ރައްކާތެރި ނޫން ވެކްސިން އެންޑޯޒެއް ނުކުރާނަން: ޑަބްލިއުއެޗްއޯ
ރައްކާތެރި ނޫން ވެކްސިން އެންޑޯޒެއް ނުކުރާނަން: ޑަބްލިއުއެޗްއޯ

ޖެނީވާ (ސެޕްޓެމްބަރު 5) - ކޮރޯނާވައިރަހަށް އުފައްދާ ވެކްސިންތަކުގެ ތެރޭން ރައްކާތެރި އަދި އިތުބާރު ކުރެވޭ ވެކްސިނެއް ނޫނީ އެންޑޯޒް ނުކުރާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ދަނީ ވިހާވެސް އަވަހަކަށް ކޮރޯނާވައިރަހަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އާއްމު ހާލަތްތަކުގައި އެކި މަރުހަލާތަކުގައި ވެކްސިނެއް ޓެސްޓްކޮށް ނެރުމަށް މަސްތަކެއް ނުވަތަ އަހަރުތަކެއް ނަގަ އެވެ. ނަމަވެސް ކޮރޯނާވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހަލުވިކަމާ އެކު އިތުރުވަމުންދާތީ ގައުމުތަކުން ދަނީ ބައެއް މަރުހަލާތައް ކުރުކޮށްލުމަށް ފަހު ވެކްސިން ނެރުމުގެ މަސައްކަތް ކުރަމުންނެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ އަވަސް އަރުވާލައިގެން ނެރޭ ވެކްސިންތަކަށް ޑަބްލިއުއެޗްއޯ އިން އެންޑޯޒްމަންޓެއް ނުދޭނެ ކަމަށެވެ.

އިންސާނުން ބޭނުންކޮށްގެން މިހާތަނަށް ވަނީ 30 އަށް ވުރެ ގިނަ ވެކްސިން ޓެސްޓްކޮށްފަ އެވެ. އޭގެ ތެރޭން އަށް ވެކްސިން މިހާރު ވަނީ ތިން ވަނަ ސްޓޭޖުގަ އެވެ.

ޑަބްލިއުއެޗްއޯ އިން އުއްމީދު ކުރަނީ މިހާރު ތިން ވަނަ ފޭހުގައިވާ ވެކްސިންތަކުގެ ނަތީޖާ އަހަރު ނިމުމުގެ ކުރިން ފެންނާނެ ކަމަށެވެ.

ކޮރޯނާވައިރަހަށް އުފައްދާ ވެކްސިން ހަމަހަމަކަމާ އެކު ހުރިހާ ގައުމަކަށް ވެސް ލިބޭނެ މަގު ފަހިކުރުމުގެ މަސައްކަތް ޑަބްލިއުއެޗްއޯ އިން މިހާރު ގެންދަނީ ކުރަމުންނެވެ.