06 ސެޕްޓެމްބަރ 2020 - 10:49

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅަށް ގެއްލުން ދޭން ޓީވީ ޕްރޮގްރާމެއްގައި ގޮވާލި މީހާ މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި، ކޯޓު އަމުރަކަށް ހައްޔަރުކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ
އެނގފައިވާ ގޮތުގައި، ރައްޔިތުންގެ އަޑު"ގެ ނަމުގައި ޗެނަލް 13 އިން ގެނެސްދިން ލައިވް ޕްރޮގްރާމެއްގައި، ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން ބުނި މީހާ އަކީ ތ. ވިލުފުށީ މީހެކެވެ. އެ މީހާ، ވެރިކަން އަވަހަށް ނައްތާލަންވީ ކަމަށާއި ރައީސްގެ "ގައިގައި (ކަނޑާލާފައި) ޖަހަންވީ" ކަމަށް ބުނެ ވާހަކަ ދެއްކި އިރު ޗެނަލް 13 އިން ވަނީ ލައިވްކޮށް އަޑު ފޮނުވައިފަ އެވެ. ނަމަވެސް އެކަމާ ގުޅިގެން އެ ޗެނަލުން ފަހުން ވަނީ މާފަށް އެދިފަ އެވެ.
މި މައްސަލާގައި ބްރޯޑްކާސްޓިން ކޮމިޝަނުން އަންނަނީ ޗެނަލް 13 ގެ މައްސަލަ ބަލަމުންނެވެ.
ޗެނަލް-13 އިން ބުނީ ރައީސްގެ ހަށިކޮޅަށް ގެއްލުން ދޭން އެ މީހާ ބުނީ އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ބިނާކޮށް ކަމަށާއި އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ މާފަށް އެދޭ ކަމަށެވެ. އަދި އެ ޗެނަލަކީ އާއްމުންގެ މެދުގައި އެކަކު އަނެކަކަށް ނަފްރަތު އުފެއްދުމަށް ހިތްވަރު ދޭނެ ބައެއް ނޫން ކަމަށާއި އަދި ކުރިއަށް އޮތްތަނުގައި ވެސް އެ ފަދަ ކަންކަމަށް ހިތްވަރުު ދީ، ގާނޫނާ ހިލާފު ކަންކަން ކުރުމަށް ފުރުސަތު ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ.