވްވީ އޭނާ ކުޅެން ފަށާފައި އޮތް ފިލްމެއްގެ ޝޫޓިން މިދިޔަ މަހުގެ މެދުތެރޭގައި އަލުން ފަށާފައި ވަނިކޮށެވެ. ނަން އިއުލާން ނުކުރާ އެ ފިލްމަކީ ކާޝްވީ ނައިރް ޑައިރެކްޓްކުރާ ކްރޮސް-ބޯޑާ ލަވްސްޓޯރީއެކެވެ. އޭގެ ކާސްޓުންގެ ތެރޭގައި ރަކުލް ޕްރީތު ސިންގް އާއި ޖޯން އަބްރަހަމާއި އަދިތީ ރާއޯ ހައިދަރީ ހިމެނެ އެވެ.
އަރުޖުން ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި "ދޯ ވިލަން" އާއި "ބޫތު ޕޮލިސް" ހިމެނެ އެވެ.
ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ބައްޗަންގެ އާއިލާގެ ބައެކެވެ. ޖުލައި މަހުގެ ތެރޭގައި އަމީތާބް ބައްޗަނާއި ދަރިފުޅު އަބީޝެކް ބައްޗަނާއި އޭނާގެ އަންހެނުން އައިޝްވާރިއާ ރާއީގެ އިތުރުން ދަރިފުޅު އަރާދިއާ ބައްޗަން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ދިނެވެ.