27 އޮކްޓޯބަރ 2016 - 13:20

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މެރިން ސައިންސް މަހާސިންތާ މިއަދު ފަށައިފި އެވެ.

ކަނޑުއަޑި ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އަމާޒުކޮށް ބާއްވާ މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން އިންތިޒާމު ކޮށްގެން އެތާނގެ އޮޑިޓޯރިއަމްގައި ބާއްވާ މަހާސިންތާގައި ވާހަކަދައްކަވަމުން، މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޮޑު ސަރަަހައްދެއް ހިއްސާކުރަނީ ކަނޑުއަޑި ކަމަށާއި އެ ތަންތަން ދިރާސާ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މެރިން ރިސާޗުތައް ހެދުމަށް ރާއްޖެއަކީ އެންމެ ރަނގަޅު މާހައުލު ކަމަށާއި ރިސާޗުތައް ހެދުން އިތުރުކުރަން ޖެހޭ ކަމަށެވެ.
ގައުމީ ޔުނިވާސިޓީގައި ވެސް ދަރިވަރުންނަށް ސައިންސްގެ ދާއިރާއިން ރިސާޗުތައް ހެދޭނެ މަގު ފަހިކޮށްދިނުމަށް މިނިސްޓަރު ވަނީ އެ ޔުނިވާސިޓީގެ އިސްވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
މި މަހާސިންތާގައި ކަނޑުގެ މާހައުލާއި ވަސީލަތްތައް ދިރާސާކުރާ 80 މީހުން ބައިވެރިިވި އެވެ. ރިސޯޓުތަކުގައި މެރިންގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ މީހުންނާއި ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިިއްޔާތަކުން ވެސް ބައިވެރިވި އެވެ.
މެރިން ރިސާޗު ސެންޓަރުގެ އޮފިޝަލަކު ވިދާޅުވީ މި މަހާސިންތާގައި ޕޭޕަރުތައް ހުށަހެޅުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނެ ކަމަށެވެ. އަދި އެ ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކުރާނެ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
މިއީ އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ.