ހޯނޑެއްދޫން 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ހޯނޑެއްދޫން 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ. ހޯނޑެއްދޫން ކޮވިޑް-19 އަށް 19 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ ހޯނޑެއްދޫން 36 މީހެއްގެ ސާމްޕަލް ނެގިއިރު އޭގެ ތެރެއިން 19 މީހަކު ޕޮޒިޓިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި އަށް އަންހެނުންނެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެއް އަހަރުން ދަށުގެ ދެ ކުދިންނާއި އެއް އަހަރާއި 18 އަހަރާ ދެމެދުގެ އަށް މީހަކާއި 18-50 ދެމެދުގެ ހަތް މީހަކާއި 50 އަހަރުން މަތީގެ ދެ މީހުން ހިމެނެ އެވެ. މިއީ މާލެ ފިޔަވައި އެހެން ރަށެއްގައި ކޮވިޑް-19 އަށް މިހާ ގިނަ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެ ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ހޯނޑެއްދޫން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މާލެއިން އެ ރަށަށް ގޮސް ކަރަންޓީންގެ މުއްދަތު ހަމަ ކުރުމަށް ފަހު ޓެސްޓް ކުރި ބައެކެވެ. އެމީހުން ކަރަންޓީންވެފައި ތިބި ގެއިން ފޮއްޓެއް ގެންދިޔަ އެހެން ގެއެއްގެ ބަޔަކު ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

އެ ރަށް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

އިއްޔެއާ ހަމައަށް ކޮވިޑް-19 ރާއްޖެއިން ޖެހުނު މީހުންގެ އަދަދު ވަނީ 8،361 އަށް އަރައިފަ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު 162 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް-19 ގައި މިހާތަނަށް ރާއްޖެ އިން 29 މީހަކު ވަނީ މަރުވެފަ އެވެ.