ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކެލާ ސްކޫލުގައި ޕާކެއް ހަދައިފި
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކެލާ ސްކޫލުގައި ޕާކެއް ހަދައިފި

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން ހއ. ކެލާ ސްކޫލުގައި "ފިނި" ޕާކެއް ހަދައިފި އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކެލާ ސްކޫލުގައި ޕާކެއް ހަދައިފި
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ކެލާ ސްކޫލުގައި ޕާކެއް ހަދައިފި

މިއީ، އެ ސްކޫލުގެ ބޭރުގައި ބެލެނިވެރިން މަޑުކޮށްގެން ތިބެން ހެދި ހިތް ފަސޭހަ ޕާކެކެވެ. މި ޕާކުގެ އިތުރުން ސްކޫލަށް އަންނަ ދަރިވަރުންގެ ބައިސްކަލުތައް ޕާކު ކުރާނެ ޖާގައެއް ވެސް ވަނީ ހަދައިފަ އެވެ.

"ކެލާ ސްކޫލް ފިނި ޕާކު"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓަކީ ހއ. ކެލާ، އައިޑިއާސް ޖަމިއްޔާއިން އިސް ނަގައިން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.

"ބައިސްކަލްގައި ކުދިން ސްކޫލަށް ގޮވައިގެންދާ ބެލެނިވެރިން ވެސް އަދި ސްކޫލް ދަރިވަރުން ވެސް ސްކޫލަށް ވަނުމުގެ ކުރިން ތިބެން ޖެހެނީ ކޮޅަށް ބޭރުގައި، ބައެއްފަހަރު އަވިދޭ ގޮތަށް. މީގެ އިތުރުން ބައިސްކަލް ޕާކް ކުރުމަށް ވަކި ސަރަހައްދެއް ނެތުމުން އެކި ދިމަދިމާލުގައި ބައިސްކަލް ޕާކްކޮށްފައި ބަހައްޓާ. އަޅުގަނޑުމެން ވިސްނީ މިފަދަ ޕްރޮޖެކްޓަކުން ދޭ މާލީ އެހީއަށް ބަލާއިރު މިއީ ރަށަށް މިވަގުތަށް އެންމެ ބޭނުންވާ އެއް ކަމެއްގެ ގޮތުގައި،" އައިޑިއާސް ޖަމިއްޔާގެ އޮފިޝަލަކު ވިދާޅުވި އެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އައިޑިއާސް ޖަމިއްޔާއިން ކެލާގައި ނިންމި ޕްރޮޖެކްޓަކީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ފަސޭހަތަކެއް ހޯދައިދެވުނު، ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓު ކެލާ ރައްޔިތުން ބަލައިގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް، އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަކީ ކޮންމެ ކުއާޓާއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވާލެވޭ ޕްރޮޖެކްޓުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ފެށި ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއ، ތަޢުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

މި ކުއާޓާގެ ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނުވަ ވަނަ ދުވަހާ ހަމައަށް ބީއެމްއެލުން ވަނީ ހުޅުވާލައިފަ އެވެ. މި ފިޔަވަހީގެ ދަށުން ފަސް ޕްރޮޕޯސަލެއް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފަ އެވެ.