06 ސެޕްޓެމްބަރ 2020 - 16:18

"އާއްމުކޮށް އެ ބޭފުޅުން ބޭނުންވާ ކަންތައްތައް ޑިލޭވެގެން ދާތީ ނުވަތަ އެ ބޭފުޅުންނަށް އުނދަނގޫވާ ކަންތައްތަކެއް ހުންނާތީ ކޯލް ސެންޓަރަށް ގުޅާފައި އެ ނަގާ ކުއްޖަކާ ދިމާލަށް، އަޅުގަނޑާ ދިމާލަށް ވެސް ވަރަށް ހުތުރު ބަހުން ވާހަކަދައްކާފައި ހުންނާނެ. މައިންބަފައިންނާ ބެހި ދެން ސެކްޝުއަލް ހެރެސްމެންޓް، އެކަހަލަ ގޮތަށް ވެސް ވާހަކަދައްކާ."

މިއީ ރާއްޖޭގައި ކޮވިޑް-19 އާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމަށް ފަސޭހަ ކުރުމަށް މާޗު މަހު ގާއިމްކުރި ކޮވިޑް ހޮޓްލައިން "1676"ގެ މަސައްކަތް ފެށުނީއްސުރެ، އެ ކޯލް ސެންޓަރުގައި އުޅެމުން އަންނަ ފާތިމަތު އާދަމް (އަސްލު ނަމެއް ނޫން) އެ ތަނުގެ އެހެން މީހުންނަށް ކޮންމެ ދުވަހަކު އާއްމުންގެ ފަރާތުން ދިމާވާ ފުރައްސާރައިގެ ވާހަކަ އެވެ.
ދުވާލެއްގެ މައްޗަށް 2،000 ވަރަކަށް، ފޯނުކޯލް މިހާރު ވެސް ކޮވިޑް ކޯލްސެންޓަރަށް އާދެ އެވެ. އޭގެ ތެރެއިން ގިނަ ކޯލްތައް ކުރަނީ ކަންކަމާ ހިތްހަމަނުޖެހިގެންނެވެ. އާއްމު މީހުންނާ ގުޅުން ހުރި ކަންކަން ނުވުމުން، ނޫނީ ލަސްވުމުން އެކަމުގެ ޝަކުވާ ކުރަން ގުޅާ މީހާގެ އުދާސްތައް ބަންޑުންކޮށްލާއިރު، ހިތާމަޔަކީ ފޯނު ކޯލުގެ އަނެއްކޮޅުގައި، ރައްޔިތުންގެ ހިދުމަތުގައި ކެތްތެރިވެލައިގެން ތިބި މީހުންނަށް ކުރާނެ އިހުސާސްތައް ނޭނގޭ ދަރަޖަ އަށް އާންމު ބައެއް ފަރުދުންގެ އަމަލުތައް ގޮސްފައިވާ ކަމެވެ.
ކޯލް ސެންޓަރުގެ ހިދުމަތްތެރިންނަށް ކޮންމެ ދުވަހަކު ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، އަދަބެއް އިޚުތިރާމެއް ނެތި މުއާމަލާތު ކުރާ މީހުންކަން ފާތުންގެ ވާހަކައިން އެނގެ އެވެ.
ޚާއްސަކޮށް އަންހެނުންނަށް ބޭއަދަބީ އަދި ބަދުއަޚުލާގީ ބަސްތައް ރައްދުކުރުން އޮންނަނީ ބައެއް މީހުންގެ އާދައަކަށް ވެފަ އެވެ.
"އާއްމު ރައްޔިތުންގެ އިހުސާސްތައް ބަންޑުންކޮށްލަން ގުޅާ ތަނަކަށް އޮންނަނީ ވެފައި. ވަރަށް ރުޅި އައިސްގެން ގުޅާ މީހުން ގިނައީ، ކަންކަން ނުވެގެން ނޫނީ ޑިލޭ ވެގެންދާތީވެ، ގުޅާލާފައި ވަރަށް އެއްޗެހި ކިޔާލާނެ. ކޮންމެ ގޮތެއް ވިޔަސް އެޖެންޓެއް ވިއްޔާ ނަން ބުނަން ޖެހޭ،" ފާތުން ކިޔައިދިނެވެ.
ގޭގައި ތިބެގެން ކޯލް ސެންޓަރަށް ގުޅާއިރު، އެ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މީހުން އުފުލަނީ ކިހާ ބުރަ ޒިންމާއެއްކަން ތަސައްވުރު ނުކުރެވިދާނެ އެވެ. ނަމަވެސް ހަގީގަތުއި އެއިން ކޮންމެ މީހަކު ވެސް ލޯބިވާ އާއިލާ އާއި ރަހުމަތްތެރިންނާ ދުރުގައި އެތައް ވަގުތެއް ހޭދަކުރަނީ، އާއްމުންގެ ހައްގުގަ އެވެ.
ފާތުންގެ ވާހަކައަށް ބަލާ ނަމަ، އޭނާ ކޮވިޑް ކޯލް ސެންޓަރުގައި މަސައްކަތް ކުރަން އަންނަނީ އެއް އަހަރުގެ ތުއްތު ދަރިފުޅު، އޭނާގެ ފިރިމީހާގެ ގާތުގައި ބަހައްޓައިފަ އެވެ. އެއީ ކުޑަކުޑަ ނުވަތަ އާދައިގެ ނިންމުމެއް ނޫނެވެ.
ކަން ދިމާކުރި ގޮތުން ކޮވިޑް ކޯލް ސެންޓަރުގެ މަސައްކަތް ފުރަތަމަ ފެށި އިރު، ރެ އާއި ދުވާލު އެތައް ވަގުތެއް ހޭދަކުރަން ޖެހުނެވެ. ނަތީޖާ އަކަށްވީ ފާތުން އަށް، ތުއްތު ދަރިފުޅާއި ދުރުވުމުގެ ހިތްދަތި އިހުސާސްތައް ތަޖުރިބާ ކުރަން ޖެހުމެވެ. އެ ވާހަކަތައް މީޑިއާއާ ހިއްސާ ކުރީ އަސަރާ އެކުގަ އެވެ.
ގިނަ ވަގުތު ކޯލް ސެންޓަރުގައި އުޅެފައި ފާތުން ގެއަށް ދިޔުމުން ދަރިފުޅުގެ ދުލުން "މަންމާ"އޭ ބުނެލާ އަޑު ނީވޭ ވަރަށް، އޭނާގެ ދަރިފުޅު ބީރައްޓެހިވި އެވެ. މައެއްގެ ލަނގޮޑި އަށް އެކަމުން ކުރާނެ އަސަރު ހިތަށް ގެންނާނީ ކިހިނެއްތޯ އެވެ؟
"ގެއަށް ވަންނަ އިރަށް ގޮވާލާނެ ބައްޕީއޭ ކިޔާފައި. އަބަދު ބައްޕި ފެންނާތީވެ. އެއީ އެއްވެސް ފެމިލީއަކާ އެއްކޮށްނެއް ނޫން އުޅެނީ. ހަމަ ދެ މީހުން ވަކިން އުޅެނީ. އެކަމާ ވެސް ކުޑަކޮށް އުނދަނގޫ ވެފައި ހުރީ،" ފާތުން ކިޔައިދިނެވެ.
މިއީ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ އެންމެ އަންހެން ކުއްޖެއްގެ ގުރުބާނީގެ ވާހަކަ އެވެ. ލޯބިވާ އަނބިދަރިންނާއި ފިރިންނާއި ރަހުމަތްތެރިން ލޮލަށް ފެންނާނެ ވަގުތު ނުވެ، ރޭގަނޑެއް ދުވާލެއް ނެތި މި ތަނުގައި މަސައްކަތް ކުރާ މީހުންގެ އޮތީ އެންމެ އަޒުމެކެވެ. ސައްހަ ކަމާއެކު ކޮވިޑް-19 އާ ގުޅުން ހުރި މައުލޫމާތު ފޯރުކޮށްދިނުމެވެ. ސައްހަ މައުލޫމާތު އެއްކޮށް، ކަމާ ގުޅޭ އިދާރާތަކަށް، ހަލުވިކަމާ އެކު ފޯރުކޮށްދިނުމެވެ.
ކޯލް ސެންޓަރުގެ މަސައްކަތްތަކުގެ ތެރޭގައި، ވަގުތުން ވަގުތަށް ފުރިހަމަ ކުރަން ޖެހޭ އެތައް މަރުހަލާތަކެއް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުރަން ޖެހުމަކީ ބުރަ ކަމެކެވެ. ހިންދެމިލާނެ ވަގުތުކޮޅެއް ވެސް ނުލިބި އެ މަސައްތުގައ ޝާމިލްވާ މީހުންނަށް، އެންމެ ކުޑަމިނުން އާންމުންގެ އިހުތިރާމް ލިބެން ޖެހޭނެ އެވެ.
ކޯލް ސެންޓަރުގެ ބައެއް ހިތި ތަޖުރިބާތަކަށް ފަހު، އެކުގައި މަސައްކަތް ކުރާ އެންމެންގެ ފަރާތުން ފާތުން އާންމުންގެ ކިބައިން އެދެނީ ވެސް ރިވެތި ބަހުން މުއާމަލާތު ކުރުމަށެވެ.
"އަޅުގަނޑުމެންނަށް ވެސް އެނގޭ ވަރަށް ދަތީގައިކަން ކޮންމެ ބޭފުޅަކު ވެސް ތިބީ. އެކަމަކު ވެސް އެގޮތަށް، ކޯލް ސެންޓަރުގައި ތިބޭ ކުދިންނާ ހަޑިހުތުރު ބަހުން ވާހަކަ ނުދައްކާށޭ. އެއީ ވަރަށް ބޮޑަށް އެދޭ ކަމެއް،" ފާތުން ބުންޏެވެ.
ކޯލް ސެންޓަރު ހިންގެވުމާ މިވަގުތު ހަވާލުވެ ހުންނެވި، އަބްދުﷲ އަޒްމީންގެ ވާހަކަ އިން އެނގެނީ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މީހުންނަށް ކަސްޓަމަރުންގެ ފަރާތުން ދިމާވާ ރުޅިވެރި ކަމަކީ، އެ ކުދިންނަށް ދިމާވާ ނޭއްގާނީ ކަންކަމުގެ ވަރަށް ކުޑަ މިންވަރެއް ކަމެވެ. ބައެއް މީހުން މަގުތަމަތިން ހޯދާނެ ކަމުގެ އިންޒާރު ދިނުމަކީ ބިރެކެވެ. ކޯލް ސެންޓަރުގެ އެޖެންޓުންނާއި އާއިލާ މީހުންނަށް ހިތްދަތި މަރެއް ލެއްވުމަށް އެދި ބަދުދުއާ ކުރުން ފަދަ ރަހުމު ނެތް އެތައް ކަމެއް ވެސް ހިނގާފައި އެބަ ހުއްޓެވެ. ޖިންސީ ފުރައްސާރައިގެ ވާހަކަތައް ވެސް ގިނަ އެވެ.
"ވަރަށް ހަޑި ހުތުރުބަހުން، ބަދު ދުއާކުރުން ފަދަ ކަންކަން އެބަ ކުރައްވާ. ބައެއް ފަހަރު އެޖެންޓުން ހަމަ ވަރަށް ދެރަވެގެން ރޯން ވެސް ރޮއެ އަޅުގަނޑުމެން ކައިރީގައި. އަޅުގަނޑުމެން ވެސް މިތާގައި މިތިބެނީ ހުރިހާ ކޯލްތަކަށް އެޓެންޑްވާން،" އަޒްމީން ވިދާޅުވި އެވެ.
ކޯލް ސެންޓަރުގައި ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބިޝާރާ އަހުމަދު ވިދާޅުވީ، ހަޑިހުތުރު ބަހުން މުއާމަލާތު ކުރުން ފަދަ ނޭދެވޭ ކަންކަން ތަކުރާރުކޮށް ދިމާވާތީ ރިވެތި ބަހުން މުއާމަލާތުކުކުރަން އެދުމުން ވެސް ގުޅާ ބައެއް މީހުން އެގޮތަށް ވާހަކަ ދައްކާ ނަމަ، ކޯލް ކުރިއަށް ނުގެންދިއުމުގެ އިހުތިޔާރު ކޯލް ސެންޓަރުގައި މަސައްކަތް ކުރާ އެޖެންޓުންނަށް ދީފައިވާ ކަމަށެވެ.
އެފަދަ ކޯލްތަކުން އެޖެންޓަށް ނަފުސާނީ ގޮތުން ކުރާ އަސަރު ކުޑަކުރުމަށް އެ އެޖެންޓުނަށް ބްރޭކެއް ވެސް ދެ އެވެ. އެޖެންޓުންނަށް ބޭނުންވާ އެހެން ސަޕޯޓް ލިބޭނެ އިންތިޒާމު ވެސް ހަމަޖައްސާދީފައިވާ ކަން ބިޝާރާ ފާހަގަކުރެއްވި އެވެ.
"މިހާރު އާއްމުކޮށް ޖަވާބުދޭން އުނދަނގޫ ގުޅާ ފަރާތުން ވާހަކަ ދައްކާ ގޮތުން. މެންޓަލީ ޑިސްޓާބް ވާ ކަހަލަ ލެވެލް އަށް ދާ ކޯލްސް، ނޯމަލީ ހަމަ އަންނާނެ ޝިފްޓެއްގައި މިސާލަކަށް ފަހެއް ނުވަތަ ހައެއްކަ ކޯލް ވެސް. ދެން ބައެއް ފަރާތްތަކަކީ ކިތަންމެ ވަރަކަށް އަންޑަސްޓޭންޑް ކޮށްދޭން ކިޔައިދިން ކަމުގައި ވިޔަސް، އަޑު އަހަން ބޭނުން ނުވާ ފަރާތްތައް،" އޭނާ ވިދާޅުވި އެވެ.
އިމަޖެންސީއެއްގައި މުޅި ގައުމު އޮތް އިރު، ހުރިހާ ކަމެއް ދާނީ ބަރާބަރަށް، އެންމެ ފުރިހަމަކޮށެއް ނޫނެވެ. އެހެންކަމުން އާންމުން ބޭނުންވާ ގޮތަށް ކަންކަން ނުކުރެވި ހިނގައިދާނެ އެވެ. އެކަމަކު އާންމު ރައްޔިތުންގެ ހިދުމަތުގައި ތިބި މީހުންގެ އަގު ވަޒަން ކުރުމަކީ ވެސް، ތަހުޒީބީ ގޮތެކެވެ.
ކޯލް ސެންޓަރަކީ، ދިވެހިންގެ އެ ތަހުޒީބު ވަޒަން ކޮށްލެވޭނެ ތަނެކެވެ. އެނގޭ އެއްޗަކީ، ބައެއް ފަރުދުންގެ އަމަލްތައް ހުރީ މި ޒަމާނުގެ ހޭލުންތެރިކަމާ އެއް ފެންވަރެއްގައި ނޫން ކަމެވެ. ގުރުބާނީއެއް ވެގެން ޚިދުމަތް ދޭން ތިބޭ މީހުންނަށް އެންމެ ކުޑަވެގެން، ރީތި ބަހުން މުއާމަލާތް ކުރުމަކީ، ޝުކުރުގެ ބަހެއް ފަދަ އަމަލެއްކަން ޔަގީނެވެ.
މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.