05 ސެޕްޓެމްބަރ 2020 - 13:08

އެމްޕީއެލުން ރޭގަނޑު ދޭ ބައެއް ޚިދުމަތްތަކުން 30 ޕަސެންޓުގެ ސާޗާޖު އުވާލަން އެ ކުންފުނިން ނިންމައިފި އެވެ.
އެ ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ ރޭގަނޑު 23:30 އިން ހެނދުނު 7:30އާ ދެމެދު ދޭ ބައެއް ޚިދުމަތްތަކުން 30 ޕަސެންޓް ސާޗާޖު އުވާލަން ނިންމީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން އެމްޕީއެލްގެ ބަނދަރުތަކުން ނަގާ ވޯފޭޖާއި ހޭންޑްލިން ޗާޖުތަކަށް ވެސް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްގެ ހެޑް އޮފް ކާގޯ އޮޕަރޭޝަންސް އަހުމަދު އިނާން "މިހާރު" އަށް ވިދާޅުވީ ސާޗާޖުގެ ގޮތުގައި ނަގާ 30 ޕަސެންޓު އުނިކޮށްލަން ނިންމީ އެ ޗާޖާ ގުޅިގެން ޝިޕިން އޭޖެންޓުން ވިޔަފާރިވެރިންގެ އަތުން އިތުރު ފީތައް ނަގަމުން އައުމާ ގުޅިގެން ކަމަށެވެ. އަދި މި ބަދަލާއެކު އެ ފީތައް ނަގަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސާޗާޖުގެ ގޮތުގައި 30 ޕަސެންޓް ނަގާތީއޭ ކިޔާފައި ހުރިހާ ކޮންޓެއިނާއަކުން ވެސް އޭޖެންޓުން އެބަހުރޭ އަގު ބޮޑުކޮށްފަ. މިހެން ހަދާތީ ވިޔަފާރިވެރިން ވެސް އެބަ ކަންބޮޑުވުން ފާޅުކުރޭ. ދެން މި ފީ ކަނޑާލީމަ އެއްވެސް ބަޔަކަށް ނޯންނާނެތާ އެމްޕީއެލް އާ ގުޅުވައިގެން ފީތައް ނެގޭކަށް." އިނާން ވިދާޅުވި އެވެ.
ރާއްޖެއަށް ގެންނަ މުދާ ކްލިއާ ކުރަން ޑެލިވަރި އޯޑާ (ޑީއޯ)އަށް އޭޖެންޓުން ތަފާތު ނަން ނަމުގައި ފީތައް ނަގާތީ ވިޔަފާރިވެރިން އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މުދާ ގަތުމަށް ދާ ފައިސާއަށް ވުރެ ގިނައިން ޑިއޯއަށް ފައިސާ ނަގާ ކަމަށް ގިނަ ވިޔަފާރިވެރިން ބުނެ އެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުން އަންނަ ކަމަށް ވެސް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.
މި ޗާޖުތައް ނެގުން ހުއްޓުވުމަށް ސަރުކާރުގެ އިދާރާތަކުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރޭގަނޑު ނަގާ 30 ޕަސެންޓުގެ ސާޗާޖު އުވާލުމަށް ޓްރާންސްޕޯޓު މިނިސްޓްރީގެ ލަފަޔާއެކު އެމްޕީއެލްގެ ބޯޑުން ނިންމާފައިވަނީ ވެސް މި ސަބަބާ ހުރެ އެވެ. މީގެ ސަބަބުން އެ ކުންފުނީގެ އާމްދަނީއަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ އެވެ.
އިނާން ވިދާޅުވި ގޮތުގައި އާމްދަނީ އިން ގެއްލިގެން ދާ ބައި ފޫބެއްދުމުގެ ގޮތުން އެ ކުންފުނިން ހޭންޑްލިން ވޯފޭޖުން ހަތް ޕަސެެންޓު ވަނީ އިތުރު ކޮށްފަ އެވެ. ނަމަވެސް މިއީ ކޮންސައިނީ (ވިޔަފާރިވެރިން) އަމިއްލައަށް އެމްޕީއެލް އަށް ދައްކަން ޖެހޭ ފީއަކަށް ވުމުން ޑީއޯއަށް އިތުރު ފީއެއް ދައްކަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.