06 ސެޕްޓެމްބަރ 2020 - 00:06

ގދ. ހޯޑެއްދޫން، ކޮވިޑްގެ އަލާމާތްތައް ފެނިގެން ޓެސްޓުކޮށް ފުރަތަމަ ޕޮޒިޓިވްވި ދެ މީހުންނާ ހޯމް ކަރަންޓީނުގައި ތިއްބައި ޕޮޒިޓިވްވި އެއްވެސް ކޭސްއަކާ ގުޅުމެއް ހުރި ކަމަށް ނުބެލެވޭތީ އެކަން ތަހުގީގުކުރަން ފަށައިފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރު އާމިނަތު އަރޫޝާ ވިދާޅުވީ މިދިޔަ މަހުގެ 18 ގައި އެ ރަށަށް ދިޔަ އާއިލާއެއްގެ ހަތަރު މީހަކު މިިދިޔަ ބުރާސްފަތި ދުވަހު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ހަމަ އެ ދުވަހު އެ ރަށުން އިތުރު ދެ މީހެއްގެ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ކޮވިޑަށް ޓެސްޓުކޮށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ފަހުން ޕޮޒިޓިވްވި ދެ ކޭސް އާއި ކަރަންޓީނުން ދޫކޮށްލިފަހުން ޕޮޒިޓިވްވި ކޭސްތަކަކާ އެއްވެސް ލިންކެއް ހުރި ކަމަކަށް، މިހާތަނަށް ބެލި ބެލުންތަކުން އެނގިފައި ނުވާކަމަށް ވިދާޅުވި އެވެ.
އެ ދެ ކޭސްއާ ގުޅިގެން 36 ކޮންޓެކްޓެއް ފާހަގަކުރެވި، އެ 36 ކޮންޓެކްޓުންގެ ސާމްޕަލް ނަގައި ޓެސްޓުކުރުމުން، ހޯޑެއްދޫން އިތުރު 19 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ. އެއީ ހޯނޑެއްދޫގެ ފަސް ގޭބިސީއެއްގެ ކޮންޓެކްޓްސް އެވެ.
ހޯޑެއްދޫން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެެނެނީ 11 ފިރިހެނުންނާއި އަށް އަންހެނުންނެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއް އަހަރުން ދަށުގެ ދެ ކުދިންނާއި އެއް އަހަރާއި 18 އަހަރާ ދެމެދުގެ އަށް މީހަކާއި 18-50 ދެމެދުގެ ހަތް މީހަކާއި 50 އަހަރުން މަތީގެ ދެ މީހުން ހިމެނެ އެވެ. މިއީ މާލެ ފިޔަވައި އެހެން ރަށެއްގައި ކޮވިޑް-19 އަށް މިހާ ގިނަ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކުރިން ޕޮޒިޓިވްވި ދެ ކޭސްއާ މި 19 ކޭސްގެ މިހާތަނަށް 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި އެ ކޭސްތަކާ ގުޅިގެން، ކޭސްތަކުގެ ލިންކަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެޗްޕީއޭއިން ވަނީ އެ ކޭސްތަކާ އެއްވެސް ގޮތަކުން ކޮންޓެކްޓްވެފައިވާ ނަމަ ހޯޑެއްދޫގައި ގާއިމްކޮށްފައިވާ ހޮޓްލައިނަށް އެކަން އެންގުމަށް އެދިފަ އެވެ.
ކޮންޓެކްޓު ކަމަށް ބަލަނީ، މާސްކާ ނާޅައި 15 މިނެޓަށް ވުރެ ގިނައިރު، ހަ ފޫޓަށްވުރެ ކައިރިން ބައްދަލުވެފައިވާ މީހުންނެވެ. އޭގެ އިތުރުން ބަލީގެ މީހުން އަލާމާތް ފެނުމުގެ ދެ ދުވަސްކުރިން ކައިރިން ބައްދަލުވެފައިވާ މީހުން ވެސް ކްލޯސް ވެސް ކޮންޓެކްޓްގެ ގޮތުގަ އެވެ.
އަތޮޅުތެރޭގެ ކަންކަން ކޯޑިނޭޓްކުރާ ޓީމުގައި އިސްކޮށް ހުންނަވާ އެޗްޕީއޭގެ އޮފިސަރު އަބްދުލް މައުރޫފް ވިދާޅުވީ ހޯޑެއްދުއަށް، އެ އަތޮޅު ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ދެ ނަރުހުންނާއި ޓެކްނިކަލް ދެ މީހުންގެ ޓީމެއް ފޮނުވާފައިވާ ކަމަށެވެ. ކޭސްތަކާ ގުޅުންހުރި ކަންކަން ދެނެގަނެ ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންޓެކްޓް ޓްރޭސިން ހަދާ ވަރަކުން ސާމްޕަލް ނެގުމުގެ މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހޯޑެއްދު އާއި މަޑަވެއްޔަކީ، ކޯޒްވޭއަކުން ގުޅާލާފައިވާ ދެ ރަށަށް ވުމުން، އިތުރަށް ބެލުމަށް މަޑަވެލި ވެސް މޮނިޓަރިންނަށް ވަނީ ލައިފަ އެވެ.
"އެ ސަރަަހައްދުގެ އިތުރު ރަށްރަށުން ވެސް ރެންޑަމް ސާމްޕަލް ނަގާނެ އިތުރަށް ބެލުމަށް، ވީހަ ވެސް ބަލަނީ ގިނަ ބަޔަކަށް ބައްދަލުވާނެ މީހުންގެ ސާމްޕަލް ނެގުމަށް،" މައުރޫފް ވިދާޅުވި އެވެ.