06 ސެޕްޓެމްބަރ 2020 - 08:13

ޝާހްރުކް ޚާންގެ ޒަމާން މިހާރު ހިނގައްޖެ ކަމަށް ބުނާ މީހުން މަދެއް ނޫނެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ މީގެ ދެ އަހަރު ކުރިން ރިލީޒްކުރި އޭނާގެ އެންމެ ފަހުގެ ފިލްމު "ޒީރޯ" ވެސް ބޮޑު ފްލޮޕަކަށް ވުމުގެ ކުރިން، ކުޅުނު އެހެން ބައެއް ފިލްމުތައް ވެސް ބެލުންތެރިންނަށް އެއްގޮތަކަށް ވެސް ކަމަކު ނުދިއުމެވެ. އޭގެ ތެރޭގައި "ފޭން" އާއި "ހެރީ މެޓް ސޭޖަލް" ހިމެނެ އެވެ. މި ފަހުން ޝާހްރުކް ކުޅުނު ފިލްމުތަކުގެ ތެރެއިން ކިރިޔާ ވެސް ބެލުންތެރިންނަށް ކަމުދިޔަ ފިލްމަކީ 2017 ގެ "ރައީސް" އެވެ.
ބޮޑު ބަޖެޓަކުން ވަރަށް އުންމީދީ ފިލްމެއްގެ ގޮތުގައި ޑައިރެކްޓަރު އާނަންދު އެލް ރާއީ 2018 ގައި ގެނެސްދިން "ޒީރޯ" ފެނަށް ދިޔަ ހިސާބުން ޝާހްރުކް ފިލްމުތަކަށް ސޮއިކުރުން ވެސް މަޑުޖައްސާލައި، އެކްޓިން އިން ބްރޭކެއް ނެގި އެވެ. އަދިވެސް އޭނާ ހުރީ އެ ގޮތުގަ އެވެ.
ފިލްމުތައް އޭނާ އަށް ހުށަހަޅާ ވާހަކަ އާއި ބައެއް ފިލްމުތަކަށް އެއްބަސްވި ކަމަށް ބުނާ ވާހަކަތަކަކީ ފާއިތުވެގެން މި މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ނޫސްތަކުގެ ސުރުހީތަކަށް އަރާ ޚަބަރުތަކެކެވެ. އެކަމަކު އެއްވެސް ފިލްމަކަށް 2018 ގެ ފަހުން ސޮއިކުރިކަން މިހާތަނަށް ޝާހްރުކް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން 2018 ގެ ފަހުން ޝާހްރުކް ވަނީ 20 އަށް ވުރެ ގިނަ ފިލްމު ދޫކޮށްލައިފަ އެވެ. އޭގެ ތެރޭގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކާއި އަލީ އައްބާސް ޒަފަރުގެ ފިލްމަކާއި މަދޫރު ބަންޑާކަރްގެ ފިލްމެއްގެ އިތުރުން މަހޭޝް މަތާއި ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ސާރޭ ޖަހާ ސެ އައްޗާ (ސެލިއުޓް) އަކީ ވެސް ޝާހްރުކް ދޫކޮށްލި ފިލްމެކެވެ.
އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު 55 އަހަރު ފުރޭ އެކްޓަރަށް މި ފަހުން ފިލްމުތައް ހުށަހެޅި ކަމަށް ބުނާ ޑައިރެކްޓަރުންގެ ތެރޭގައި ރާޖްޖުމާރު ހިރާނީ އާއި ތަމަޅަ ޑައިރެކްޓަރު އެޓްލީ އާއި ރާޖް އެންޑް ޑީކޭގެ އިތުރުން ސިދާތު އާނަންދު ހިމެނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުގައި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ "ޕަތާން" އަކީ އެކްޓިންއާ ދުރުގައި ހުރި ޝާހްރުކް ދެން އެންމެ އަވަހަށް ކުޅޭނެ ފިލްމެވެ. އޭގެ ޝޫޓިން ނޮވެމްބަރު ފަށާ އިރު، ފިލްމު މި މަހުގެ 27 ގައި ރަސްމީކޮށް އިއުލާންކުރާނެ ކަމަށްވެ އެވެ.
ހިރާނީ ހަދާ ފިލްމަކަށް ޝާހްރުކް އެއްބަސްވެފައިވާ ކަމަށް މީޑިއާތަކުން ބުނަމުން އަންނަ އިރު، އެ ފިލްމުގެ މަސައްކަތް ފަށާނެ ކަމަށް ބެލެވެނީ "ޕަތާން" ނިންމުމަށް ފަހު އެވެ. ބައެއް ނޫސްތަކުން ބުނިގޮތުގައި ކެރިއަރު އަލުން ހަމައަކަށް އަޅުވަން ޝާހްރުކް އަންނަނީ އޭނާގެ އެންމެ ގާތް ބައެއް ޑައިރެކްޓަރުންނާ ވެސް ވާހަކަ ދައްކަމުންނެވެ.
އޭގެ ތެރޭގައި "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ޚުޝީ ކަބީ ޢަމް" އާއި "ކަބީ އަލްވިދާ ނާ ކެހެނާ" އަދި "މައި ނޭމް އިޒް ޚާން" ޝާހްރުކާ އެކު ގެނެސްދިން ކަރަން ޖޯހަރާއި ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖީ) ގެ ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ހިމެނެ އެވެ.
މީގެ އިތުރުން ކަބީރު ޚާނާ އެކު ވެސް ފިލްމެއްގެ ވާހަކަ ޝާހްރުކް ދައްކަމުން އަންނަ ކަމަށްވެ އެވެ. ސަލްމާން ޚާނާ އެކު ކަބީރް 2017 ގައި ގެނެސްދިން "ޓިއުބްލައިޓް" ގެ ހާއްސަ ފެނިލުމެއް ޝާހްރުކް ކުޅެފައިވެ އެވެ. އެކަމަކު ކަބީރްގެ ފިލްމެއްގެ ބަތަލުގެ ރޯލް މިހާތަނަށް ޝާހްރުކް ކުޅެފައެއް ނުވެ އެވެ.
ފޭނުން މިހާރު އިންތިޒާރު ކުރަނީ މި މަހުގެ 27 އަށެވެ. "ޕަތާން" ގެ ވާހަކަ އަކީ ތެދެއްތޯ ބަލަން ގިނަ ބަޔަކު ބޭނުންވެ އެވެ.